މި ދުވަސްކޮޅަކީ އަނެއްކާ ވެސް ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރު ސަލްމާން ހާންގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް މީޑިއާގައި ތިލަވާ ދުވަސްވަރެކެވެ. އެގޮތުން ސަލްމާންގެ ކައިވެނީގެ ވާހަކަތަކާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތަރިންގެ ވާހަކަތަކެވެ.
ސަލްމާންގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން އިންޑިއާ ޓީވީގެ މަޝްހޫރު ޝޯ "އާޕް ކީ އަދާލަތު" ގައި އޭނާ ވަނީ ވާހަކަ ދައްކާފަ އެވެ.
އެގޮތުން އަދިވެސް ކައިވެނިކުރަން ބޭނުންވާ ކަމަށާއި އޭނާވެސް ދަރިޔަކު ހޯދަން ބޭނުންވާ ކަމަށް މިޝޯގައި ސަލްމާން ވަނީ ބުނެފަ އެވެ.
އަދި ބައްޕައަކަށް ވުމަކީ ހުވަފެނެއް ކަމަށްވެސް ސަލްމާން ބުންޏެވެ. އެކަމަކު ކަރަން ޖޯހަރުމެން ސަރޮގޭޓްކޮށްގެން ދަރިން ހޯދިހެން ވެސް ނުހޯދިގެން އުޅެނީ އޭނާ އެކަން ކުރަން ބެލި އިރު އިންޑިއާގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސްފައިވާތީ ކަމަށް ސަލްމާން ބުންޏެވެ.
ސަލްމާން ބުނީ އޭނާ އަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށެވެ. ސަރޮގޭޓުކޮށްގެން ދަރިއަކު ހޯދިޔަސް އެ ގޭގައި ދަރިފުޅު ބަލާނެ މީހުން އެބަތިބި ކަމަށެވެ.
އެކަމަކު އޭނާގެ ދަރިފުޅުގެ މަންމައަށް ކޮންމެ ކޮންމެ މީހަކަށް ނުވެވޭނެ ކަމަށް ބުންޏެވެ. ސަލްމާންގެ ބުނީ އޭނާގެ ދަރިފުޅުގެ މަންމަ އަށް ވާނީ އޭނާގެ އަނބިމީހާ ކަމަށެވެ.
މިޝޯގައި ސަލްމާން ވަނީ އޭނާގެ ކައިވެންޏާ ބެހޭ ގޮތުން ކުރެވޭ ސުވާލުތަކަށް ސަމާސާ ގޮތަކަށް ޖަވާބު ދީފަ އެވެ.
"އެކަމަކު ކައިވެންޏަކާ ހަމައަށް ދެވޭނީ ދެ މީހުންގެ ވެސް ރުހުން އޮވެގެންތާ. އަހަރެން އެއްބަސްވާ ފަހަރު އެކޮޅުން ބުނާނެ ނޫނެކޭ. ދެން އެކޮޅުން އެއްބަސްވާ ފަހަރު އަހަރެން ބުނަން ޖެހިދާނެ ނޫނެކޭ،" ސަލްމާން ބުންޏެވެ.
ކައިވެނި ނުކުރެވި ގިނަ ދުވަސް ވެގެން ގޮސްފައިވަނީ އޭނާގެ ސަބަބުން ކަމަށާއި ލޯބީގެ ގޮތުން ރައްޓެހިވި ހުރިހާ މީހުންނަކީ ވެސް ވަރަށް ރަގަޅު މީހުން ކަމަށް ސަލްމާން ބުންޏެވެ. ސަލްމާން ރައްޓެހިވި މީހުންގެ ތެރޭގައި އައިޝްވާރި ރާއީ ރާއީ އާއި ކެޓްރީނާ ކެއިފްގެ އިތުރުން ކުރީގެ ބަތަލާއިން ކަމަށްވާ ސަންގީތާ ބިޖްލާނީ އާއި ސޯމީ އަލީ ހިމެނެ އެވެ. ސަލްމާން އެންމެ ފަހުން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވީ ކެޓްރީނާއާ އެވެ.
ސަލްމާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އިންނެވެ. ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ "ޓައިގާ 3" އެކެވެ. މިފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ދިވާލީގަ އެވެ.