އިންސާނުންގެ ތެރޭގައި ހިމެނޭ ތަފާތުތަކަށް ނަޒަރު ހިންގާ ނަމަ އެކަމުގައި ލައްކަ ގިނަ ތަފާތުތަކެއް ވާކަން އަޅުގަނޑުމެންގެ ޙިއްސުތަކުން ދެނެގަނެވިދާނެއެވެ. އިންސާނުންގެ ޚިޔާލާއި ފިކުރުގެ ތަފާތަކީ މިކަމުގެ އެންމެ ބޮޑު އެއްކަމެވެ. އަޅުގަޑުމެންގެ މި ކުޑަ އާބާދީގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖެއަށް ބަލާނަމަ ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ފުޅާ ދާއިރާއެއްގައި އަދި ޞަރީޙަ ގޮތެއްގައި ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައެވެ. މި ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ގެ 27 ވަނަ މާއްދާގައި ދިވެހިންނަށް ލިއްބައިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބަޔާންކޮށްފައިވާ ގޮތުން މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާއި ޙިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމެވެ.

ތަފާތު ޚިޔާލުތައް މުޖުތަމައުއެއްގައި ދިރުވައި އާލާކުރުމުގެ ރޫހަކީ މިކަމުގައި އިޖްތިމާއި އަދި އިޤްތިސާދީ އެތަކެއް ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ. އާއިލާތަކުން ފެށިގެން އަޅުގަޑުމެންގެ މަސައްކަތުގެ މާޙައުލުގައި މިކަމަކީ ފުރިހަމަގޮތުގައި އާލާކުރަން ވެއްޖެ ކަމެކެވެ. ވިސްނާ ބައްލަވާށެވެ. ތަފާތު ޚިޔާލަށް ފުރުޞަތު ނުލިބުމުން ރޫޅިފައިވަނީ އަޅުގަޑުމެންގެ ކިތައް ޢާއިލާ ތޯއެވެ؟ ޚިޔާލު ތަފާތުވުމުން، ބޭޒާރުކުރުމާއި ހަޖޫ ރައްދުވަނީ ކިތައް ފަރުދުންނަށް ހެއްޔެވެ؟ މުވައްޒަފުންނާއި މެނޭޖްމަންޓާއި ދޭތެރޭ ތަފާތު ޚިޔާލަށް ފުރުޞަތު ނުލިބުމުން އިނދަޖެހެނީ ކިތައް ވިޔަފާރިތޯއެވެ؟ ގެއްލެނީ ކިހާމެ އަގުހުރި، ޤާބިލު މުވައްޒަފުންތޯއެވެ؟ އަދި ޤައުމަކަށް ބަލާ ނަމަ، ފަރުދުންގެ މެދުގައި ތަފާތު ޚިޔާލުތަކަށް ޖާގަ ނެތުމުން ހަމަނުޖެހުމާއި ބޮޑެތި ދާޙިލީ ހަނގުރާމަތައް ހިންގަނީ ކިތައް ޤައުމުތަކުގައި ތޯއެވެ؟ ދުނިޔޭގެ ތާރިޚަށް ބަލާ ނަމަ މިކަމަކީ ކަޅު ސޮފުހާތަކެއް އެކުލެވިގެންވާ ކަމެކެވެ. ޒަމާނީ ސައިންސްގެ ބައްޕައެއް ކަމުގައި ބުނާ މަޝްހޫރު ނުޖޫމީ އަދި ޕިޒިސިސްޓެއް ކަމަށްވާ ގަލީލިއޯ ގަލީލޭ ދުނިޔެ ދައުރުކުރަނީ އިރުގެ ވަށައިގެންކަމަށް ނަޒަރިއްޔާތެއް އެކުލަވާލާ ވަކާލާތުކުރިއެވެ. އަދި މި ޙަޤީޤަތަކީ މިއަދާ ހަމައަށް ވެސް ސައިންސް ހެކިކޮށްދޭ ކަމެކެވެ. ނަމަވެސް، މިކަން ވެގެން ދިޔައީ އެ ދުވަސްވަރުގެ ސަލީބީ ފައްޅިތަކުގެ ބާރުގެ ދަށުގައިވާ ޢިލްމީ ޤަބޫލުކުރުންތަކާ ޚިލާފުކަމަކަށް ވީ ހިނދު، ސަލީބީ ފައްޅިތަކާ ދެކޮޅު ޢަމަލެއް ހިންގިކަމަކަށް ހަދައި ގަލީލިއޯގެ މަރުދުވަހާ ހަމައަށް މިކަމަށް އަދަބު ލިބިގެން ދިޔަކަމަށެވެ.

