ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)ގެ މައްސަލައިގައި ދޮގު ބަޔާން ދިން ކަމަށް ބުނެ ދައުލަތުން ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މުއިއްޒުގެ މައްޗަށް ދައުވާ ދައުލަތުން ކުރީ ނޫމަޑި ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލެންޑްސްގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް 2019 ވަނަ އަހަރު ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.
މުއިއްޒުއަށް ކުރި ދައުވާއާ ގުޅިގެން މައްސަލައިގައި ހިމެނޭ ހަސްމުން ހުލާސާ ބަޔާން އިއްވުން އޮތީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.
ދައުލަތުގެ ދައުވާއަށް މުއިއްޒު އިންކާރުކުރައްވާފައި ވާތީ މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބް ވަނީ އެ ބަޔާން ދެއްވީ މުއިއްޒުކަން ޝަރީއަތަށް ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް މުއިއްޒު ދެއްވި ކަމަށް ބުނާ ބަޔާނުގައިވާ ސޮއިއަކީ މުއިއްޒުގެ ސޮއިކަން ވެސް ތަހުގީގު މެދުވެރިކޮށް ދައުލަތަށް ޔަގީންކޮށްދެވިފައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
ނޫމަޑިއާ ސަރުކާރުން ހަވާލުކުރި ހައުސިން މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގޮސްފައިނުވާ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، އެފަދަ ޝެޑިއުލެއް އޮތްކަން ދައުލަތަށް ބުނެ ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ދައުލަތުން ބުނާ ނަމަ އެފަދަ އެއްވެސް ނިންމުމެއް ދައުލަތަަށް ހުށަހެޅިފައިނުވާ ކަމަށާއި އެހެންވެ އެ ހާލަތުގައި ދައުވާ ބަލިކަށިވެގެންދާނެ ކަމަށް ގާޒީ ސޮފްވަތު ވިދާޅުވި އެވެ.
ގާޒީ ސޮފްވަތު ހަބީބް ވިދާޅުވި ގޮތުގައި އާބިޓްރޭޝަނަށް މުއިއްޒު ބަޔާނެއް ދެއްވިކަމާ މެދު ސުވާލު އުފެދިފައިވާތީ ކުށުގެ ރުކުންތައް ފުރިހަމައެއް ނުވެ އެވެ. އެހެންވެ، އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ސާބިތުނުވާ ކަމަށް ހުކުމް ކުރެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ ދައުވާ ސާބިތުވިޔަސް، މުއިއްޒުގެ މައްޗަށް އަންނާނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ނޫމަޑިން ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ދޭން ނިންމައިފަ އެވެ.
ނޫމަޑީގެ އެއްބަސްވުންތައް ބާތިލްކޮށްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ޑރ. މުއިއްޒު ހުންނެވި ދުވަސްވަރު އެވެ.