އިދިކޮޅު ޕީޕީއެމް ކޯލިޝަންއިން އެއްވެސް ޕާޓީއަކާއި އެކު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ނަހަދާނެ ކަމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުން އިއްޔެ ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއެކު މަޝްވަރާ ކުރައްވާފަ އެވެ. އެ މަޝްވަރާތަކުގައި ވެސް ކޯލިޝަން ހެދުމުގެ ވާހަކަ ނުދައްކާ ކަމަށް ޕިޕީއެމް އިން ބުނެ އެވެ.
މިއަދު ޕީޕީއެމް ކޯލިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަން ބަދަލުވާން ޖެހޭ ކަމަށް، ރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ލީޑަރުން އިއްތިފާގުވާ ކަމަށެވެ. އަދި ޕާޓީތަކާއެކު ބައްވާ މަޝްވަރާތަކުގެ އެންމެ މުހިންމު ކަމަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމްއިން ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށެވެ.
"އަޅުގަނޑުމެންނާ ބަޔަކާ ކޯލިޝަން ހަދާ ވާހަކައެއް ނުދައްކަން ފުރަތަމަ ބުރަކުއެއް، ޑިމޮކްރެޓްސް އާއި އެކުވެސް ޖޭޕީ އާއި އެކުވެސް އަދި އެމްއެންޕީއާއި އެކުވެސް މަޝްވަރާ ކުރެވޭ ގައުމީ މައްސަލަތަކުގަ އޭގެތެރެއިން ރިޔާސީ އިންތިހާބުގެ ވާހަކަތައް ވެސް ދެކެވޭނެ،" އޭނާ ވިދާޅުވި އެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ގާސިމް އިބްރާހީމް އާއެކު ބޭއްވި ބައްދަލުވުމުގައި ޖޭޕީ އާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. އަދި އެހެން ޕާޓީއެއްގެ ފަހަތަށް އެރުމާ ގުޅޭގޮތުން ވެސް މަޝްވަރާނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމީ މައްސަލަތަކެއްގައި އަޅުގަނޑުމެން މި މަޝްވަރާ ކުރަނީ މިއަދު ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގައުމީ މައްސަލައަކީ ރައީސް ސޯލިހު ވެރިކަމުން ބޭލުން ރައީސް ސޯލިހު ވެރިކަމުގަ ހުރުމުގެ ސަބަބުން ގައުމުގެ ސަލަަތާ ރައްކާތެރިކަމަށް އަސަރުކުރާ މައްސަލަ އަދި އެތައް ދިވެހި ރައްޔިތުންނަކަށް އަނިޔާވަމުންދާ މައްސަލަ އެއީ އެންމެ ބޮޑު މައްސަލައަކީ،" އަދުރޭ ވިދާޅުވި އެވެ.
ޕީޕީއެމް ކޯލިޝަނުން އަންނަނީ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއެކު ވެސް މަޝްވަރާތައް ބާއްވަމުންނެވެ.
ފޮނުވާ ޚިޔާލު ނޫސްތަކުން ކިޔުންތެރިންނަށް ނުދައްކާތީ ޚިޔާލު ފޮނުވާކަށް ބޭނުމެއްނުވޭ. މިވެރިން ތިބީ ބިރުވެރިކަމެއްގައި