ފޯރިގަދަ ރިޔާސީ އިންތިޚާބު އައިސް ޖެހިއްޖެ އެވެ. އެއާއެކު ވައުދުތަކާ އަހުދުތަކުގެ މޫސުން ވެސް އައީ އެވެ.
ވެރިކަމަށް ފައި ނަގާފައިވާ ސިޔާސީ ޕާޓީތަކާއި އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ ފުއްދާނެ ކަމަށް ބުނެ ބިޔަ ބޮޑު ވައުދުތަކެއް ވަމުންނެވެ. ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ގާތްގަނޑަކަށް ހުރިހާ ކަމެއް ވެސް ކޮށް ދޭނެ ކަމަށް އަންނަނީ ވައުދުވަމުންނެވެ. އެއާއެކު ހިތަށް ފިނިކަމެއް ލިބި އުންމީދުތަކެއް އާވި ކަމަށް ވިޔަސް ވައުދުތައް ފުއްދަނީ ކިހިނެއްތޯ ވިސްނާލުމުން އުފެދޭ ސުވާލުތައް ގިނަ އެވެ.
އެ ސުވާލުތަކަށް ވައުދުވާ ފަރާތްތަކުން ޖަވާބެއް ނުދެ އެވެ.
ރައްޔިތުންނަށް ކުރާ ވައުދުތައް ފުއްދަން ޚަރަދުކުރަން ޖެހެނީ ރައްޔިތުންގެ ފައިސާއިން ކަމަށް ވާއިރު އެފައިސާ ހޯދާނީ ކިހިނެއްތޯ ސުވާލު ކުރަން ޖެހެ އެވެ. އެ ކުރާ ސުވާލަށް ޖަވާބު ވެސް ލިބެން ޖެހެ އެވެ. ކެމްޕޭނަށްޓަކައި ދައްކާ ވާހަކަ ދެކޮޅު ޖެހޭނީ އޭރުންނެވެ. އެހެން ނޫނީ އެކި ރަށްރަށަށް އެކި ކަންތައް ކޮށްދޭނަމޭ ބުނެ ދައްކާ ވާހަކަ ވާނީ ހޮޅި ވާހަކައަށެވެ. އިވެމުންދާ އަޑުތަކަށް ބަލާއިރު ފިތްކަނޑައިގެންދާ ވަރުގެ ބޮޑެތި ވައުދުތަކުގެ ލިސްޓެއް އެބަ އޮތެވެ.
ޖޭޕީގެ ވައުދު
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއަކީ ރައީސް ސޯލިހު ފިޔަވައި އެންމެ ގިނަ އަދަދަކަށް ކެމްޕޭނަށް ވައުދުތައް ކުރައްވަމުން ގެންދަވާ ފަރާތެވެ.
އެ މަނިކުފާނުގެ ވައުދުތަކުގެ ތެރެއަށް އެންމެ ފަހުން އިތުރުވެގެން ދިޔައީ ހިޔާ މަޝްރޫއުގެ ދަށުން އަޅައިފައިވާ ހުރިހާ ފްލެޓުތަކުގެ ކުލި ކަނޑާލުމާއެކު އިތުރު 20،000 ފްލެޓް އަޅައި ހިލޭ ދިނުމުގެ ވައުދެވެ. ފްލެޓް ލިބޭ މީހުންނަށް މިއީ އުފާވެރި ޚަބަރަކަށް ވެދާނެ އެވެ. އެކަމަކު މި އުފާވެރި ވައުދާ ގުޅިގެން ވިސްނަންޖެހޭ ކަމަކީ ފްލެޓުތައް އަޅަން ނެގި ލޯނުތައް ދައްކާނީ ކޮން ގޮތަކަށް ހެއްޔެވެ؟
ރައީސް ޔާމީންގެ ސަރުކާރުން އިމާރާތްކޮށް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަވާލުކުރި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަގަކީ ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ އެވެ. އެއީ ދިވެހި ސަރުކާރުން ދައްކަން ޖެހޭ ލޯނެކެވެ. ފަސް އަހަރުގެ ގްރޭސް ޕީރީޑަކަށް ފަހު 15 ޕަސެންޓުގެ އިންޓްރެސްޓާ އެކު 15 އަހަރުގެ ތެރޭގައި އެފައިސާ ދައްކައި ނިންމަން ޖެހެ އެވެ.
ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް މިއަދުގެ ސަރުކާރަށް ނުކުޅެދިފައި ވަނީ އެ ލޯނު ދައްކަން ކުރަން ޖެހޭ ޚަރަދުގެ ބޮޑު ބައެއް ކުލިން ހަމަޖައްސަން ޖެހޭތީ އެވެ. އެހެން ކަމުން އެ ފައިސާ މާފުކޮށްދެއްވުމަށް ފަހު ސަރުކާރުން ލޯނު ދައްކަން ބޭނުންވާ އިތުރު ފައިސާ ހޯދާނެ ގޮތެއް ޖުމުހޫރީ ޕާޓީ އިން ކިޔައި ދޭން ޖެހެ އެވެ. އެހެން ނޫން ނަމަ ކެމްޕޭން ވައުދަކަށް ވިޔަސް އެ ދެކެވެނީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައަކަށް ނުވާނެ އެވެ.
