ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުންގެ މެދުގައި އަބަދުވެސް ކުރެވޭ ބަހުސެއް އޮވެ އެވެ.
އެއް ބަޔަކު ބުނާ ގޮތުގައި ބަރުދަން ހިއްކާލަން އެންމެ ރަނގަޅީ ކަސްރަތުކުރުމެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެކަމަށް އެންމެ މޮޅީ ޑައިޓުކުރުމެވެ.
ކޮންމެއަކަސް މި ބަހުސަށް ސައިންޓިފިކް ގޮތުން އަދި ސިއްހީ ގޮތުން ނަޒަރު ހިންގާލާއިރު ބުނެވެން އޮތީ މި ދެކަމަކީ ވެސް ބަރުދަން ލުއިކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަންތައްތަކެއް ކަމެވެ.
ޑައިޓަކީ ބަރުދަން ލުއިކުރުމަށް ހަށިގަނޑަށް އެތެރެވާ ކެލޮރީ މަދުކުރުމަށް އެންމެ އަސަރު ހުރި ގޮތެވެ. ބަރުދަން ލުއިކުރުމުގައި ގެންގުޅޭ އުކުޅެއް ކަމަށްވާ 80/20 ކޮންޓެކްސްޓްގައި ބުނާ ގޮތުން ބަރުދަން ލުއިވަނީ 80 ޕަސެންޓް ކާ ކެއުމުން އަދި އަނެއް 20 ޕަސެންޓަކީ ކުރާ ކަސްރަތުން ކަމެވެ.
ހަމަ އެގޮތަށް ކަސްރަތުކުރުމަކީ ވެސް ގިނަ ގޮތްގޮތުން ބަރުދަން ލުއިކުރުމަށް އެހީވެދޭ ކަމެކެވެ. ކަސްރަތުގެ ސަބަބުން މަސްތަކުގެ ވަރު ގަދަވާއިރު އެއީ ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުކޮށްދީ ސަރުބީ ވިރުން އަވަސް ކޮށްދޭ ކަމެކެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، ބަރުދަން ލުއިކުރަން މަސައްކަތް ކުރާ ކޮންމެ މީހަކަށް އޮތް އެންމެ މޮޅު ގޮތަކީ ޑައިޓްކުރުމާއި ކަސްރަތުކުރުން އެކީގައި ކުރިއަށް ގެންދިއުމެވެ.