މައްކާ (ޖޫން 27)- ކޮވިޑް -19ގެ ބަލިމަޑުކަމާ ގުޅިގެން ސައުދީ އަރަބިއްޔާއިން އެޅި ހަރުކަށި ފިޔަވަޅުތައް ދޫކޮށްލުމަށްފަހު ކުރެވޭ ފުރަތަމަ ހައްޖުގެ އަޅުކަން ފެށިގެން ކުރިޔަށް އެބަދެ އެވެ.
ސައުދީ އަރަބިއްޔާގެ ރަސްމީ އިދާރާތަކުން އަންދާޒާ ކުރަނީ 2.5 މިލިއަން މީހުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ކަމަށެވެ. މިއީ ހައްޖުގެ އަޅުކަމަށް މިހާތަނަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރި ފަހަރެވެ.
މިދިޔަ އަހަރު ހައްޖަށް ދިޔަ މީހުންގެ އަދަދާ އަޅާބަލާއިރު މިއަހަރު ދެގުނަ އިތުރު މީހުން ހައްޖު ކުރެ އެވެ. މިިދިޔަ އަހަރު ހައްޖަށް ދިއުމަށް ސައުދީން ހުއްދަ ދިނީ އެއް މިލިއަން މީހުންނަށެވެ.
ކޮވިޑުގެ ބަންދަށް 2019 ވަނަ އަހަރު ހައްޖުގެ އަޅުކަން ނުބޭއްވި ދިއުމަށްފަހު، ޖެހިގެން އައި 2020 ވަނަ އަހަރު އެ އަޅުކަމުގައި ބައިވެރިވުމުގެ ހުއްދަ ދެވުނީ އެންމެ 10،000 މީހުންނަށެވެ. އެ އަދަދު 2021 ވަނަ އަހަރު 69،000 އަށް ބަދަލުވި އެވެ.
"މިއީ އަހަރެންގެ ހަޔާތުގެ އެންމެ ހިތްގައިމު ދުވަސް ކޮޅު،" މިސްރުގެ އަބްދުލް އާޒިމް 65، އޭއެފްޕީ އަށް ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި ހައްޖަށް ދިއުމަށްޓަކައި ބޭނުންވި 6،000 ރިޔާލް ރައްކާ ކުރުމަށް އޭނާއަށް 20 އަހަރު ހޭދަވި އެވެ.
ހައްޖަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން މުހިންމު އެއް ރުކުނެވެ. އެއީ އެކަމަށް ކުޅަދާނަކަން ލިބިގެންވާ ކޮންމެ މީހަކު އުމުރުން އެއްފަހަރު އަދާ ކުރަންޖެހޭ އަޅުކަމެކެވެ.
މައްކާ އާއި މަދީނާގައި ހިނަގަމުންދާ ހައްޖުގެ އަޅުކާމާ ގުޅުން ހުރި ހަރަކާތްތަކުގެ ތެރެއިން އާދީއްތަ ދުވަހުން ފެށިގެން ހައްޖާޖީން އައީ މިނާއަށް ޖަމާވަމުންނެވެ.
މިނާއަކީ އަރަފާތަށް ދިއުމުގެ ކުރިން ހައްޖުވެރިން މަޑުކުރާ ސަރަހައްދެވެ.
މިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ޓެންޓު ސިޓީގެ ގޮތުގައި ބެލެވެ އެވެ. އެއީ ހަރަމްފުޅާ ގާތްގަނޑަކަށް 3 މޭލު ދުރުގައި އޮންނަ ބިމެކެވެ. ފައިމަގުގައި ހިންގާފަ އާއި އެއާކޮންޑިޝަން ބަސްތަކުގައި މުޅި ހޯމަ ދުވަހު ވެސް މިނާއަށް މީހުން ދިޔައީ ޖަމާވަމުންނެވެ. މިނާގެ ކަންތައް ތަރުތީބުން ކުރިޔަށް ގެންދިއުމަށްޓަކައި ސައޫދީ ސަރުކާރުން ޚާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފަ އެވެ. އެ ހިސާބުގަނޑުގެ ސަލާމަތީ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓަ އެވެ.
މައްކާގެ ހަރަމްފުޅުގެ ތެރޭގައި އަޅާފައިވާ ރީތި ދޫލަތަކުގައި ހައަޖުވެރިން އަޅުކަންކުރަމުންދާއިރު، ހައްޖާޖީންގެ ސަލާމަތަށްޓަކައި އެހިސާބުގައި އެމްބިއުލާންސްތަކާއި އަލިފާން ނިއްވާ ލޯރީތަކާއި މޯބައިލް ކްލިނިކްތަކުގެ ޚިދުމަތް ވަނީ ތައްޔާރީ ހާލަތުގަ އެވެ.
