"އާޝޫރާ ދުވަހުގެ މާތްކަން" މި ނަމުގައި މިދިޔަ ހުކުރު ދުވަހު ދިން ހުތުބާގައި ސައްހަ ނޫން މައުލޫމަތު ހިމަނާފައިވާތީ ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ހުތުބާގައި ސައްހަ ނޫން ހަދީސްއެއް ނުވަތަ މައުލޫމާތެއް ނުހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
"އާޝޫރާ ދުވަހުގެ މާތްކަން" މި ނަމުގައި މުޅި ރާއްޖޭގައި މިދިޔަ ހުކުރު ދުވަހު ދިން ހުތުބާގައި އާޝޫރާ ދުވަހާއި ގުޅިގެން ވަރަށް ގިނަ މިސާލުތައް ގެނެސްފައިވެ އެވެ. އެގޮތުން އާޝޫރާ ދުވަހުގެ މާތްކަމާ މަތިވެރިކަމާ އެދުވަސް މުސްލިމުން ފާހަގަކުރަންވީ ކީއްވެގެންކަން ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ.
އެގޮތުން ޔޫނުސްގެފާނު މަހުގެ ބަނޑު ތެރެއިން ސަލާމަތްވެވަޑައިގަތީވެސް އާޝޫރާ ދުވަހެއްގައި ކަމަށާ އައްޔޫބުގެފާނު އިމްތިހާނު ކުރެއްވުމުގެ ގޮތުން އެކަލޭގެފާނަށް ޖެއްސެވި ބޮޑު އާލާސްކަންފުޅުން އެކަލޭގެފާނު ސަލާމަތް ކުރެއްވީވެސް އާޝޫރާ ދުވަހެއްގައި ކަމަށާ އަދި އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތް ކުރައްވާ ފިރުއައުނާ އޭނާގެ ލަޝްކަރު ޣަރަގު ކުރެއްވި ދުވަސް ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެ އެވެ.
ނަމަވެސް ހުތުބާގައި ހިމަނާފައިވާ ގިނަ މިސާލުތަކަކީ ސައްހަ މިސާލުތަކެއް ނޫން ކަމަށް ބައެއް އިލްމުވެރީން ވިދާޅުވެފައިވެއެވެ. އެގޮތުން ފިރުއައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނުގެ ގައުމުގެ މީހުން ސަލާމަތް ކުރެއްވި ވާހަކަ ނޫން އެހެން ވާހަކަތަކަކީ ސައްހަކަ ވާހަކަތަކެއް ނޫން ކަމަށެވެ.
ވަރަށް ގިނަ އިލްމުވެރީން ވަނީ މިއަދުގެ ހުތުބާ ލިޔުއްވީ ކޮން ބޭފުޅެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ހުތުބާ ޗެކު ކުރައްވަނީ ކޮން ބޭފުޅެއްތޯ ވެސް ސުވާލު ކުރައްވާފައިވެެއެވެ. މި ފަހުން ހުތުބާ ލިޔުއްވާ ބޭފުޅުންގެ ނަމެއް ހާމައެއް ނުކުރެއެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހުތުބާގައި ގެންނަވާފައިވާ މިސާލުތައް ފާހަގަ ކުރައްވާ ސާބިތުނުވާ ވާހަކަތައް ހުތުބާގައި ގެންނެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސައްހަ ނޫން ކަމަށް އެ އިލްމުވެރިން ވިދާޅުވާ ވާހަކަތަކަކީ ތަފްސީރު ފޮތްތަކުގައި ބައެއް އިލްމުވެރިން ގެނެސްފައިވާ ވާހަކަަތައް ކަމަށެވެ. އަދި އެ މިސާލުތަކަކީ ފިގުހީ އަދި އަގީދާއާއި ގުޅުން ހުރި ވާހަކަތަކެއް ނޫން ކަމަށްވެސް ބުނެއެވެ.
މިނިސްޓްރީން ބުނީ ހުކުރު ހުތުބާއާއި އެނޫންވެސް ހުތުބާ ތަކަކީ ވަރަށް ރަނގަޅަަށް ފާސްކޮށްގެން ގެނެސްދޭ އެއްޗެއް ކަމަށެވެ.