ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވެސް ކުރިމަތި ނުލައްވާ އަދި އެމަނިކުފާނު ވެސް ކުރިމަތި ނުލައްވައި، ދެބޭފުޅުން ވެސް އެކުގައި ރައްޔިތުން އެދޭ ގޮތް ހޯއްދަވައިދެއްވަން މަސައްކަތް ކުރަންވީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު އިސްކޮށް ހުންނަވާ އުފައްދަވާ ދަ ޑިމޮކްރެޓްސް އުފެއްދުމަށް މިރޭ ގިޔާސުއްދީން ސުކޫލް ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެ ޖަލްސާގައި ޕީޕީއެމް ޕީއެންސީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރާ މެދު ރައްޔިތުން ހިއްހަމަ ނުޖެހޭ ކަމަށާ އެކަމަށް ހައްލެއް ހޯދައި ދިނުމަކީ އެބޭފުޅުންގެ ޒިންމާއެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ނިކުންނަވާ ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކުރަންވީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެމީހުން ވެސް ކުރިމަތިނުލައި، އަޅުގަނޑުމެން ދެމީހުން އެކުގައި ބާރަށް މަަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް ހޯދައިދޭންވީ" ރައީސް ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން ހިޔާލު ހޯދުމުގެ ހުރިހާ ވޯޓަކުން ދައްކަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ ތާއީދު ނެތްކަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ޖަލުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެ ޖަލްސާގައި ރާއްޖޭގައި މަލްޓީޕާޓީ ސިސްޓަމެއް ބޭއްވުމަށް ވަކާލާތު ކުރައްވާ ވާދަވެރި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތުމަކީ ލިބޭ އުފަލެއް ކަމަށެވެ. ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ބޭނުމަކީ ވާދަވެރިންނާއި ސިޔާސީ މަޝްވަރާ ހިންގާ އެއްމޭޒެއް ދޮށަށް އައިސް ނަތީޖާ ނެރުން ކަމަށް ރައީސް ނަޝީދު ވިދާލުވި އެވެ.
ކުރިއަށް އޮތް ރިޔަސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ޑިމޮކްރެޓްސް އާއި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ މަޝްވަރަތައް ކުރަމުންނެވެ. އެއާއެކު ދެ ޕާޓީ އެއްވެ އެއް ކެންޑީޑޭޓެއް ނެރޭނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
އެހެންނަމަވެސް ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީން އަންނަނީ ތަކުރަރުކޮށް ބުނަމުންނެވެ.
ޑިމޮކްރެޓްސް އިން ވެސް ވަކިން ކެންޑިޑޭޓެއް ނެރޭނެ ކަމަށް މީގެ ކުރީން ބުނެފައިވެ އެވެ.
އެންމެ ރަގަޅު ގޮތަކީ ރައްޔިތުންގެ ތާއީދެއް ނެތް އެކަކުވެސް އިންތިޚާބަށް ކުރިމަތި ނުލުމެވެ. އޭރުން ތިމާމެން އިތުރަށް ފަޞީހަތްނުވެ، ތިބި ގޮތަށް ތިބެވޭނެއެވެ. އެހެންޏާ ނުހޮވޭނެކަން އިނގެތިބެ ކުރިމަތި ލީމާ ތިމާމެންނަށް ރައްޔިތުންގެ އިތުބާރެއް ނެތްކަން ބޭޒާރުވުން ނޫންކަމެއް ނުވާނެއެވެ.