އިންޑިއާގެ އާންމުންނަށް އެކި ގޮތްގޮތުން އެހީވަމުން އަންނަ ބޮލީވުޑްގެ ތަރި ސޯނޫ ސޫދު އިންޓަނޭޝަނަލް ސްކޫލެއް ގާއިމް ކުރުމަށް ނިންމައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސޯނޫ ސޫދު ސްކޫލު ގާއިމްކުރުމަށް ނިންމާފައިވަނީ ބިހާރުގެ 27 އަހަރުގެ އިންޖިނިއަރެއް ކަމަށްވާ ބުރެންދުރަ ކުމާރު މަހާޓޯ ކިޔާ ޒުވާނަކު އޭނަ އަދާކުރަމުން އައި ވަޒީފާ ދޫކޮށްލުމަށްފަހު ޔަތީމު ކުދިންނަށް ކިޔަވައިދިނުމަށް ސްކޫލެއް ހުޅުވައި އެތަނަށް ސޯނޫގެ ނަން ދީފައިވާތީ އެވެ. ސޯނޫ ސޫދު މިހާރު ނިންމާފައިވަނީ އެސްކޫލު ރަގަޅު ފެންވަރަކަށް ތަރައްގީކުރުމަށްފަހު އިންޓަނޭޝަނަލް ސްކޫލަކަށް އެތަން ބަދަލުކުރުމަށެވެ. އެގޮތުން މިހާރު އެމަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސޯނޫ ވަނީ އެސްކޫލަށް ޒިޔާރަތްކޮށް އެތަނުގެ ދަރިވަރުންނާ އެކީ ވަގުތު ވެސް ހޭދަކޮށްފައިވެ އެވެ.
މިސްކޫލުގައި މިހާރުވެސް 110 ކުދިން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސޯނޫ ސޫދު މިސުކޫލު ތަރައްގީކުރަނީ އެތަނުގައި ފަގީރު ކުދިންނަށް ދިރިއުޅެވޭ ގޮތަށެވެ.
"ތައުލީމީ ފުރުސަތު އިތުރުކުރުމަކީ ފަގީރުކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެންމެ ރަނގަޅު އެއް ގޮތް. އަޅުގަނޑުމެންގެ އަމާޒަކީ މުޖުތަމައުގެ ބާކީވެފައިވާ ކުދިންނަށް ވަޒީފާގެ ފުރުސަތު ބޮޑުވާނެ ގޮތަށް ތައުލީމު ދިނުން." ސޯނޫ ބުންޏެވެ.
ސޯނޫ ސްކޫލެއް ހުޅުވާ އިރު، މީގެ ދެ އަހަރު ކުރިން އޭނަގެ މަންމަ އަދި މަރުވެފައިވާ ކުރީގެ ޕްރޮފެސަރު ސަރޯޖް ސޫދުގެ ނަމުގައި ހިލޭ ސްކޮލަޝިޕްތަކެއް ވެސް ތައާރަފުކޮށްފައިވެ އެވެ.
އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ނަމޫނާއެއްގެ ގޮތުގައި ގިނަ ބަޔަކު ސޯނޫ ބަލައިގެންފައިވާއިރު އޭނާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ކޮވިޑް-19 އާ ހެދި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންގެ ތެރޭގައި އެހީތެރިކަން ބޭނުންވި އެތައް ބަޔަކަށް އެހީވުމުންނެވެ.