އިންސާނާއަކީ ތަބީއަތުގައި ވެސް އޭނާގެ ނަފްސު ތަފާތު އުރެދުންތަކާއި ކުށްހީތަކަށް އުރެދޭ މަޙްލޫގެއްކަން އަޅުގަޑުމެންގެ ދީނާއި ނަފްސާނީ ޢިލްމުގެ ދިރާސާތަކުން ހެކިދެއެވެ. އެމެރިކާގެ އެންމެ ފުންނާބު އުސް އެއް ސައިކޮލޮޖިސްޓު ކަމަށްވާ ޝޯން ޜޯސެންބާގް ކޮށްފައިވާ ދިރާސާތަކުން ހާމަވާކަމަކީ ޑިމޮކްރެސީއަކީ އިންސާނުންގެ ސިކުންޑިތައް އުފެދި ހިނގާ ގޮތާ ބީރައްޓެހި ނިޒާމެކެވެ. ސަބަބަކީ ޑިމޮކްރެސީއަކީ ތަފާތު ފިކުރުތަކަށް ތަންދޭ ނިޒާމަކަށް ވާ ހިނދު، އިންސާނާގެ ސިކުންޑިއަކީ ކުށްހީތަކުން ފުރިފައިވާ ޙިއްސަކަށް ވީ ނަމަވެސް، އޭނާ އަށް ތަފާތު ޚިޔާލުގެ ތެދު ޤަބޫލުކުރަން ދަތިވުމެވެ. އެހެންކަމުން، އިންސާނުންނަކީ ވިސްނުމާއި ފިކުރުކުރުމުގައި ވަރުގަދަ ޖިހާދެއްކުރަން ޖެހޭ ބަޔެކެވެ. މިކަމަކީ މުޖުތަމައުގައި ރަނގަޅު ފިކުރިއްޔާތު ކުރިއެރުވުމަށް މުހިންމު މަސައްކަތެކެވެ. އަޅުގަޑުމެންގެ މި ކުޑަ ދިވެހިރާއްޖެއަކީ ޢިލްމީ ޤާބިލް ބަޔަކު ދިރިއުޅޭ، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި ހަމަޖެހޭ ވެއްޓެއް ޤާއިމްކުރަން ތަފާތު ޚިޔާލުތަކަށް ފުޅާ ދާއިރާއެއްގައި ފުރުޞަތުދީ، އިޙްތިރާމް ކުރަންޖެހެއެވެ. ފަރުދަކު ހާމަކުރާ ފިކުރާ ވިސްނުމަކީ ޤާނޫނުތަކާ ހިލާފުނުވާ، އަނެކާއަށް ޖިސްމާނީ އަދި ނަފްސާނީ ދެރައެއް ނުލިބޭ ކޮންމެ ކަމަކަށް އަޅުގަޑުމެން ފުރުޞަތު ދޭންޖެހޭ ކަންކަމެވެ.