ހައްޖުގެ އަޅުކަމުގެ ތެރޭގައި ނުރައްކާތެރި ބައެއް ހަދިސާތައް ފާއިތުވި ތަނުގައި ހިނގާފައިވެ އެވެ. 2015 ވަނަ އަހަރު ހިނގި ހިތާމަވެރި ހާދިސާއެއްގައި ގާތްގަނޑަކަށް 2،300 ހައްޖާޖީން މަރުވި އެވެ. މިފަހަރުގެ ހައްޖުގެ ކަންތައް މިހާތަނަށް ކުރިޔަށް ދަނީ ވަރަށް އޮމާންކޮށެވެ. ހައްޖާޖީންގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް މިފަހަރު ބޮޑު ސަމާލުކަމެއް ދީފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެ އެވެ.
މިއަދު ސައޫދީއަށް ދީފައިވާ ގަދަހޫނުގައި އަރަފާތު ބިމަށް ޖަމާވަމުންދާއިރު ހައްޖުވެރިންގެ ހިތްތަކުގައި ވަނީ އާދަޔާ ޚިލާފު އުފާވެރި ކަމެކެވެ.
"އަހަންނަކަށް އަހަންނަށް ލިބިފައިވާ އުފާވެރިކަން ބަޔާން ކޮށްދޭނެ އިބާރާތެއް ނޭނގެ،" އިންޑޮނޭޝިޔާގެ ކިޔަވާ ކުއްޖެއް ކަމަށް 25 އަހަރުގެ ޔޫސުފް ބުރްހާން ބުންޏެވެ. "މިއީ ވަރަށް ބޮޑު ރަހުމަތެއް. މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ނަސީބު ލިބޭނެ ކަމުގައި ހީވެސް ނުކުރަން."
އަރަފާތް ބިމުގެ ހޫނު މިން 45 ޑިގްރީއަށް އަރައިފައިވާއިރު ހުދުކުލައިގެ ކުޑަތައް ހިފައިގެން ފުލުހުން ފައިމަގުގައި ހައްޖާޖީންގެ ކަންތައް ގާތުން ބަލަމުން ގެންދެ އެވެ. ހޫނުގެ އަސަރު ކުޑަކުރުމަށްޓަކައި ހައްޖާޖީންގެ ބޮލަށް ފެންއަޅައި ދިނުން ފަދަ ކަންތައް އެ މީހުން ކުރެ އެވެ.
ފުރަތަމަ އެހީދޭ މީހުންގެ އެތައް ހާސް ބަޔަކު ހަރަމްފުޅުގެ ތެރޭގައި ކުއްލި ހާލަތަށް ތައްޔާރުވެފައިވެ އެވެ. ސައޫދީ ސަރުކާރުން ބުނާގޮތުގައި 32،000 އަށްވުރެ ގިނަ ސިއްހީ އެހީތެރިން ކުއްލި ހާލަތުގައި އެހީތެރިކަން ދެވޭގޮތަށް ތައްޔާރަށް ހައްޖާޖީންނާއެކު ހަރަކާތްތެރި ވާނެ އެވެ.
ހައްޖުގެ އަޅުކަމަށް ސައޫދީއަށް ދާ ކޮންމެ މީހަކު މަދުވެގެން 5000 ރިޔާލް ޚަރަދު ކުރާނެ ކަމަށް ބެލެވެ އެވެ. މިނިސްބަތުން ސައޫދީ އަށް އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހައްޖުގެ އަޅުކަމުން ލިބޭނެ އެވެ.
ސައޫދީ ވިޔަފާރި ވެރިއެއް ކަމަަށްވާ ސަމީރު އަލްޒަފްނީ ބުނި ގޮތުގައި މައްކާ އާއި މަދީނާގައި ހުރި އޭނާގެ ހުރިހާ ހޮޓަލެއް މިއަހަރުގެ ޖުލައި ފުރަތަމަ ހަފުތާއާ ހަމަޔަށް ވަނީ މުޅިން ފުރިފަ އެވެ.
"އަހަރެމެންގެ 67 ހޮޓަލުގެ އެންމެ އެނދެއް ވެސް މިވަގުތު ހުސްކޮށް ނެތް،" އޭއެފްޕީއާ ވާހަކަ ދައްކަމުން ސަމީރު ބުންޏެވެ.
ދުނިޔޭގެ އެތަން މިތަނުން މުސްލިމުން ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ޖަމާވެފައިވާއިރު، އެ މީހުންގެ ކަންތައްތައް ހަމަޖެއްސުމަށް ސައޫދީ ސަރުކާރުން ރާވާ އިންތިޒާމުތައް ފުރިހަމަ ކުރުމަށް ކޮންމެ އަހަރަކު ވެސް އިތުރު މަސައްކަތްތަކެއް ކޮށްފައި ހުރެ އެވެ. -- އޭއެފްޕީ