ކޮންމެ ނަމެއް ކިޔަސް އެއީ ރައީސް މުހައްމަދު ނަޝީދެވެ. ބޭނުން ވަނީ ވެރިކަމެވެ. އެމަނިކުފާނުގެ ވާހަކަ އެންމެ ރަނގަޅަށް ކިޔައިދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދު ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފައި ވެސް ވެރިކަން ކުރަން ކަމަށެވެ. ޖުމްހޫރީ ޕާޓީ އާއެކު ދެކެވުނު ވާހަކަތަކުގައި ވެސް ނާރެހަކަށްވީ އެކަން ކަމަށް ވިދާޅުވަމުން ގާސިމް ވިދާޅުވެފައި ވަނީ އެހެން މީހަކު ވެރިކަން ކުރާތަން ދުށުމަކީ ރައީސް ނަޝީދަށް އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.
ވެރިކަމަށް ރައީސް ނަޝީދު ވަޑައިގަތުމަށް ބޭނުންވާ ހުރިހާ މަގެއް ބަންދުވުމުން އެކަމަށް އޮތް އެންމެ ފަހުގެ ރާސްތާއެއްގެ ގޮތުން އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރޭޓްސް އަދި އުފަނެއް ނުވެ އެވެ. އެކަމަކު އެ ޕާޓީގެ ނަމުގައި ތަފާތު ހަރަކާތްތައް މިހާރު ދަނީ ހިންގަމުންނެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޕީޕީއެމް އާއެކު ކުރަން ފެށި މަޝްވާރާ އެވެ. ޕީޕީއެމާއެކު ކުރާ މަޝްވަރާގައި ދެކެވޭ ވާހަކައެއްގެ ތަފުސީލު ދެފަރާތުން ކުރެ ފަރާތަކުން ހާމަ ނުކުރިކަމަށް ވިޔަސް ބުނަމުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ރިޔާސީ އިންތިހާބުގައި ބަލިކުރުމަށްޓަކައި ކުރަންޖެހޭ ކަންތަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ޕީޕީއެމާ ވާހަކަ ދައްކަން ފެށުމުގެ ކުރިން ދަ ޑިމޮކްރޭޓްސްގެ ހަރަކާތްތެރިން އެފަދަ ބައްދަލުވުމެއް ބޭއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރާ އެކު އެވެ. އެފަހަރު ވެސް ފުރަތަމަ ކޮޅު ދެކެވޭ ވާހަކަތަކުގެ ތަފުސީލު މީޑިއާއަކަށް ހާމައެއް ނުކުރެ އެވެ. ބުނަމުން އައީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ރައީސް ކަމަށް ގާސިމް އިބްރާހިމް ގެންނަން ފެންނަ ކަމަށް ރައީސް ނަޝީދު އިއުލާން ކުރެއްވި އެވެ. އެއާއެކު ފެނުނީ އެކަމަށްޓަކައި ރައީސް ނަޝީދުގެ ޓީމުން ޖުމްހޫރީ ޕާޓީއަށް ކަރުދާހެއް ހުށަހެޅި ތަނެވެ. އެ ކަރުދާހުގައި ރާއްޖޭގެ ރައީސް ކަމަށް ގާސިމް އިބްރާހިމް ގެނައި ކަމަށް ވިޔަސް ވެރިކަން ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ ގޮތަށް އޮތެވެ. އެ ހިސާބުން އެ މަޝްވަރާތައް ޖުމުހޫރީ ޕާޓީން ހުއްޓާލައި ރައީސް ނަޝީދާއެކު ހެދޭނެ ޑިލެއް ނެތް ކަމަށް އިއުލާން ކުރި އެވެ.
ޕީޕީއެމާ އެކު ދަ ޑިމޮކްރޭޓްސް ކުރިޔަށް ގެންދާ ވާހަކަތަކުގައި ހިމެނެނީ ކޮން ވާހަކައެއްކަން ނޭނގި ސިއްރުވެފައި ވަނިކޮށް ރައީސް ނަޝީދު މިވަނީ ކުރިޔަށް އޮތް އިންތިޚާބުގައި ނިކުންނާނީ ނަޝީދެއް ނުވަތަ ޔާމީނެއް ވެސް ނޫން ކަމަށާއި ދެ ޕާޓީ ގުޅިގެން ނެރޭ ކެންޑިޑޭޓެއް ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ޚިޔާލުފުޅު މީޑިޔާއަށް ދޫކޮށްލައްވާފަ އެވެ. އެއާއެކު ޕީޕީއެމުގެ އެތެރެ ކެކިގެން ދިޔަ ކަމަށް ވިޔަސް އެޕާޓީގެ ފަރާތުން ވާހަކަތަކުގައި އިސްވެ ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުން ވަނީ ރައީސް ޔާމީން ގުރުބާން ކޮށްފައި ހަދާނެ ޑީލެއް ނެތް ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އިންތިޚާބަށް މިއޮތީ ވަގުތު ކުޑަތަން ވެފަ އެވެ. ރައީސް ސޯލިހު ހުންނެވީ ބައެއް ކުދި ޕާޓީތަކާއެކު ކޯލިޝަނެއް ހައްދަވައިގެން ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމުގެ އަޒުމުގަ އެވެ. ސަރުކާރުގެ އަމާޒު އެކަމަށް ވަނީ ރަނގަޅަށް ހިފައިފަ އެވެ.
