ޕީޕީއެމްގެ ވެރިކަމެއްގައި އިންޑިއާއާ އޮންނާނީ ވަރަށް ގާތް ގުޅުމެއް ކަމުގައި އެ ޕާޓީގެ ފަރާތުން ބުނުމުން ހައިރާންވާ މީހުންގެ ސުވާލަކަށްވެފައި ވަނީ އެހެން ވެއްޖެއްޔާ ދެން ކޮން އިންޑިއާ އައުޓެއް ހެއްޔެވެ. ޕީޕީއެމް އިން ހިންގާ ހުރިހާ ސިޔާސީ ހަރަކާތެއްގައިހެން މައިގަނޑު ޝިއާރަކަށް ގޮވާ އިންޑިޔާ އައުޓަކީ އެއިގެ ސިޔާސީ ބަރުދަނާ ބެހޭގޮތުން ބަހުސު ކުރެވޭ ޝިއާރަކަށްވެފައިވާ އިރު އެ ޝިއާރުގެ މަގުސަދަކީ ކޮބައިކަން އެކި މީހުން އެކި ގޮތަށް ދޭހަ ކުރަމުން އަންނަތަން ފެނެއެވެ.
އިންޑިއާ އައުޓު ކެމްޕާނަކީ ކުރީގެ ރައީސް ޔާމީނު އަބުދުލް ގައްޔޫމުގެ ސަރުކާރުގެ ފަހުކޮޅު އިންޑިޔާ ސަރުކާރުން ރާއްޖޭގެ ސިޔާސީ ކަންތަކަށް އަތް ބާނަން އުޅޭ ކަމުގެ ތުހުމަތު ކުރެވުމާ އެކު އުފެދުނު ނުތަނަވަސްކަމުން އުފަންވި ކެމްޕޭނެކެވެ. އެ ކެމްޕޭން ރަސްމީ ސިފައެއްގައި ހިންްގަން ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއާ އެކު އޮންނަ ގުޅުން އާދަޔާ ޚިލާފަށް ބޮޑުވެ އިންޑިޔާގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ ތިބުމަށް ހައްލެއް ނައުމުންނެވެ. ޚާއްސަކޮށް އުތުރު ތިލަފަޅުގައި ސިފައިންގެ ހާބަރެއް ގާއިމު ކުރުމުގެ މަޝްރޫއު އިންޑިޔާ އަށް ހަވާލުކުރި ކުރުމާއި އެ މަޝްރޫގެ ތަފުސީލު ސަރުކާރުން ސިއްރު ކުރި ކުރުން ވެގެން ދިޔައީ އިންޑިޔާ އައުޓު ކެމްޕޭން އުފެދެން މެދުވެރިވި ސަބަބު ކަމަށެވެ. ކެމްޕޭނުގެ ބޭނުމަކީ ދިވެހި ރާއްޖޭގައި އިންޑިޔާގެ މިލިޓަރީ އެއްވެސް ހަރަކާތެއް ހިންގުމާ ދިވެހިން ދެކޮޅުކަން ހާމަކޮށް ދިނުމެވެ.
ޕީޕީއެމް/ޕީއެންސީން ހިންގަމުން ގެންދާ އިންޑިޔާ އައުޓު ކެމެޕޭނަކީ ދިވެހި ސަރުކާރާއި ކުރީގެ ރައީސް މުހަންމަދު ނަޝީދު ވެސް ދެކޮޅު ހަރަކާތްތަކެވެ. ސަރުކާރުން ވަނީ އެ ހަރަކާތަކީ ރާއްޖެ އާއި އަވަށްޓެރި ގައުމުތަކާ ދޭތެރޭ މައްސަލަ ޖެހި ގުޅުންތަކަށް ބުރޫ އަރާނެ ކަމެއް ކަމުގައި ބުނެ ގާނޫ ތަކެއް ހަދައިގެން ވެސް އެ ހަރަކާތް ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ކުރީގެ ރައީސް ނަޝީދު ވެސް ވަނީ ތަފާތު އެކި ފުރުސަތުތަކުގައި އެ ހަރަކާތާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ.
ކުރީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި، ރައީސް ޔާމީނާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކު "ހުރިހާ" އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ޔާމީނުގެ ވެރިކަމުގައި އިންޑިޔާއާ އެކު ބޭއްވީ ވަރަށް ޚާއްސަ ގުޅުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި "އިންޑިޔާ ފަސްޓް" ޕޮލިސީ އަކީ ވެސް ރައީސް ޔާމީން ތައާރަފް ކުރެއްވި ސިޔާސަތެކެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އިންޑިޔާއާ އޮންނާނެ ގުޅުމާ ދޭތެރޭގައި ޝައްކެއް ކުރާކަށް ނުޖެހެއެވެ.
