ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލަށް 111 މިލިއަން ރުފިޔާ ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރުމަށް ކުރީގެ ސަރުކާރުން އެސްޖޭ ކުންފުންޏާ އެކު ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލްކުރި މައްސަލާގައި އެސްޖޭ އިން ދައުވާކުރީ ގާނޫނާ ޚިލާފަށް އެއްބަސްވުން އުވާލި ކަމަށް ބުނެ ގެއްލުމުގެ ބަދަލަށް 141 މިލިއަން ރުފިޔާ ހޯދުމަށެވެ. އަދި އިކުއިޓީގެ ގޮތުގައި ސަރުކާރުން ކުރިން އެ ކުންފުންޏަށް ދީފައި އޮތް 30 މިލިއަން ރުފިޔާ އެ ބަދަލުން އުނި ކުރުމަށް ފަހު 111 މިލިއަން ރުފިޔާ އިތުރަށް ދައްކަން އަމުރު ކުރަން އެ ކުންފުނިން އެދިފައިވެ އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ސަރުކާރުން އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށާއި އެކަމަކު އެކަން ކުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ނޫން ކަމަށެވެ. އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްބަސްވުން ބާތިލް ކުރިޔަސް، އެސްޖޭ އިން ހޯދަން އެދޭ ބަދަލު ސާބިތުކޮށް ނުދެވޭތީ އާއި އެއްބަސްވުން ބާތިލް ކުރުމާ ހަމައަށް އެ ކުންފުނިން ކުރި ޚަރަދު ހޯދަން އެ މައްސަލާގައި އެދިފައިނުވާތީ އެ ފައިސާ ނަގައި ނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެސްޖޭއިން ބަދަލު ހޯދަން ދައުވާ ކުރުމުން ކޯޓުން ބޭރުގައި އެ މައްސަލަ ހައްލު ކުރަން ސަރުކާރުން އެ ކުންފުންޏާ އެކު މަޝްވަރާކުރި އެވެ. މި ސަރުކާރުގައި އެތަން އޮތީ ހުސް ބިމެއްގެ ގޮތުގައި ބާއްވައިފަ އެވެ.