ދިވެހިރާއްޖޭގެ ވެރިކަން ލިބިވަދައިގެންފި ނަމަ 500 މިލިއަނަރުން ފަސް އަހަރު ތެރޭގައި އުފައްދަވާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމް ރިޔާސީ ކެމްޕެއިން ފައްޓަވައި، ގިނަ ވައުދުތަކެއް ވެވަޑައިގެންފި އެވެ.
ގާސިމް އިބްރާޙީމް އަށް ޖުމްހޫރީ ޕާޓިގެ ރިޔާސީ ޓިކެޓް ހަވާލުކުރެއްވީ މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
ރިޔާސީ ޓިކެޓާއި ކެމްޕެއިން އިފްތިތާހް ކުރެއްވުމަށް ފަހު ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުވާނީ ތައުލީމާ ތަޖުރިބާ އާއި ގާބިލުކަމުގައި މިއިން ޒަމާނެއްގައި ވެސް ނުދެކޭވަރުގެ ހަރުދަނާ ސަރުކާރަކަށް ސިޔާސީ ފިކުރުތަކުގެ ކަސްތޮޅުން ނެއްޓި ރައްޔިތުންނަށް ހިދުމަތްކުރުމުގެ މަތިވެރި ރޫހު ނަގަހައްޓާ ދަމަހައްޓާނެ ސަރުކާރަކަށް ކަމަށެވެ. އަދި އެއްވެސް ދިވެހި ރައްޔިތަކު ބާކީ ނުކުރާނެ ސަރުކާރަކަށް ހައްދަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންގެ ހާސްކަން ފިލުވާލައި ހަމަޖެހުން ގެނެސްދިނުމަށް ދިވެހިން ދުވަހަކު ވެސް ދެކެފައިނުވާ ފަދަ އިންގިލާބީ ބަދަލުތައް ގެނައުމަށް ވަރަށް ތަފްސީލީ މެނިފެސްޓޯއެއް އެކުލަވާލާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އިސްލާމް ދީނާއި އަދުލު އިންސާފާއި ގައުމީ ސަލާމަތާއި، ސަލާމަތީ ބާރުތަކާއި ޑިމޮކްރެސީއާއި މިނިވަންކަމާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއި ބޯހިޔާވަހިކަމާއި ދަރަނިވެރިކަމުން ސަލާމަތްވާނެ އާ ވިސްނުންތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރިއާއި އިގްތިސާދު ހަރުދަނާކުރުމަށް ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ އިމުން ޒައްރެއްގެ މިންވަރު ވެސް ގެއްލިގެން ދިޔަނުދޭނެ ކަމަށާއި ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދާނެ ކަމަށެވެ.
އިސްލާމްދީން ނޫން އެހެން ދީނަކަށް ދިވެހި ރާއްޖޭގައި ފުރުސަތެއް ނުދޭނެ ކަމަށާ މުޅި ރާއްޖެ އިގްތިސާދު ހަތް ސަރަޙައްދަކަށް ބަހާލައި، އެންމެ އުތުރާއި ދެކުނުގައި ސަރަޙައްދީ ތަރައްގީގެ ލާމެހިފައިވާ އިގްތިސާދީ ވަރުގަދަ ދެ މަންޒިލް ގާއިމުކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި 20،000 ހައުސިން ޔުނިޓު އެޅުން ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން އުފައްދަވާނެ ކަމަށެވެ. އަދި އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި 100 މިިލިއަނަރުން އުފެއްދުން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ފަސް އަހަރުގެ ތެރޭގައި ތިން ބިލިއަން ރުފިޔާ ހޭދަކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި މަދުވެގެން 500 ސްމޯލް ބިޒްނަސް ލީޑަރުން އުފައްދަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ގިނަ ވައުދުތަކެއް ގާސިމް ވަނީ ވެވަޑައިގެންފަ އެވެ.
އޭގެ ތެރޭގައި:
- ދަރަނި ކުޑަކޮށް އާމްދަނީ އިތުރު ކުރުމާއި
- އޮލިމްޕިކް ފެންވަރުގެ ސްޓޭޑިއަމެއް އެޅުމާއި
- ދުނިޔޭގެ ފެންވަރުގެ މޯޝަންޕިކްޗާ ސްޓޫޑިއޯ އައިލެންޑެއް ތަރައްގީ ކުރުމާއި
- ހިޔާ ފްލެޓްތަކުގައި ހުރި މައްސަލަތައް ހައްލު ކުރުން
- މަސްވެރީންނަށް ލުއި ލޯނު ލިބޭނެ ގޮތް ހެދުން
- އަރަބިއްޔާގެ މައްސަލަތައް ހައްލު ހޯދުން
- ހުރިހާ ގޭބީސީތަކަށް އިންޓަނެޓް ލިބޭ ގޮތް ހެދުން
- ދޮށީ އުމުރުގެ މީހުންގެ އިނާޔަތް ހަތްހާސް ރުފިޔާ
- ޓްރާންޝިޕްމަންޓް ޕޯޓް / ބަންކަރިން ފެސިލިޓީއެއް ހެދުން
- އަމިއްލަ ކްރެޑިޓް ކާޑެއް ތައާރަފު ކުރުން
- ޑިޖިޓަލް ކަރަންސީ ބޭނުން ކުރުމުގެ ފުރުސަތު ދިނުން
- އިންވެންސްޓްމަންޓް ބެންކުގެ ހިދުމަތް ފެށުން
ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި ޖީ.ޑީ.ޕީ 90 އިންސައްތައަށް ތިރިކޮށް، ދައުލަތުގެ ހަރަދު 35 އިންސަތާގައި ހިފަހައްޓައި، ދައުލަތުގެ އާމްދަނީ 30 އިންސައްތައަށް މަތިކުރާނެ ކަމަށް ވެސް ގާސިމް ވިދާލުވި އެވެ.