އިންޑިޔާ ފަސްޓު ޕޮލިސީއެއް ޔާމީނުގެ ވެރިކަމުގައި ގެންގުޅުއްވައި، ބޭރުގެ ގުޅުންތަކުގައި އިންޑިޔާ އަށް އިސްކަން ދެއްވި ނަމަވެސް އެވެރިކަން ނިމުނު އިރު އެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރު ވެފައެވެ.
ކުރިން ވާހަކަ ދެއްކެވި ޕީޕީއެމްގެ އޮފިޝަލް ނަން ހާމަނުކުރާ ގޮތަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިންޑިޔާ އާއި ޔާމީނާ މައްސަލަ ޖެހޭ ހިސާބަކީ ރާއްޖޭގެ އެތެރޭގެ ކަންތަކާ އިންޑިޔާ ބެހޭ ހިސާބެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޔާމީންގެ އެ ސިޔާސަތަކީ ކޮންމެހެން އިންޑިޔާއާ ދޭތެރޭ އެކަނި އޮންނަ ސިޔާސަތެއް ނޫނެވެ. ރާއްޖެއަށް ޔާމީނުގެ ވެރިކަމުގއި ގިނަގުނަ އެހީތަކެއް ވެދިން ޗައިނާ އަށް ވެސް ރާއްޖޭގެ އެތެރޭގެ ސިޔާސަތާ ބެހުމުގެ ފުރުސަތެއް ރައީސް ޔާމީނު ނުދެއްވައެވެ. ސަލާމަތީ ގޮތުން ނާޒުކު އެއްވެސް މަޝްރޫއެއް ވެސް ޗައިނާއާ ހަވާލެއް ނުކުރައްވައެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމި އިބްރާހިމް މުހަންމަދު ސޯލިހުގެ ވެރިކަމުގައި ފެންނަމުން އަންނަނީ އިންޑިޔާ ސަރުކާރާ އެކު ޚާއްސަ ގުޅުންތަކެއް ބާއްވަމުން އަންނަ ތަނެވެ. އެ ގުޅުންތަކުގެ ތެރެއިން އުފަންވި އުތުރު ތިލަފުށި ބަނަދަރުގެ މައްސަލައަކީ ރައީސް ޔާމީނެކޭ އެއްފަދައިން ގިނައަދަދެއްގެ ސިޔާސީ ބޭފުޅުން ކަންބޮޑުވާ މަޝްރޫއެކެވެ. އިންޑިޔާ ސަރުކާރާ އެކު ބަނދަރު ހެދުމަށްވެފައި އޮތް އެއްބަސް ވުން މިހާތަނަށް ދިވެހި ސަރުކާރުން ހާމަނުކުރި ނުކުރުންވީ އެ މަޝަރޫއުގައި ނުބައެއް އުޅޭ ކަމަށް ސިޔާސީ ފަރާތްތަކަށް ޝައްކު ކުރަން ލިބުނު އިތުރު ފުރުސަތަކަށެވެ.
އިންޑިޔާ ސިފައިން ހަތިޔާރާ އެކު ރާއްޖޭގައި ގާއިމްވެ ތިބޭ ތިބުމާއި އިންޑިޔާ ސަރުކާރަށް ރާއްޖޭގެ ސަލާމަތީ ކަންތަކަށް ބާރު ފޯރުވޭ ގޮތަށް މަގުފަހިވެގެން ދިއުން ފަދަ ކަންތަކަކީ މިހާރުގެ އިދިކޮޅު ސިޔާސީ ހަރަކާތް ކަމުގައިވާ ޕީޕީއެމް/ޕީއެންސީން ދެކޮޅު ހަދާ ކަންތަކެވެ. "އިންޑިޔާ އައުޓް" ކެމެޕޭނަކީ އެކަންތަކާ ދެކޮޅަށް ހިންގާ ހަރަކާތެކެވެ. އެކަމަކާ ދިވެހި / އިންޑިއާ އާ ގުޅުމެއް ނެތެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއގައި އެންމެ ގާތް ގުޅުމެއް އޮންނާނީ އިންޑިޔާއާ ކަމުގައި ބުނާ ވާހަކަ ގަބޫލު ކުރަން ފަސޭހައެވެ.