ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.
މި މައްސަލައިގައި ދައުވާ ލިބެނީ ކުރީގެ ރައީސް ޔާމީނަށާއި އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.
މި މައްސަލައިގައި ދެން ހިމެނޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވީ ނަމަވެސް އޭނާގެ ބައި ދައުލަތުން ވަނީ އަނބުރާ ގެނެސްފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދު ތާވަލުކުރި ޝަރީއަތް ކެންސަލްކޮށްފި ވަނީ މި މައްސަލާގައި ދައުވާ ކޮށްފައިވާ ސަން ކުންފުނީގެ ވަކީލުން އެހެން ކޯޓަކަށް ހާޒިރުވާން އަންގާފައިވާތީ ކަމަށެވެ.
މި މައްސަލައިގައި މިއަދަށް ތާވަލުކުރި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިންމާލަން ކުރިން ވަނީ ހަމަޖެހިފަ އެވެ.
ކޯޓްގައި މި މައްސަލަ ހިނގަމުންދާއިރު، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި އެމަނިކުފާނަށް އިއްވި ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ. ނަމަވެސް ހައި ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން މި ވަގުތަށް އިސްތިއުނާފު މައްސަލަ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.