ތަފާތު ފިކުރަށް އިޙްތިރާމްކުރުމުގެ ބިންގާ ފެށެނީ އަޅުގަޑުމެންގެ ތަޢްލީމީ ޙަޔާތުންނެވެ. ސްކޫލު މަދަރުސާއިން ފެށިގެންގޮސް މަތީ ތަޢްލީމުގެ ހަޔާތަކީ މި ކަމުގެ އެންމެ ބޮޑު މަސައްކަތެއް ފެށޭ މަރުޙަލާއެވެ. ރަނގަޅު މަތީ ތަޢުލީމީ ނިޒާމެއްގެ ތެރޭ އަޅުގަޑުމެންގެ ދަރީން ގެންގުޅެންޖެހޭ އެންމެ ބޮޑު ސަބަބަކީ ވެސް މިއެވެ. ކޮންމެ ޢިލްމީ ދާއިރާއަކަށް ބެލި ނަމަވެސް ޙަޤީޤަތަކީ ބަދަލުވަމުންދާ އެއްޗެކެވެ. މިކަމަކީ ޢިލްމީ ނަޒަރިއްޔާތު އެކުލެވި ހިނގަމުންދާ ގޮތުގެ ނިޔާއެވެ. ކަޅާ ހުދުން އެނގޭ މިންވަރަށް ހުރި ޢިލްމުގައި ޔަގީން ކުރެވޭ ޙަޤީޤަތަކީ އިނގިލިން ގުނާލެވޭހާ މަދު ކަންތައްތަކެވެ. ކޮންމެ ޢިލްމީ ދާއިރާއެއްގައި ވެސް ތަފާތު ޚިޔާލާއި ފިކުރު ގެންގުޅޭނެ ފަރާތްތައް އުޅޭނެއެވެ. ކަމެއްގެ ޙަޤީޤަތްކަމަށް ޢާންމު ގޮތެއްގައި ބަލައިގަންނަނީ އިންސާނުން އެކަމެއްގައި ޒާތީ ތަޢައްސުބުން އެއްކިބާވެ ތިބެ، ވިސްނާ، އެކަމެއްގައިވާ ހެކީގެ ބުރަދަން ވަޒަންކުރުމަށް ފަހު ސުބޫތުކުރެވޭ ޙަޤީޤަތްކަމުގައި ގިނަ ޢިލްމީ މުފައްކިރުން ޤަބޫލުކުރެއެވެ.

އަޅުގަޑުމެންގެ އިޤްތިޞާދަށް ބަލާ ނަމަ އީޖާދީ ވިޔަފާރިތަކާއި އާ ވިސްނުންތައް އިތުރުކުރުމަށް ބިނާ ކުރުވަނިވި ތަފާތު ޚިޔާލަށް ފުރުޞަތު ދޭންޖެހެއެވެ. އިޖާދީ ވިޔަފާރިތައް ކާމިޔާބު ގޮތުގައި ވުޖޫދަށް ގެނައުމަކީ އޭގެ ޒާތުގައި ގޮންޖެހުން ބޮޑު މަސައްކަތެކެވެ. ޙަރަދު ބޮޑު، ނާކާމިޔާބުގެ ނިސްބަތް ގިނަ މަސައްކަތެކެވެ. އެމެރިކާގެ ނިއުޔޯކް ޔުނިވަރސިޓީގެ ފުންނާބު އުސް ޕްރޮފެސަރެއް ކަމަށްވާ މެލިއްސާ ސްލިންގ އީޖާދު ކުރުމާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ހާމަ ވެފައިވަނީ ވިސްނުމެއް އިޖާދީ ވިސްނުމަކަށް ހަދައި، އެވިސްނުމަކުން ނަފާ ހޯދެނީ އެތަކެއް ހާސް ވިސްނުންތަކެއްގެ ތެރެއިން ފުރޭނިގެން އަންނަ ވަރަށް ވެސް މަދު ވިސްނުމެއްގައެވެ. ނަމަވެސް، މި މަސައްކަތަކީ ކޮންމެ ގައުމަކުން ވެސް ކުރަންޖެހޭ އިޖްތިމާއީ އަދި އިޤްތިޞާދީ ފައިދާ ބޮޑު މަސައްކަތެކެވެ. ތަފާތު ޚިޔާލުތަކަށް މަރުޙަބާ ކިޔާ، މިކަމަށް ހިތްވަރު ދިނުމަކީ މިކަން ކާމިޔާބުކުރުމުގެ ބިންގަލެވެ.

