ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރު ކަމަށާ މިކަންކަމުން ރައްކާތެރިވުމަށް އެންމެންނަކީ ވެސް ހެލިފެލިވެ އުޅޭ ކަސްރަތު ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީ ހެކްތު ކެއާ ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ފ. ނިލަންދޫގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ މިހާރު ރާއްޖޭގައި ކަންބޮޑުވާ ދަރަޖައަށް ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާކަން، މިހާރު ހަދާފައި ހުރި ސާވޭތަކުން ދައްކާ ކަމަށެވެ. އެހެންވީމާ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށާ މިފަދަ ބަލިތަކުން ރައްކާތެރި ވުމަށް އެންމެންނަކީ ވެސް ކަސްރަތުކޮށް ހެލިފެލިވެ އުޅޭ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ މިހާލަތު އިތުރަށް ގޯސްވެ ކަންބޮޑުވާ ހިސާބަށް ހިނގައިދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ކުރެވިފައި ހުރި ސާވޭތަކުން އެބައިނގޭ ކަންބޮޑުވާ ދަރަޖައިގަ ގައިންގަޔަށް ނާރާ ބަލިތައް އެބަހުރިކަން މިކަން ބަދަލުކުރެވެން އޮތީ ފަރުދީ ލެވެލްގަ މަސައްކަތް ކޮށްގެން. ކަސްރަތު ކުރާ ބަޔަކަށް ވާން ޖެހޭ މިކަންކަން ބަދަލުނުކުރާ ކަމަށްވަންޏާ ކަންބޮޑުވާ ހިސާބަށް ކަންތައްތައް ގޮސްދާނެ،" ފައިސަލް ވިދާޅުވި އެވެ.

އެގޮތުން ހަކުރު ބައްޔާއި ކެންސަރު ބައްޔާއި ކިޑްނީގެ ބަލިތައް އިތުރުވަމުން ދާކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

ޕްރައިމަރީ ހެލްތު ކެއާ ފ. އަތޮޅުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ފައިސަލް އިތުރަށް ވިދާޅުވީ މިކަމަކީ ކުރީން 1980 އަދި 90 ގެ ތެރޭގައި ވަރަށް ރަނގަޅަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށާއި އެހެން ނަމަވެސް އޭގެ ފަހުން އެކަމަށް އަޅާނުލެވި އޮތް ކަމެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތްތައް އަބަދުވެސް ކުރަމުންދާ ކަމަށެވެ.

ނަމަވެސް މިދިޔަ ހަތަރު އަހަރު ތެރޭގައި މާލެ އޭރިޔާ އާއި ހާއްސަކޮށް އަތޮޅު ތެރޭގައި ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމަށް، ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އަދި މީހުން ތަރައްގީކުރުމަށް ވަރަށް ގިނަ ގުނަ މަސައކަތްތަކެއް މިސަރުކާރުން ކޮށްފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.