ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ސަރުކާރުގެ ނިންމުން ބަދަލުކުރުމަށާއި އެމައްސަލާގައި ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި އެއްވުމުގައި ބަޔަކު އިންޑިއާ އައުޓް ބެނާ ދަމައިފި އެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ހިންގަމުން އަންނަ ކެމްޕެއިން ހަރަކަތެކެވެ. މިހަރަކާތުގައި ބޭނުން ކުރާ އިންޑިއާ އައުޓް ބެނާ އާއި ދިދަ މާލޭގެ އެކި އިމާރަތްތަކުގައި މީގެ ކުރިން ނަގާފައިވެ އެވެ. އެހެން ނަމަވެސް ފުލުހުން އެބެނާތަކާއި ދިދަތައް ވަނީ ނަގާފަ އެވެ.
ރާއްޖޭ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ މައްސަލާގައި ދިވެހި ސަރުކާރުން ނެގި ސްޑޭންޑާ ދެކޮޅަށް އަދި އެ މައްސަލާގައި ރައްޖޭގެ ކަނޑުން ބައެއް މިސަރުކާރުން ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅު އިއްތިހާދުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ބަޔަކު ވަނީ އިންޑިއާ އައުޓް ޖަހާފައިވާ ބެނާ އެއް ނަގާފަ އެވެ. އެ ބެނާ ނަގައިގެން ތިބީ އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓުތަކެއް ލައިގެން ތިބި ޒުވާނުންތަކެކެވެ.
މިރޭގެ ޖަލްސާގައި އިންޑިއާ އައުޓް ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ކުރިއަށްގެންދިއުމަށް ރާވާފައެއް ނުވެ އެވެ.
މިރޭގެ އެއްވުމުގައި ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސްބޭފުޅުންނާއި އިދިކޮޅު ޕީޕީއެމްގެ އެންމެ އިސްބޭފުޅުން ވަނީ އެކުގައި ބައިވެރިވެފަ އެވެ.