މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖިއޯސިނެމާ އިން ސްޓްރީމް ކުރަމުން އަންނަ "ބިގްބޮސް އޯޓީޓީ" ގެ ދެވަނަ ސީޒަން ހީކުރި ވަރަށް ވުރެ ކާމިޔާބު ރިއަލިޓީ ޝޯއަކަށް ވަނީ ވެފަ އެވެ. ސަބަބަކީ މި ޝޯގެ ބައިވެރިން މިފަހަރު މާ ވަރުގަދަ ގޭމެއް ކުޅެމުންދާތީ އެވެ. އެއީ ހަސަދައާއި ދުޝްމަންކަން އަދި އެކަކު އަނެކަކަށް ލަނޑުދިނުމާއި ރޮމޭންސްކުރުން ވެސް މިފަހަރުގެ ޝޯގެ ބައިވެރިންގެ މެދުގައި ވަރަށް މައްޗަށް އޮތީމަ އެވެ.

އެންމެ ފަހުން ބިގްބޮސް ގެއިން ބޭރުވެފައިމިވަނީ އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ އަންހެނުން އާލިއާ ސިއްދީގީ އެވެ. އާލިއާ އަކީވެސް ގޭގައި ހިގާދިޔަ ޑްރާމާތަކެއްގައި ހިއްސާވި ބައިވެރިއެކެވެ. އާލިއާގެ ސަބަބުން ބިގްބޮސް ގޭތެރޭގައި ގިނަ ހަމަނުޖެހުންތަކެއްވެސް ހިނގި އެވެ.

ހަފްތާގެ މެދުތެރެއިން އަކި އެލިމިނޭޝަނެއްގައި އާލިއާ ގެއިން ބޭރުވެފައިވާއިރު މީޑިއާއަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނެފައިވަނީ ސަލްމާން ޝޯގެ ބައިވެރިންނާ މެދުގައި އަމަލު ކުރަނީ ހަމަހަމަކަމާއެކު ނޫން ކަމަށެވެ. އަދި ވަކި ބައިވެރިންނަށް ރަގަޅަށް ކަންތައް ކުރާ ކަމަށްވެސް އާލިއާ ތުހުމަތުކުރި އެވެ.

އާލިއާ މީގެ ކުރިން ބުނެފައިވަނީ އޭނާ ޝޯއާ ގުޅެނީ އޭނާގެ ކައިވެނީގެ ހިތި ހަނދާންތައް "ފޮހެލުމަށް" ކަމަށެވެ.

ސަލްމާން ވަނީ "ވީކްއެންޑް ކާ ވާރް"ގައި އާލިއާ އަމިއްލަ ދިރިއުޅުމާބެހޭ ގޮތުން ޝޯ ތެރޭގައި ވާހަކަ ދައްކާތީ އެވާހަކަތައް ނުދެއްކުމަށް އެދިފަ އެވެ. އަދި އެވާހަކަތަކަކީ މީހުން މާ ޝައުގުވެރިވާ ވާހަކަތަކެއް ނޫން ކަމަށްވެސް ސަލްމާން ބުންޏެވެ.

ބިގްބޮސްގެ ބައިވެރިންނާމެދުގައި ސަލްމާން ކަންތައް ކުރާ ގޮތުން ބެލުންތެރިންވެސް ހިތްހަމަނުޖެހުން ފާޅުކުރެ އެވެ. "ވީކްއެންޑް ކާ ވާރް"ގައި ބައެއް ބައިވެރިންނަށް މާބޮޑަށް ފާޑުކިޔާ ސަލްމާން ވާހަކަ ދައްކާތީ ބެލުންތެރިން ސަލްމާނަށް ވަނީ ފާޑުކިޔާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު މިޝޯއިން ވަކިވެފައިވަނީ ޓީވީ ބަތަލާ ޕަލަކް ޕުރުސްވާނީ އެވެ.

މިފަހަރުގެ ސީޒަންގައިވެސް މަޝްހޫރު ފަންނާނުންތަކެއް ފެނިގެންދެ އެވެ. އެގޮތުން މިހާރު މިޝޯގައި ތިބީ "އަލީ ބާބާ"ގެ ކުރީގެ ބަތަލް ސީޒަން ހާންގެ ކޮއްކޮ ފަލަކް ނާޒް އާއި ޓީވީ ބަތަލާޖިޔާ ޝަންކަރް އާއިޔޫޓިއުބުގައި ފުކްރާ އިންސާންގެ ނަމުން މަޝްހޫރުވެފައިވާ އަބިޝެކް މަލާން އާއި އެކްޓަރު އަދި މޮޑެލް އަކަންޝާ ޕޫރީ އާއި ކުރީގެ އެކްޓަރު އަދި ޕޮޑްކާސްޓަރު ސައިރަސް ސަހުކާރް އާއި ބިހާރްގެ މަނީޝާ ރާނީ އާއި ޑުބާއީ އިން ޝޯގައި ބައިވެރިވުމަށް އައި ޖެޑް ހަދީދް ހިމެނެ އެވެ. އަދި ޑެންޓިސްޓެއް ކަމަށްވާ ބޭބީކާ އާއި ޓީވީ އެކްޓަރު އަވީނާޝް ސަޗްދޭވް އާއި ބަތަލާ ޕޫޖާ ބަޓް އެވެ.