ދިރިއުޅުމުގެ ހުނަރުތަކަކީ ނުވަތަ ލައިފް ސްކިލްސްއަކީ ކުޑަކުއްޖަކު ބޮޑުވެގެން އަންނައިރު އެނގިފައި އޮތުން މުހިއްމު ކަމެކެވެ. އެހެންކަމުން އެންމެ ތުއްތުއިރުން ފެށިގެން ކުޑަކުދިންނަށް ލައިފް ސްކިލްސް ދަސްކޮށްދިނުމަކީ މައިން ބަފައިންނަށް ކުރަންޖެހިފައިވާ ކަމެކެވެ.
ނިންމުންތައް ނިންމުން
ކުދިންނާ ގުޅޭ އެކި ނިންމުންތައް ގިނަ ފަހަރަށް ނިންމަނީ މައިން ބަފައިންނެވެ. ލާނެ އަންނައުނުން ފެށިގެން ކާނެ ކާނާއަށް ދާންދެން ނިންމަނީ މައިން ބަފައިން ނެވެ. މިހެންވުމުގެ ސަބަބުން ކުއްޖާ ބޮޑުވުމަށްފަހު އޭނާގެ އަމިއްލަ ނިންމުންތައް ނިންމަން އުނދަގޫވާ ފަހަރު އާދެ އެވެ. އެހެންކަމުން އެންމެ ކުޑައިރު ވެސް އެ ކުދިންގެ އުމުރާ ގުޅޭ ނިންމުންތައް ނިންމުމަށް އެ ކުދިންނަށް ދޫކޮށްލާށެވެ.
ވަގުތަށް ކަމޭހިތުން
ވަގުތަށް ކަމޭހިތުމަކީ އަދި ރަނގަޅު ގޮތުގައި ވަގުތު ބޭނުންކުރުމުކީ ކުދިންނަށް ބޮޑުވުމަށް ފަހު ދަސްވާ ކަމެކެވެ. އެހެން ނަމަވެސް ކުޑައިރު ކޮންމެ ކަމަކަށް ވެސް ވަކި ވަގުތެއް ކަނޑައަޅައި، އެ ވަގުތަށް އެކަންކަން ނިންމުމަކީ އެކުދިންގެ ހިތުގައި ވަގުތަށް އަހަންމިއްޔަތުކަން ދިނުން އިތުރުކޮށްދޭނެ ކަމެކެވެ.
ފައިސާ ގެންގުޅުން
ވަކިލާރި އެއްކޮށްގެން ގެންގުޅުމަކީ ކުޑަކުދިން އާއްމުކޮށް ކުރާ ކަމެކެވެ. އަދި މި ފައިސާ ގުނާ ހެދުމަކީ އެކުދިން ވަރަށް ކުރާހިތުން ކުރާ ކަމެކެވެ. މިގޮތަށް އެ ވަކިލާރިތައް ގެންގުޅޭ ހާލަތްތަކުގައި އެ ކުދިންނަށް ފައިސާގެ މުހިންމު ކަމާއި ރަނގަޅު ގޮތުގައި ފައިސާ ބޭނުންކުރުމުގެ މުހިންމުކަން ވިސްނައިދިނުމަކީ ކުރިއަށް އޮތް ތަނުގައި އެ ކުދިންނަށް ފައިދާ ކުރާނެ ކަމެކެވެ.
އެންމެ ކުޑައިރުއްސުރެ ދިރިއުޅުމުގެ ކަންކަމަށް ހޭލުންތެރި ކުރުވައި އެކަންކަމަށް ކުޑަކުދިންގެ ލޯ ހުޅުވައިދިނުމަކީ ބޮޑުވެގެން އަންނައިރު އަދި ފުރާވަރަށް އަޅާއިރު އެ ކުދިންނަށް ފައިދާކުރާނެ ކަމެކެވެ.