ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް ޔާމީން މިވަގުތު ޖަލުގައި ހުންނަވާތީ، އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެ ބައްދަލުވުމުގެ ފޮޓޯއެއް ވަނީ އާންމު ކުރައްވާފަ އެވެ.

އެ ފޮޓޯގައި އަދުރޭގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވެސް ހުންނެވިއެވެ. އަދި، ރައީސް ނަޝީދާއެކު، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ހުންނެވި އެވެ.

މިބައްދަލުވުމަކީ ރައީސް ޔާމީންގެވެސް އެދިވަޑައިގަތުމުގެ މަތީން ޗާގޯސް މައްސަލައާއި ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މިމައްސަލާގައި ސިޔާސީ ޕާޓީތަކާއި ވަކިވަކި ފަރުދުންނާއި އަދި ޖަމިއްޔާތަކާ ވެސް މިކަމުގައި މަޝްވަރާ ކުރާ ކަމަށެވެ.

އަދުރޭ ވިދާޅުވީ މިމައްސަލާގައި ވާހަކަ ދެކެވުނީ ޗާގޯސް މައްސަލައާއި ގުޅިގެން ކަމަށެވެ. އަދި އެކަމުގައި ހުރި ކަންބޮޑުވުންތަކާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދުރޭ ވިދާޅުވީ އެ މައްސަލައިގައި ސަރުކާރުން ކަންކޮށްފައި ވަނީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތުގައި ނޫން ކަމަށް ރައީސް ނަޝީދު ވެސް ވިދާޅުވި ކަމަށެވެ.

ޗާގޯސް މައްސަލާގައި މީގެކުރިންވެސް އިދިކޮޅު ފަރާތްތަކާއި އެކު މިފަދަ މަޝްވަރަތައް ކުރިއަށް ގެންދިޔައެވެ. އެގޮތުން ޕީޕީއެމްއާއި އެމްޑީޕީގެ ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ ބޭފުޅުންނާއި ޖޭޕީގެ ބޭފުޅުންނާއި އެމްއާރުއެމްގެ ބޭފުޅުން ވެސް މީގެ ކުރިން މާގިރި ހޮޓަލުގައި ވެސް ބައްދަލު ކުރައްވާފައިވެ އެވެ.