ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި އިދިކޮޅު ކޯލިޝަން ގުޅިގެން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބަށް ނޫން ކަމަށާއި ޗާގޯސް މައްސަލާގައި ކަމަށް އެކަމާ ދެކޮޅަށް މަސައްކަތް ކުރަން އުފައްދާފައިވާ ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕުން ބުނެފި އެވެ.
ފޯޅަވަހި މައްސަލާގައި ސަރުކާރުގެ ނިންމުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މަޖިލިސް މެމްބަރުންތަކެއް ގުޅިގެން ވަނީ ސަރުކާރާ ދެކޮަޅަށް މަސައްކަތްކުރުމަށް ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕެއް އުފައްދައިފަ އެވެ.
އިދިކޮޅު ޕާޓީތަކާއި ސަރުކާރު ހިންގާ ޕާޓީތައް ގުޅިގެން މަސައްކަތް ކުރާކަން ރަސްމީކޮށް ހާމަކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ގުރޫޕުގައި ހިމެނޭ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދަޅުވީ މި ކޯލިޝަން އުފެއްދީ ރިޔާސީ އިންތިހާބަށް ނޫން ކަމަށެވެ. އަދި މިއީ ގައުމީ މަސްލަހަތު ހިމާޔަތް ކުރަން އުފެއްދި ޕީޖީ ގުރޫޕެއް ކަމަށް ސަލީމް ވިދާޅުވި އެވެ.
ޗާގޯސް މައްސަލާގައި މީގެ ކުރިން ވެސް އިދިކޮޅު ޕީޖީ ގުރޫޕުން ބައްދަލުވުންތަކެއް ބާއްވާފައިވެ އެވެ. އަދި ކުރީގެ ބަންޑާރަ ނައިބުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ އެކަމާ ދެކޮޅަށް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
ޗާގޯސް މައްސަލާގައި ސަރުކާރުން އަމަލުކުރި ގޮތުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ސަރުކާޒަށް އަމާޒުވެފަ އެވެ.
ޗާގޯސް މައްސަލާގައި ރާއްޖެ އާއި އެއްކޮޅަށް އިޓްލޮސް އިން ނިންމި ނިންމުމާ ގުޅިގެން ރާއްޖެއަށް ކަނޑުގެ ޚާއްސަ ސަރަހައްދެއް ދެކުނުން ކަނޑައެޅިގެން ދިޔަ ކަމަށާއި އެއީ ރާއްޖެއަށް ގެއްލުންވާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.