އަޅުގަޑުމެންގެ ޤައުމުގެ ވިޔަފާރި ކުންފުނިތަކަކީ މި ރޫޙު އާލާކުރަންވެފައިވާ އެންމެ މުހިންމު މުއައްސަސާތަކެވެ. ވަކީން ޚާއްޞަކޮށް އާންމު ރައްޔިތުންގެ މަޞްލަޙަތު އެކުލެވިގެންވާ ޕަބްލިކް ކުންފުނިތަކާއި ސްޓޭޓް އޯންޑް އެންޓަޕްރައިސަސްތަކުގެ މަސްޢޫލުވެރިންގެ ގޮތުގައި މަސައްކަތްކުރާ ބޯޑު ޑިރެކްޓަރުންގެ މެދުގައި މި ހޭލުންތެރިކަން އިތުރުކުރަންޖެހެއެވެ. އާންމު މަޞްލަޙަތު އެކުލެވޭ މި ވިޔަފާރި ތަކުގައި ތަފާތު ރަޢުޔު ނެރޭ ބޯޑު ޑިރެކްޓަރުންނަށް އިޙްތިރާމުކުރުމާއި މަޤާމުގެ ރައްކާތެރިކަން ލިއްބައިދިނުން އިތުރުކުރަންޖެހެއެވެ. ބިނާކުރަނިވި ގޮތުގައި ދެބަސްވުން ނުވަތަ ކޮންސްޓްރަކްޓިވް ޑިސެންޓަކީ ދުނިޔޭގެ ބޮޑެތި މުއައްސާތައް ކަމަށްވާ ވޯލްޑް ބޭންކް ފަދަ މުއައްސަސާތަކުން، މިފަދަ ކުންފުނިތަކުގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާކުރުމަށް ބާރުއަޅާ އެންމެ މުހިންމު އެއްކަމެވެ.

އިންސާނާ ދުނިޔޭގައި އާރާސްތުކުރާ މި ޙަޔާތަކީ އެނާގެ ކޮނޑުގައި ތަފާތު ޒިންމާތަކެއް އެކުލެވިގެންވާ ކަމެކެވެ. ފަރުދީ އަދި އިޖްތިމާއީ އެކިއެކި ވާޖިބުތައް ޢަދުލުވެރިގޮތުގައި އަދާކުރުމަށް ތިމާ ގަބޫލުކުރާ ގޮތް ނޫން ފިކުރުތަކާއި ޚިޔާލުތަކަށް ޤާނޫނު ހުއްދަކުރާ ގޮތުގެ މަތީން ޖާގަ ދޭންޖެހެއެވެ. އެއީ މުޖުތަމައުގެ ހަމަޖެހުމަށެވެ. ތަޢްލީމު ޙާޞިލުކޮށްގެން މަތީ ވަނަވަނަ ހޯދައިގެން ނިކުންނަ ދަރިވަރުންގެ ފަރާތުން އުފެއްދުންތެރި މުޖުތަމަޢުއަކަށް ބޭނުންވާ ޙިދުމަތް ފުރިހަމަގޮތުގައި ޤައުމަށް ހޯދުމަށެވެ. އަންނާން އޮތް ދިވެހި ޖީލުތަކަށް ފަހި ދިރުއުޅުމެއް ހޯދައި ދިނުމަށްޓަކައެވެ. ރާއްޖެ އަކީ ޖަޒީރާވަންތަ ޤައުމަކަށް ވީ ހިނދު، ރާއްޖޭގެ އާބާދީ ބެހިފައިވަނީ ކުދިކުދި އާބާދީތަކަކަށް ވުމުން ތަފާތު ޚިޔާލަށް ފުރުޞަތުދިނުމާއި މިކަމަށް އިޙްތިރާމް ކުރުމުގެ ރޫހު އަށަގެންނެވުމަކީ އޮތް ބޮޑު ގޮންޖެހުމެކެވެ.

އެޑިޓަރުގެ ނޯޓް: އަނިލް އާދަމް އަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމު ދިނުމުގައި ގިނަ ދުވަސްތަކަކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ސައިރިކްސް ކޮލެޖުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު މަސައްކަތްކުރައް ވަނީ މީހުން ބިނާ ކުރުމުގެ އިތުރުން ދައުލަތުގެ ހިއްސާގެ ބާޒާރު ރެގިއުލޭޓް ކުރުމުގެ ބެލެނިވެރި ފަރާތްކަމުގައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގަ އެވެ.