ހަށިގަނޑަށް ބޭނުންވާ މާއްދާތައް އެދެވޭ މިންވަރަކަށް ލިބުމަކީ ބަރުދަން ލުއިކުރުމަށް ވަރަށް ބޮޑު އެހީ އެކެވެ. މި ގޮތުން ޕޮޓޭސިއަމްއަކީ ބަރުދަން ލުއިވުމުގެ ދަތުރު އަވަސްކޮށްދީ އަވަހަށް ނަތީޖާ ނެރުމަށް މަގުފަހި ކޮށްދޭނެ ކަމެކެވެ. އެގޮތުން ޕޮޓޭސިއަމްއަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްކޮށްދީ ކަސްރަތަށްފަހު ހަށިގަނޑުގެ މަސްތައް ހަމައަކަށް އެޅުވުމަށް އެހީވެދޭ މާއްދާ އެކެވެ.

އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ބަރުދަން ލުއިިކުރަން މަސައްކަތް ކުރާނަމަ ކެއުމުގައި ހިމެނިދާނެ ޕޮޓޭސިއަމް މުއްސަނދި ބައެއް ކެއުންތަކަށެވެ.

ދޮންކެޔޮ

ދޮންކޭލަކީ ޕޮޓޭސިއަމް އެންމެ ގިނައިން އެކުލެވޭ ކެއުންތަކުގެ ތެރެއިން ކެއުމެކެވެ. އާއްމުކޮށް ހުރިހާ ތަނަކުން ވެސް ލިބެން ހުންނަ މި މޭވާއަކީ ޕޮޓޭސިއަމްގެ އިތުރުން ފައިބާ އަދި އެންޓި އޮކްސިޑަންޓްސް ވެސް ހިމެނޭ ބާވަތެކެވެ.

ކައްޓަލަ

ކައްޓަލައަކީ ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ބަރުދަން ލުއިކުރަން މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ފައިދާހުރި ބާވަތެވެ. ކައްޓަލައިގައި ޕޮޓޭސިއަމްގެ އިތުރުން ޕްރޮޓީން މެގްނީޒިއަމް އަދި ކެލްސިއަމް ފަދަ މާއްދާތަކުގެ ސަބަބުން މިއީ ރޭގަނޑު ކެއުމަށް އެންމެ ރަނގަޅު ލުއި ކާނާއެކެވެ.

ކުރުނބާ ފެން

ބަރުދަން ލުއިކުރަން މަސައްކަތް ކުރާއިރު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ މުހިއްމު ކަމެކެވެ. ކުރުނބާ ފެނަކީ ހަށިގަނޑަށް ބޭނުންވާ ފެން ލިއްބައިދިނުމުގެ އިތުރުން ސިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް ވެސް އެކުލެވޭ ބުއިމެކެވެ. މި ބުއިން ކަސްރަތު ކުރުމަށްފަހު ބުއިން އެދެވިގެންވެ އެވެ.