އެމްޑީޕީގެ ވައުދު
އެމްޑީޕީއަކީ މިހާރުގެ ސަރުކާރުން ހިންގާ ޕާޓީ އެވެ. ޕާޓީ ވެރިކަމަށް އައިސްފައި އޮތީ ގިނަ ވައުދުތަކެއްވުމަށް ފަހު އެވެ.
ވެރިކަމުގެ ދައުރު ނިމި އަނެއް ދައުރަށް ވޯޓުލާ ދުވަސް ކައިރި ވިއިރު އެޕާޓީ އިން ކުރިން ވެފައިހުރި ގިނަ ވައުދުތަކެއް ވަނީ ނުފުއްދި އެވެ. މާލެއާއި ވިލިނގިއްޔާ ގުޅުވުމަށް ފަހު، ގުޅިފަޅުން ރަށެއް ހިއްކައި އެރަށް ވެސް ހިމެނޭހެން ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖުގެ ނަމުގައި އަޅަން ވައުދުވި ބްރިޖާކީ މި ސަރުކާރުގެ އެންމެ މުހިންމު ވައުދެވެ. އެވައުދު ވެސް އަދި އޮތީ ނުފުއްދި އެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށް ވެފައިވާ ވައުދުތައް ނުފުއްދޭ ކަމުގެ އަޑުތައް ގަދަ އެވެ.
ވައުދުތައް ނުފުދި ފަސް އަހަރު ނިމިގެންދިޔަ ކަމުގައި ވިޔަސް މިފަހަރުގެ ކެމްޕޭނުގައި ވެސް ރައީސް ސޯލިހު ގެންދަވަނީ ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ. ވަޑައިގަންނަވާ ކޮންމެ ރަށަކަށް ވެސް ބަނދަރާއި އެއާޕޯޓާއި ޕިކްނިކް އައިލެންޑް ފަދަ ބޮޑެތި ކަންތައް ދެން އަންނަ ދައުރެއްގައި ކޮށް ދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވަ އެވެ. ނަމަވެސް އެއިން އެއްވެސް މަޝްރޫއަކަށް ފައިސާ ހޯއްދަވާނެ ގޮތެއް ކެމްޕޭނުގެ ވާހަކަތަކުގައި ނުހިމެނެ އެވެ.
ޖުމުހޫރީ ޕާޓީ އާއި ރައީސް ސޯލިހެކޭ އެއްފަދައިން ވެރިކަމަށް ކުރިމަތިލައިފައިވާ އެހެން ފަރާތްތަކުންވެސް ބޮޑެތި ވައުދުތަކެއް ވަމުން ގެންދާއިރު ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތީ އެފަދަ ވައުދުތަކެއް ފުއްދޭފަދަ ފެންވަރެއްގައި ކަމަށް ނުފެނެ އެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖޭގެ ދަރަންޏާ ބެހޭ ގޮތުން އަންނަނީ އިންޒާރު ދެމުންނެވެ.
ފާއިތުވި ފަސް އަހަރަށް ބަލާއިރު ދަރަނި އައިސްފައި ވަނީ ރެކޯޑު އަދަދަކަށް މަތިވަމުންނެވެ. 2022 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ދަރަނީގެ ނިސްބަތް ހުރީ ޖީޑީޕީގެ ނިސްބަތުން 154.39 ޕަސެންޓްގަ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 75.58 ޕަސެންޓް ބޮޑު އަދަދެކެވެ. 2022 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދަރައިފައިވާ 105 ބިލިއަން ރުފިޔާގެ ދަރަނި އެއްވެސް ހިފެހެއްޓުމެއް ނެތި 2023 ވަނަ އަހަރު ދަނީ މަތި ވަމުންނެވެ. ކަމާ ބެހޭ ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި ރާއްޖޭގެ ދަރަނި އިތުރުވަމުންދާ ނިސްބަތް ކުރިޔަށް އޮތް ފަސް އަހަރު ވެސް މަޑު ނުޖެހި ދާނީ މަތިވަމުންނެވެ. އެހެންކަމުން އުފެއްދުންތެރިކަމަށް ވުރެ އެތައް ގުނަ ބޮޑު ދަރަންޏަކާއެކު އެ ދަރަނި ދެއްކުމަށް ނުކުޅެދި ގައުމު ބަނގުރޫޓު ވެދާނެކަމުގެ އިންޒާރު ދުނިޔޭގެ މާލީ އިދާރާތަކުން އަންނަނީ ދެނުންނެވެ.
ސަރުކާރުގެ އާމްދަނީއަށް ބަލާއިރު ދަރަނި ދެއްކުމަށްފަހު މާބޮޑު ޚަރަދެއް ކުރެވެން އޮތް ކަމަކަށް ނުފެނެ އެވެ. އެހެންކަމުން ބޮޑެތި ޕްރޮޖެކްޓްތަކަށް ވައުދު ވާއިރު އެ ޕްރޮޖެކްޓްތަކަށް ޚަރަދު ކުރާނެ ފައިސާ ހޯދާނެ ގޮތެއް ވެސް ކިޔާ ދޭން ޖެހެ އެވެ. އެހެން ނޫން ނަމަ ކެމްޕޭނުގައިވާ ވައުދުތަކަކީ ދައްކާ ފްލޯކު ވާހަކަތަކަކަށް ވުން ގާތެވެ.