މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހަރަދުގައި މިއަހަރުު ހައްޖަށް ފޮނުވަން ހޮވި ފަސް މުވައްޒަފުންނަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
އެ ކުންފުނިން 2019 ވަނަ އަހަރު ކޮވިޑާ ގުޅިގެން، ކުންފުނީގެ ޚަރަދުގައި މުވައްޒަފުން ހައްޖަށް ފޮނުވުން މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން މުވައްޒަފުން ހައްޖަށް ފޮނުވުމަށް ނިންމައި، މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފައި ވަނީ މިއަދު ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ލިޔުން މުވައްޒަފުންނާއި ހަވާލުކޮށްދެއްވާފައިވަނީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު އެވެ.
އެ ކުންފުނިން ބުނީ އެމްއޭސީއެލްގެ ހައްޖު ސްޕޮންސާޝިޕަކީ ހައްޖުގެ އަޅުކަން އަދާކުރުމަށް، ކުންފުނީގައި ގިނަދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންނަށް އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ދެވޭ ސްޕޮންސާޝިޕެއް ކަމަށެވެވެ. އަދި ކޮވިޑާ ގުޅިގެން މެދުކެޑިފައި އޮތުމަށްފަހު ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދެވޭގޮތްވުމާއެކު، މިދިޔަ އަހަރުން ފެށިގެން ހައްޖު ކޯޓާ ހޯދުމަށް އެމްއޭސީއެލް އިން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
"މި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް، ރިޒާވްކޮށްފައިވާ ކޯޓާގެ ތެރެއިން، އެމްއޭސީއެލްއަށް ވަނީ ފަސް ޖާގަ ހަމަޖެހިފައި،" އެމްއޭސީއެލް އިން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ތޯހާ ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމާއި ތަރައްގީއަށް އަދި އެހެނިހެން ފުރުސަތުތައް ހޯދައިދިނުމަށް ވެސް ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މުވައްޒަފުން ހައްޖަށް ފޮނުވުމުގެ ސްޕޮންސާޝިޕަކީ ވެސް މިގޮތުން ފާހަގަކުރެވޭ ކާމިޔާބީއެއް ކަމަށް ތޯހާ ވިދާޅުވި އެވެ.
މިއަހަރު ހައްޖު ދަތުރަށް ޖާގައިގެ ފުރުސަތު ދިނުމުގައި އެ ކުންފުނިން ބަލާފައި ވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާއި އެއްގޮތައް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.