ލަންޑަން (4 ޖެނުއަރީ ) - ދުނިޔޭގެ އެތައް ގައުމުތަކާ ގުޅުންހުރި ސިއްރު ލިޔުންތަކެއް ލީކްކޮށްލުމުގެ ތުހުމަތުގައި އެމެރިކާއިން ހައްޔަރުކުރަން ބޭނުންވާ ވިކިލީކްސްގެ ފައުންޑާ ޖޫލިއަން އާސަންޖް އެމެރިކާއާ ހަވާލުކުރެވެން ނެތް ކަމަށް އިނގިރޭސިވިލާތު ޑިސްޓްރިކްޓް ކޯޓަކުން ނިންމައިފި އެވެ.
ޑިސްޓްރިކް ކޯޓްގެ ފަނޑިޔާރު ވެނެސާ ބްރައިޓްސާ ވިދާޅުވީ އާސަންޖް އެމެރިކާގެ ފަރާތްކާ ހަވާލުކުރުމަށް އެމެރިކާއިން އެދުނު ގޮތަށް އެކަން ކުރެވެން ނެތް ކަމަށާއި ސަބަބަކީ ގިނަ ދުވަސްވަންދެން އެކެހެރިކޮށް އުޅެން ޖެހިފައިވުމުން އާސަންޖްގެ ސިއްހީ ހާލަތު ވަރަށް ދަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަމިއްލައަށް މަރުވާން މަސައްކަތްކޮށްފާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެމެރިކާއިން ވަނީ މިމައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް ބުނެފަ އެވެ.
އެމެރިކާ ސަރުކާރުގެ ވަރަށް ގިނަ ސިއްރު ލިޔުންތަކެއް ލީކްކޮށްލުމާ ގުޅިގެން އެމެރިކާއިން ވަނީ އާސަންޖް ހައްޔަރުކުރުމަށް އަމުރު ނެރެފަ އެވެ. 2012 ވަނަ އަހަރުން ފެށިގެން އާސަންޖް ހުންނަނީ އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯ އެމްބަސީގެ ހިމާޔަތް ހޯދައިގެން އެތަނުގަ އެވެ.
އެމެރިކާގެ އިތުރުން ސްވިޑަންއިން ވެސް ވަނީ އާސަންޖް ހައްޔަރުކުރުމަށް ރެޑް ނޯޓިސް ނެރެފަ އެވެ.
ސްވިޑަންއިން އޭނާ ހައްޔަރުކުރުމަށް މަސައްކަތް ކުރަނީ އަންހެނަކު ރޭޕްކުރުމާއި އަދިވެސް އިތުރު ދެ އަންހެނަކަށް އެކި ވަރުގެ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގަ އެވެ.
އިކުއެޑޯ އެމްބަސީގައި އާސަންޖް ހުންނަތާ ހަތް އަހަރު ފަހުން 2019 ވަނަ އަހަރު އެޕްރީލް މަސް ތެރޭގައި އިކުއެޑޯއިން އޭނާ އަށް ދީފައިވާ ސިޔާސީ ހިމާޔަތް އަނބުރާ ގެންދިއުމާ ގުޅިގެން އިނގިރޭސި ފުލުހުން ވަނީ އިކްއެޑޯ އެމްބަސީއަށް ވަދެ އޭނާ ހައްޔަރުކޮށްފަ އެވެ.
އެމެރިކާއިން ވަނީ އާސަންޖާ ދެކޮޅަށް 17 މައްސަލައެއްގައި ދައުވާކޮށްފަ އެވެ. މިދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 175 އަހަރުގެ ޖަލުހުކުމެއް އަންނާނެ އެވެ.
އަސަންޖްގެ ވަކީލުން ވިދާޅުވީ އޭނާ ލީކްކުރި ލިޔުންތަކަކީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލީކްކުރި ލިޔުންތަކެކެއް ކަމަށާއި އެހެންކަމުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އާސަންޖާއި ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގުރޫޕްތަކާއި އަދި ނޫސްވެރިން ވެސް ވަނީ އާސަންޖް ހައްޔަރުކުރުމަށް ކުރަމުންދާ ކަންތައްތައް ކުށްވެރިކޮށްފަ އެވެ. ގިނަބަޔަކު ފާހަގަކުރާ ގޮތުގައި މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުމެވެ. – ޓީއާރްޓީ ވޯލްޑް