ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ "ވަގެއް" ކަމަށް ބުނެ އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ ކުރި ޓްވީޓްއަކާ ގުޅިގެން އޭނާއާ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ސްޓޭޓް މިނިސްޓަރުގެ މަގާމުން މުޣުނީ ވަކިކޮށްފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން މުޣުނީ ފުރަތަމަ އައްޔަން ކުރީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހު އޭނާ އެމަގާމުން ވަކިކޮށް އެންވާރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރި އެވެ.
މުޣުނީ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހް ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް އައްޔަން ކޮށްފައި ވަނީ އެ ކުންފުނިތައް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކޮރަޕްޓް ބައެއް ކަމަށެވެ.
"ހިންނަވަރު ވަގު އިބްރާހިމްބެ ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް އައްޔަން ކޮށްފައިވަނީ އެ ކުންފުނިތައް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކޮރަޕްޓުވެފައިވާ ވަގުންގެ ޓީމެއް،" ކަމަށް މުޣުނީގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
އެހެން ނަމަވެސް މުޣުނީ ވަނީ އެ ޓްވީޓް ވަގުތުން ޑިލީޓްކޮށްފަ އެވެ.
މި ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މުޣުނީއަށް ވަނީ އަމާޒުވެފަ އެވެ. އަދި ރައީސް ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ އޭނާ މަގާމުން ވަކިކުރުމަށް ގޮވާލާފަ އެވެ.
މިމައްސަލަ ރައީސް އޮފީހުން އަންނަނީ ބަދަލުކޮށްފަ އެވެ.