ހއ. އުލިގަމުގެ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު ނިމޭއިރު ޔޮޓުފަހަރަށް މި ރަށަށް ކައިރި ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިހާރު ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު އެ އަތޮޅު އުލިގަމަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އުލިގަމަކީ މާލެ ފިޔަވައި ރާއްޖޭގައި އެންމެ ގިނައިން ޔޮޓުފަހަރު ވަންނަ ރަށް ކަން ފާހަގަކުރައްވައި، މި ރަށުގެ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު ނިމެގެންދާއިރު ޔޮޓުފަހަރަށް މި ރަށަށް ކައިރި ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
"އުލިގަމަކީ ޔޮޓުފަހަރު އެންމެ ގިނައިން އަންނަ ރަށް ކަމަށް ވާތީ މި ރަށުގެ ބަނދަރު ހެދިގެން ދާއިރު އޭގެ ތެރޭގައި ޔޮޓު ފަހަރު ވެސް ކައިރިކުރެވޭނެ ރަނގަޅު ނިޒާމަކާއެކު ތަރައްގީ ކުރާނީ،" ރައީސް ވިދާޅުވި އެވެ.
އުލިގަމު ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް މަޝްރޫއު މިހާރު ވަނީ އެމްޓީސީސީއާ ހަވާލު ކޮށްފަ އެވެ.
އުލިގަމަކީ ކުރިން ވެސް ޓޫރިޒަމަށް ފައްކާ ވެފައި އޮތް ރަށެއްކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި އެރަށުގައި ހޮޓަލެއް އެޅުމުގެ މަސައްކަތް ފެށި ކަމަށެވެ. އެހެން ނަމަވެސް ފަހު އައި ސަރުކާރުން އެމަޝްރޫއު ހުއްޓާލިކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"އެ މަސައްކަތް ކުރަން އުނދަގޫތަކެއް ކުރިމަތިވި. ސަބަބަކީ ދެން ވެރިކަމަށް އައި ސަރުކާރުން ކަން ކޮށްފައި އޮތް ގޮތުން. ބޭރު ބަޔަކާ އެކީ ގުޅި އާމަރީއެއް ހަދާ, މިތަނުން ދަތުރު ކުރެވޭ އުޅަނދު ފަހަރަށް އޭގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުގައި ކޮށްފައި އޮތް "އަޑި ނެނގޭ" އެއްބަސްވުމެކޭ ދަންނަވަން ކެރިދާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އުލިގަމުގައި ހޮޓެލް އެޅުމަށްޓަކައި ބިންތަކެއް މި ސަރުކާރުން ވަނީ ކައުންސިލާ ހަވާލުވެސްކޮށްފަ އެވެ. އޭގެ ތެރެއިން ދެ ބިމެއް ކުއްޔަށް ދީގެން ކައުންސިލަށް މިހާރު އާމްދަނީ ލިބޭ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މިޖަލްސާގައި ރައީސް ސޯލިހު ވަނީ އިތުރު ދައުރަކަށް ހޮވިވަޑައިގެންފި ނަމަ އުލިގަމަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެފަ އެވެ. އެއީ ހައުސިން ޔުނިޓުތަކެއް އިމާރާތް ކުރުމުގެ މަޝްރޫއުއާއި މި ރަށު މައި މަގުގައި ތާރުއެޅުން ހިމެނެ އެވެ.