ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ކައިވެނިކޮށްފި އެވެ.
މުމްބާއީގައި އިއްޔެ ބޭއްވި ވަރަށް ކުލަގަދަ ހަފުލާއެއްގައި ކަރަން ކައިވެނި ކުރީ ޑްރިޝާ އަޗާރިއާއާ އެވެ.
32 އަހަރުގެ އެކްޓަރު ލޯބިވެރިޔާ އެންގޭޖްވީ ކާފަ އަދި މަޝްހޫރު އެކްޓަރު ދަރުމެންދުރާ އާއި މާމަ ޕްރަކާޝް ކޯރްގެ ކައިވެނީގެ އެނިވާސަރީއާ ދިމާކޮށެވެ.
ކަރަންގެ ކައިވެނީގެ ހަފްލާތައް މީގެ ތިން ދުވަސް ކުރިން ވަނީ ފެށިފަ އެވެ. މިހަފްލާތަކުގައި ޑިއޯލްގެ އާއިލާގެ އެންމެން ވަނީ ބައިވެރި ވެފަ އެވެ. އަދި ބޮލީވުޑްގެ ބައެއް ތަރިންވެސް ކަރަންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެފައިވެ އެވެ.
ކަރަންގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ކަރަން ބޮލީވުޑަށް ތައާރަފްވީ 2019 ވަނަ އަހަރު ނެރުނު ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. މި ފިލްމަކީ ސަނީ ޑިއޯލް ޑައިރެކްޓްކުރި ފިލްމެކެވެ. އަދި މިއީ އޭނާ ޑައިރެކްޓްކުރި ތިން ވަނަ ފިލްމު ވެސް މެ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި އެކްޝަން ހީރޯއެއްގެ ގޮތުގައި ބެލުންތެރިންގެ ލޯބި ސަނީ ވަނީ ވަރަށް ބޮޑަށް ހޯދަައިފަ އެވެ.
ސަނީ ދެން ފެނިގެންދާނީ އަމީޝާ ޕަޓޭލް ވެސް ލީޑް ރޯލުން ފެނިގެންދާ "ގަދަރު 2" އިންނެވެ. މީގެ އިތުރުން ސަނީ ވަނީ އޭނާގެ ދަރިފުޅު ކަރަންއާ އެކު އިތުރު ފިލްމެއް އުފެއްދުމަށް ނިންމައިފަ އެވެ. މި ފިލްމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ އެވެ.
ސަނީގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް ވެސް މިހާރު އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ.