ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިން ހާލަތުގައި އޮތް ގދ. މަޑަވެލިން، ހުއްދަ ހޯދުމެއް ނެތި ފުރި މީހަކު ހައްޔަރުކޮށްފި އެވެ.
މަޑަވެއްޔާއި ކޯޒްވޭއަކުން ގުޅިފައި އޮންނަ ހޯޑެއްދޫން ވަނީ ކޮވިޑް-19 ޖެހިފައި ތިބި 36 މީހަކު ފެނިފަ އެވެ. ހޯޑެއްދޫއަކީ މާލެ ސަރަހައްދު ފިޔަވައި އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ރަށެވެ. އެ ރަށަށް އަރާ ފޭބުން މިހާރު ވަނީ މަނާ ވެސް ކޮށްފަ އެވެ.
އަދި ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރަމުންދާ އިރު، މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ވަނީ ފާހަގަ ކުރެވިފަ އެވެ.
ފުލުހުން ބުނީ، ހުއްދަ ހޯދުމެއް ނެތި، އެޗްޕީއޭގެ ގައިޑްލާއިނާއި ހިލާފަށް، މަޑަވެލިން ފުރައިގެން ބ. ދޮންފަނަށް އެރި 29 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގއަި ކަމަށް ވެސް ފުލުހުން ބުންޏެވެ.