ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށްދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ހެކިބަސް ނެގުން އަންނަ އާދިއްތަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ޔާމީންގެ މައްޗަށް އެ މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށެވެ.
މިއަދު ތާވަލް ކޮށްފައިވަނީ އެ މައްސަލައިގެ އިފްތިތާހީ ބަޔާން އިއްވުމެވެ. މި މައްސަލައަށް ތައްޔާރުވުމަށް ވަކީލުންނާ ބައްދަލުކުރެއްވުމަށް އެކަށީގެންވާ ފުރުސަތު ރައީސް ޔާމީން ނުލިބޭ ކަމަށް ވިދާޅުވުމުން ދެފަހަރެއްގެ މަތީން މީގެ ކުރީން އިފްތިތާހީ ބަޔާން އިއްވުން ފަސްކޮށްފައިވެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިފްތިތާހީ ބަޔާން އިއްވަމުން ޔާމީންގެ ވަކީލުން ވިދާޅުވީ ޔާމީނަށް ލިބިވަޑައިގަތް 1.1 މިލިއަން ޑޮލަރަކީ ސަން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އަތުން ޑޮލަރު ގަތުމަށް ހިންގެވި މުއާމަލާތެއް ކަމަށެވެ. ޑޮލަރަށްވާ ދިވެހި ރުފިޔާ ސިޔާމާ ހަވާލު ކުރެއްވިކަން ހެކިތަކުން ސާފުވާނެ ކަމަށާއި އެއީ ރިޝްވަތާއި މަނީ ލޯންޑްރިންގެ އަމަލެއް ނޫންކަން ޔާމީންގެ ވަކީލުންގެ ވިދާޅުވި އެވެ.
ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ދައުލަތުން ތުހުމަތު ކުރާ ރިޝްވަތުގެ މުއާމަލާތް ހިންގާފައި ވަނީ ކްލެސިކް ސިޓީ ހޯލްޑިންސްއަށް ރ. ފުއްގިރި ހަތަރު ލައްކަ ޑޮލަރަށް ދޫކުރަން އެމްއެމްޕީއާރްސީން މާކުރިން އޮފާ ލެޓާ ދީފައި ވަނިކޮށް ކަމަށެވެ. އަދި ރިޝްވަތުގެ އަމަލީ ޔާމީން ހިންގެވީ މި މައްސަލާގައި ދައުވާ ކުރާ ކްރިކް ރިޒާ މެދުވެރިކޮށް ކަމަށްވާއިރު ދެ މީހުންނަށް ދެ ދައުވާއެއް ކުރާކަން ޖަމީލް ފަހަގަ ކުރެއްވި އެވެ. އަދި މިމައްސަލަ ސާބިތު ކުރުމަށް އެކަށީގެންވާ ހެކި ދައުލަތައް ހުށަހެޅިފައި ނުވާ ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގެ ހެކިބަސް ނެގުން އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލް ކޮށްފަ އެވެ. މި މައްސަލާގައި ދައުލަތުން ހުށަހެޅި ހެކި ބަލައި ނުގަތުމަށް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުން ވެސް ވަނީ ހަމަ އެދުވަހަށް ތާވަލް ކޮށްފައިވެ އެވެ.