މަޝްހޫރު މެސެޖިން ޕްލެޓްފޯމް ވަޓްސްއެޕްގެ ޕޮލިސީއަށް ގެނައި އަޕްޑޭޓަކާއެކު ގިނަ ބަޔަކު ވަޓްސްއެޕް ދޫކޮށް އެހެން އެޕްތަކަށް ބަދަލުވާން ފަށައިފި އެވެ.
ވަޓްސްއެޕް އިން ދާދިފަހުން ފޮނުވި ސޮފްޓްވެއާ އަޕްޑޭޓްގައި ޓާމްސް އެންޑް ކޮންޑިޝަންއަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލުގެ ތެރޭގައި ވަޓްސްއެޕް ބޭނުންކުރާ މީހުންގެ މައުލޫތާއި، ފޯންނަންބަރު އަދި ލޮކޭޝަން ވަޓްސްއެޕްގެ ޕޭރެންޓް ކުންފުނި ފޭސްބުކްއަށް ހިއްސާކުރުމާމެދު އިއުތިރާޒެއް ނެތް ކަމަށް ޔޫސަރުން އެއްބަސްވާން ޖެހެ އެވެ. މިކަމަށް އެއްބަސް ނުވެއްޖެނަމަ އެމީހެއްގެ އެކައުންޓް ޑިލީޓްކުރެވޭނެ އެވެ.
މިކަމާ މެދު ހިތްހަމަނުޖެހިގެން ގިނަބަޔަކު ވަނީ އެ ނިންމުމާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އަދި މިއީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދުމަށް ފޭސްބުކްއިން ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށް ބުނެ ގިނަބަޔަކު ދަނީ މިކަމާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ.
މިކަމާ ދެކޮޅަށް މަޝްހޫރު މިލިޔަނަރު ޓެސްލާ އަދި ސްޕޭސް އެކްސްގެ ބާނީ އެލެން މަސްކް ވެސް ވަނީ އަޑުއުފުލާފަ އެވެ. ވަޓްސްއެޕްއިން ޕްރައިވެސީ ޕްލިސީ އަޕްޑޭޓް ކުރިކަމަށް އެންގުމާއެކު މަސްކް ވަނީ ޓްވިޓާގައި ވަޓްސްއެޕްގެ ބަދަލުގައި ސިގްނަލް ބޭނުންކުރުމަށް ޓުވީޓްކޮށްފަ އެވެ.
މިއާއެކު މަދު ގަޑިއިރުތަކެއްގެ ތެރޭގައި ސިގްނަލް އެޕް ބޭނުންކުރާ މީހުން ގިނަ ކުޑަވަގުތުކޮޅަކަށް އެޕް ޑައުންވި އެވެ.
ސިގްނަލްއިން ބުނިގޮތުގައި އެއްފަހަރާ ގިނަބަޔަކު ރެޖިސްޓާވުމަށް މަސައްކަތްކުރުމުން އެޕްގެ ހިދުމަތަށް ބުރޫ އަރާފައިވާ ކަމަށެވެ. އަދި ކުޑައިރުކޮޅަކުން އެކަން ހައްލުކޮށް ވަނީ އަލުން ހިދުމަތްދޭން ފަށާފަ އެވެ. ސިގްނަލް އަކީ އެންކްރިޕްޓެޑް މެސެޖް ކުރެވޭ 2014 ޖުލައި 29 ގައި އުފެއްދި އެޕްލިކޭޝަނެކެވެ.
ޑޭޓާ އެނަލިޓިކް ފާމް ސެންސާ ޓަވާ އިން ބުނިގޮތުގައި ދެ ދުވަސް ތެރޭގައި ސިގްނަލް އެޕް ވަނީ ގާތްގަނޑަކަށް 100،000 މީހުން ޑައުންލޯޑްކޮށްފަ އެވެ. އަދި 2.2 މިލިއަން މީހުން އަލަށް ޓެލެގްރާމަށް ވެސް އިތުރުވެފައިވެ އެވެ
ވަޓްސްއެޕަށް އަލަށް ޖޮއިން ކުރާ މީހުންގެ 11 ޕަސެންޓްގެ ވެއްޓުމެއް މިއަހަރުގެ ފުރަތަމަ ހަފްތާގައި ފާހަގަކުރެވިފައިވާ ކަމަށް ވެސް ސެންސާ ޓަވާއިން ބުނެފައިވެ އެވެ. – އަލްއަރަބިއާ