ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްގެ ކެމްޕޭން މެނޭޖަރަކަށް އޭނާގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިއަދު ހަމަޖައްސައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް ގްރޫޕަށް ލީޑަރު ގާސިމް އިބްރާހިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖެ ބައިތަކަކަށް ބަހާލައިގެން ކެމްޕެއިންގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ ކުރީގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމު އަހުމަދެވެ.
އިލްހާމްއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އެވެ. އަދި މާލޭގެ ދެބައިކުޅަ އެއްބައި އިލްހާމްއާ ވަނީ ހަވާލު ކުރައްވައިފަ އެވެ.
އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް އެވެ. އަމީންއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި މާލޭގެ ދެ ބައިކުޅަ އެއްބަ އެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ކަން ކުރެއްވި އަމީންއަކީ ފެށުނީއްސުރެ، ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ އެއް ބޭފުޅެވެ.
އެ މެސެޖުގައި ގާސިމް އިތުރަށް ވިދާޅުވެފައި ވަނީ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި ކެމްޕެއިން ލޯންޗިން އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ކުރިއަށް ގެންދަވާނީ އިލްހާމާއި އަމީނެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނު ބަހާލައިގެން ބާއްވާ ހަރަކާތްތަކުގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ހިންގާނީވެސް އިލްހާމް އާއި އަމީން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
"ވީމާ މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކުރުމަށް އަޅުގަނޑު ހަމަޖައްސާފައިވާ ބޭފުޅުންގެ މަސައްކަތަށް ބޭނުންފުޅު ވާނެ އެންމެހާ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ޕާޓީގެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނާއި އަދި ޕާޓީގެ ކޮމިޓީތަކުގެ ހުރިހާ ބޭފުޅުންގެ އަރިހުން އެބޭފުޅަކު ނިސްބަތްވާ އަތޮޅެއް ހިމެނޭ ޓީމްއަކާ ގުޅިގެން ވީހާވެސް ބާރު ސްޕީޑްއެއްގައި އެއް ރޫހެއްގައި އެންމެން ގުޅިގެން މަސައްކަތްކޮށް ދެއްވުން އެދި ދަންނަވަމެވެ،" ގާސިމްގެ މެސެޖްގައި ވަނީ އެދިލައްވާފަ އެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓް ގާސިމަށް ރަސްމީކޮށް ހަވާލުކުރުން އޮންނާނީ އަންނަ މަހުގެ ތެރޭގަ އެވެ. އެއާއެކު ޖޭޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށިގެންދާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.