ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރު ކޮމްޕެޓިޝަން 2023"، ގދ. ގައްދޫ ކަފިދޫގޭ، އައިމިނަތު ޝަހުބާ ޝަހީދު ކާމިޔާބުކޮށްފި އެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި މިދިޔަ ހުކުރު ދުވަހު ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަމުގައި ބޭއްވި ޚާއްސަ ފިނާލޭ ޝޯއެއްގަ އެވެ.
ބެސްޓް ރޭޑިއޯ ޕްރެޒެންޓާ ކޮމްޕެޓިޝަން ކާމިޔާބުކުރުމުން މުބާރާތުގެ ޓްރޮފީއާއެކު ޝަހުބާއަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ޝަހުބާއަށް ވަނީ ދީފަ އެވެ.
އެ މުބާރާތުން ދެވަނަ ހޯދީ ގދ. ވާދޫ ކެނެރީގެ، އައިޝަތު ޢަބްދުލް ކަރީމް އެވެ. އަދި ތިންވަނަ ހޯދީ މ. ޕްލެޓިނަމް ކޮޓޭޖްގެ، މުހައްމަދު ލިސާނެވެ.
ރިއަލިޓީ ޝޯއެއްގެ ގޮތުގައި ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަ ކޮމްޕެޓިޝަނަކީ ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމަށް ޝައުގުވެރިވާ ޒުވާނުންނަށް އެ ފުރުސަތު ތަނަވަސްކޮށްދީ އެފަދަ ޒުވާނުންގެ ހުނަރު ތަރައްގީ ކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކުރާ މުބާރާތެކެވެ.
މި މުބާރާތް ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ޖެހިޖެހިގެން ތިން އަހަރު ބޭއްވުމަށްފަހު ކުޑަ މެދުކެނޑުމެއް މި މުބާރާތަށް އައި އެވެ. އެހެން ނަމަވެސް އާ ރޫހަކާއެކު 2022 ވަނަ އަހަރު ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރު ކޮމްޕެޓިޝަން އަނެއްކާ ވެސް ފެށި އެވެ.
ފާއިތުވި ހަތަރު ސީޒަންގެ ކާމިޔާބީއަށް ފަހު ފަސް ވަނަ ސީޒަން އަށް ދިވެހިރާއްޖޭގެ އަޑުން ތައްޔާރުވީ، ވޭތުވެދިޔަ ސީޒަންތަކުގެ ތަޖްރިބާގެ އަލީގައި ކަމަށް ދިވެހި ރާއްޖޭގެ އަޑުން ބުންޏެވެ.
ހުރިހާ ގޮތަކުން ވެސް ފެންވަރު ރަނގަޅު މުބާރާތަކަށް ހެދުމުގެ އުންމީދާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ބެސްޓް ރޭޑިއޯ ޕްރެޒެންޓަ ކޮމްޕެޓިޝަން 2023 ވަނީ އިއުލާންކޮށްފަ އެވެ. އަދި 15 ދުވަހުގެ މުއްދަތަކަށް ހުޅުވާލި ފުރުސަތުގެ ބޭނުންހިފައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބަޔަކު މުބާރާތުގައި ބައިވެރިވުމަށް އެދި ނަންނޯޓު ކުރި ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
ރޭޑިޔޯ ޕްރެޒެންޓަރުން އާންމުކޮށް ކުރާ ކަންކަމުގެ ތެރެއިން އެޕޮއިންޓްމަންޓް އިންޓަވިއު ކުރުން، ރިޕޯޓް ހުށަހެޅުން، ވާހަކަ ކިޔުން، ޚަބަރު ކިޔުން، ޑްރާމާ ކުޅުން، ލޮކޭޝަން އިންޓަވިއުކުރުން، ލައިވް ޕްރޮގްރާމް ހުށަހެޅުން ފަދަ ރޭޑިއޯ ޕްރޮޑަކްޝަންގެ ތަފާތު ފޯމެޓްތައް ކުރިއަށް ގެންދިއުމަށް މުބާރާތުގެ ބައިވެރިންނާ ހަވާލުކުރި ކަމަށް ދިވެހިރާއްޖޭގެ އަޑުން ބުންޏެވެ.