ލަންޑަން (4ޖެނުއަރީ) - އިނގިރޭސިވިލާތުން ކޮވިޑް ވައިރަސްއާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އޮކްސްފޯޑް ވެކްސިން އެސްޓްރާޒެނެކާ ބޭނުންކުރަން މިއަދު ފަށައިފި އެވެ.
ރިޓަޔާޑް މެއިންޓަނެންސް މެނޭޖަރު އަދި ޑަޔަލިލިސް ހަދަމުންދާ ބްރައިން ޕިންކާ (82އ) ވެފައިވަނީ އިނގިރޭސި ވިލާތުގައި އެސްޓްރާ ޒެނެކާ ދެވުނު ފުރަތަމަ މިހާއަށެވެ. ބްރައިން އަށް ވެކްސިން ދެވުނީ އޮކްސްފޯޑް ޗާޗިލް ހޮސްޕިޓަލުގަ އެވެ. ވެކްސިންދިން ވަގުތު މިމަންޒަރު ޓީވީއިން ވަނީ ވަގުތުން ދުރަށްދައްކާފަ އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެސްޓްރާޒެނެކާ ވެކްސިން ދޭން ފެށުމަކީ އެގައުމުން ކޮވިޑް ވައިރަސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މިކަމުގެ ސަބުބުން ވެކްސިން ދެވޭ މީހުން ގިނަވެ އިނގިރޭސިވިލާތު އެކި ހިސާބުތަކުގައި އަޅާފައިވާ ލޮކްޑައުންގެ ވަރަގަދަ ފިޔަވަޅުތަކަށް ލުއިތަކެއް އަވަހަށް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އާދީއްތަ ދުވަހުގެ ނިޔަލަށް އެގައުމުން ވަނީ 50،000 އިތުރު ކޭސް ރިޕޯޓްކޮށްފަ އެވެ. އަދި މިއީ ޖެހިޖެހިގެން މިހާވަރަށް ކޭސްތަށް ރިޕޯޓްކުރެވުނު ހަވަނަ ދުވަހެވެ. އިނގިރޭސިވިލާތުގައި މިކަމާ ގުޅިގެން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ގައުމު ތިންވަނަ ފަހަރަށް ލޮކްޑައުން ކުރުމަށް ގިނަބަޔަކު ވަނީ ގޮވާލާފަ އެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ވެސް ވަނީ ޕޮޒިޓިވް ކޭސްތައް މަދުނުވާނަމަ މިހާރު އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާނެކަމަށް ވިދާޅުވެފަ އެވެ.
އިނގިރޭސިވިލާތުގެ ހަ ހޮސްޕިޓަލަކުން ވަނީ އެސްޓްރާޒެނެކާ ވެކްސިން ދިނުމަށް ތައްޔާރުވެފަ އެވެ. އަދި މިކަމަށް 530،000 ޑޯޒް ވެކްސިން ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ސޯޝަލް ކެއާ އިން ބުނީ މި ވެކްސިންގެ ބޮޑުބައެއް ފޮނުވާނީ ދުވަސްވީ މީހުން ބައިތިއްބާ ކެއާ ހޯމްސްތަކަށް ކަމަށެވެ. އަދި ވެކްސިން ދިނުމުގައި އިސްކަން ދޭނީ ދުވަސްވީ މީހުންނާއި އެތަންތަނުގެ މުވައްޒަފުންނާއި، އުމުރުން 80 އަހަރުން މަތީ މީހުންނާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ކަމަށް ވެސް ބުންޏެވެ.
އެސްޓްރާޒެނެކާ ވެކްސިންގެ އެންމެ ފަހުގެ ޓްރަޔަލްތަކުގެ ނަތީޖާ އިން 70.4 ޕަސެންޓް ކާމިޔާބު ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. އެސްޓްރާޒެނެކާ ވެކްސިނަކީ މިހާތަނަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން އުފުލަން އެންމެ ފަސޭހަ އަދި އަގު ވެސް ހެޔޮ ވެކްސިނެވެ. މި ވެކްސިން އާދައިގެ ރެފްރިޖެރޭޓަރުގައި ވެސް ރައްކާކޮށްގެން ގެންގުޅެވެ އެވެ. -ބީބީސީ .