އެކި ދިމަދިމާއިން ވިއްސިވިހާލި ވެގެން ދިޔަ ބޮޑެތި ސިޔާސީ "ލީޑަރުން" ތަކަކާއެކު ޖުމްހޫރީ ޕާޓީ ވަނީ އެ ޕާޓީގެ ލީޑަރު ގާސިމަށް "އެއްބުރުން" ރައީސް ކަން ހޯދައި ދިނުމަށް އަޒުމު ކަނޑައަޅާފަ އެވެ. އެއަޒުމުގައި ކުރާ މަސައްކަތް މިހާރު ވެސް ވަނީ ފަށައިފަ އެވެ.
ޕީޕީއެމްގެ ކެމްޕޭނު ވެސް ރަސްމީ ސިފައެއްގައި ވަނީ ފަށައިފަ އެވެ. އެޕާޓީގެ ލީޑަރަށް މިވަގުތު ކެމްޕެއިނުގައި ބައިވެރިވެވެން ނެތުމުގެ ހިތްދަތި ކަމާއެކު ވެސް އެ ޕާޓީން ވަނީ ކެމްޕޭން މެނޭޖަރެއް ހަމަޖައްސައި، ބައެއް ހަރަކާތްތައް ފަށައިފަ އެވެ.
ރައީސް ނަޝީދުގެ ދަ ޑިމޮކްރޭޓްސް އަންނަނީ ޕާޓީ އުފެއްދުމަށް ކުރަން ޖެހޭ ކަންތައް ފުރިހަމަ ކުރަމުންނެވެ. ޕާޓީ ނުހެދުނު ކަމުގައި ވިޔަސް ޑިމޮކްރޭޓްސް މަސައްކަތް ކުރަމުން ދަނީ ކޮންމެ ވެސް ބަޔަކާ ޑީލެއް ހަދައިގެން ނަމަވެސް ރައީސް ނަޝީދު ވެރިކަމަށް ގެންނާށެވެ.
ކޮންމެ ބަޔަކާ ވާހަކަ ދައްކާ ކިތަންމެ ސިއްރު މަޝްވަރާތަކެއް ކުރި ކަމަށް ވިޔަސް އެއީ ދަ ޑިމޮކްރެޓިކް ނަމަ އެމަޝްވަރާތައް ނިމެން ޖެހޭނީ ގައުމުގެ ވެރިކަމަށް ރައީސް ނަޝީދު އިސް ކުރެވޭ ގޮތަށް އެއްބަސްވެގެންނެވެ. އެނޫން ގޮތެއް "ދަ ޑިމޮކްރެޓްސް"އަކަށް ނެތެވެ.
ގާސިމް ތިވާހަކަ ދައްކާކަށް މާކަރީއްޗެއްނޫން! ތިޔަވެރިކަން ހޯދަންވެގެން ހޭބަލިނުވާ ހަމައެކަކު ވެސް މިރާއްޖެއަކުނެތް. ޕާޓީ އެއް އޮވެ 3 ގަނޑު ވޯޓު ނުލިބުނު. އުމަރު ނަސީރު ވެސް މިހާރު އެކަނި ނުކުންނަނީ. ގާސިމް ވެރިކަމަށް ކުރިމަތިލާ ތިންފައް ވެފައިވާއިރު ވެސް މިފަހަރު ވެސް ހޭބަލިއެވަނީ!ކޮންމެހެން ރައްޔަތުންދެކެ ލޯބިވެގެނެއް ނޫން ތެޅިބާލަނީ. ރައްޔަތުން ދެކެ ލޯބިވީ މީހަކު ކޮރޯނާ ގައި މުސާރަކޮޅު ނުދީ މުއަށްޒަފުން ކަޑާބޭރު ނުކުރާނެ. ވވވސާފު!!!؛!