ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަށް އެޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގާސިމަށް މަރުހަބާ ދަންނަވައިފި އެވެ.
ގާސިމްއަށް ރިޔާސީ ޓިކެޓް ހަވާލުކޮށްދެއްވާ ކެމްޕެއިން ލޯންޗު ކުރީ އަލިމަސް ކާނިވަލުގައި ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.
ގާސިމްއަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވައިދެއްވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އެވެ.
ގާސިމް އަސް މަރުހަބާ ދަންނަވާ ރައީސް ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް ލިބިވަޑައިގެންނެވި އެޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމް އަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އަދި މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހި ކުރުމަކީ އެންމެންގެވެސް ވާޖިބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝިދު ގާސިމަށް މަރުހަބާ ދަންނަވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ގާސިމް އާއި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ވަނީ މަޝްވަރާ ބައްދަލުވުންތައް ފަށާފަ އެވެ.
ގާސިމް އިބްރާހީމް އާއި ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި އެއްކޮށް ނުކުންނަވާފާނެ ކަމަށްވެސް އޭރު ވަނީ އަޑުފެތުރިފަ އެވެ. އެހެން ނަމަވެސް ޖޭޕީ އާއި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަނީ ހުއްޓިފައެވެ.
މިހާރު ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދަ ޑިމޮކްރެޓްސް ނަމުގައި ވަކި ސިޔާސީ ޕާޓީ އެއް އުފެއްދެވުމަށެވެ. އަދި އެޕާޓީން ރިޔާސީ ކެންޑިޑޭޓެއްވެސް ނެރޭނެ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.
މީގެ އިތުރަށް މިމަހުގެ 2 ވަނަ ދުވަހު ގާސިމް އިބްރާހީމް އެމަނިކުފާނުގެ ޓީވީ ޗެނަލް އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވަރަށް ބޮޑަށް ރައީސް ނަޝީދަށް ފާދުވިދާޅުވެފަ އެވެ.