ވިއްސާރަ މޫސުމުގައި ރާއްޖޭގެ ރަށްރަށުގެ މަގުތަކުގައި ޗަކަގަނޑު ގަނޑު ހެދުމަކީ އާއްމު ކަމެކެވެ. މަޖަލަކަށް ވެގެން މިފަދަ ޗަކަގަނޑުގައި ކުޑަކުދިން ފުންމާ ކުޅެ ހެދުމަކީ އާއްމުކޮށް ފެންނަ މަންޒަރުތަކެވެ.
މިއީ ގިނަފަހަރަށް މައިންބަފައިން ރުހޭ ކަމަކަށް ނުވެ އެވެ. ޗަކަގަނޑުގައި ކުޅެން އުޅުނުއިރު ކަންފަތުގައި ހިފާ ގެއަށް ވައްދި ހަނދާން ވެސް އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ ސިކުނޑީގައި ހުންނާނެ އެވެ. އަންނައުނު ހަޑިވާނެތީއާއި ބަލިތައް ޖެހޭނެތީ އެވެ.
އެހެން ނަމަވެސް މިކަމަކީ ހުއްޓުވަން ޖެހޭ ކަމެއް ނޫން ކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން މިވަނީ އެނގިފަ އެވެ. އެހެނެއްކަމަކު ކުޑަކުދިން ޗަކައާ ކުޅެ ޗަކައިގައި އަތްލާ ހެދުމަކީ އެކުދިންގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ ކަމެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
އެގޮތުން ކުޑަކުދިން ޗަކަގަނޑު ތަކުގައި ކުޅުން އާއްމުކޮށްފި ނަމަ އެކުދިންނަށް އާއްމު ބަލިތައް ޖެހުން ދުރު ކަމަށާއި ދިގު މުއްދަތުގައި ވެސް ދިފާއީ ނިޒާމް ވަރުދަވާ ކަމަށް އެ ދިރާސާގެ ނަތީޖާތައް ދައްކަ އެވެ.
ސަބަބަކަށްވަނީ ޗަކައިގައި ހުންނަ ރަނގަޅު ޖަރާސީމު ހަށިގަނޑަށް އެތެެރެވެ ބަލިތައް ޖައްސާ ނުރަނގަޅު ޖަރާސީމުތަކަށް ހަމަލާ ދިނުމެވެ.
މީގެ އިތުރުން ގުދުރަތީ މާހައުލެއްގައި "ގުދުރަތާއެކު ގުޅުން ބަދަހި" ކުރުމަކީ އެކުއްޖާގެ ނަފްސާނީ ހެދިބޮޑުވުމަށް ވެސް ހެޔޮ އަސަރުތަކެއް ކޮށް ނުރަނގަޅު ޖަޒުބާތުތައް ބޭރުކުރަން އެހީވެދޭނެ ކަމެއް ކަމަށް ވެސް ސައިންސްވެރިން ފާހަގަކޮށްފައިވެ އެވެ.
އެހެން ކަމުން މައިންބްފައިންނަށް ބުނެލަން އޮތީ ދަރިންގެ އަތުން ޓެބްލެޓާއި ރިމޯޓު އަތުލައި ވާރެއާ ތެމެން ނުވަތަ ޗަކައާ ކުޅެން ބޭރަށް ފޮނުވުމަކީ މާ ރަނގަޅު ކަމެއް ކަމުގަ އެވެ.