ބަރުދަން ލުއި ކުރަން މަސައްކަތް ކުރާއިރު އެންމެ ރަނގަޅީ ގޭގައި އަމިއްލައަށް ކައްކައިގެން ކެއުމެވެ. ނަމަވެސް އަމިއްލައަށް ކެއްކުމުގައި ވެސް ބައެއް ގޯސްތައް ހެދޭނަމަ ބަރުދަން ލުއިކުރުމުގެ ދަތުރުގައި ހުރަހަކަށްވެ އެވެ.
ގިނައިން ތެޔޮ ބޭނުންކުރުން
ތެލަކީ ވެސް އިން ސިއްޙީ އެތައް ފައިދާއެއް ލިބޭ އެއްޗެކެވެ. ތަފާތު ތެލުން ލިބޭ ފައިދާވެސް ތަފާތެވެ. ނަމަވެސް ކޮންމެ ތެލެއް ވެސް ބޭނުންކުރަން ހެޔޮ މިންގަނޑެއް އޮވެ އެވެ. އެންމެ ސިއްހަތަށް ފައިދާހުރި ކަމަށް ބުނެވޭ ޒައިތޫނި ތެޔޮ ސަމުސަލެއްގައިވެސް 120 ކެލޮރީ ހުރެ އެވެ. އެހެން ކަމުން ފުޅި އޮއްސާލުމުގެ ބަދަލުގައި މިނާނެ ސަމުސަލެއް ގެންގުޅުން ބުއްދިވެރި އެވެ.
މާ ގިނައިން ތެލުލާ ހަނާކުރުން
ކާއެއްޗެއް ކައްކާ ގޮތަކުން އޭގައި ހިމެނޭ ފައިދާހުރި ބައިތައް ނެތިގެން ހިނގައިދާނެ އެވެ. ތެލުލާ، ފިހެ އަދި ހަނާކޮށް ހަދާނަމަ ކާތަކެތީގައި ހިމެނޭ ޕޮޓޭސިއަމް، މެންގަނީޒް އަދި ކެލްސިއަމް ފަދަ މިނެރަލްތައް ނެތިގެންދެ އެވެ. ކާތަކެތި ތެލުލާނަމަ އޭގައި ހިމެނޭ ކެލޮރީގެ މިންވަރު އިތުރު ސެޗުރޭޓަޑް ފެޓްގެ މިންވަރުވެސް އިތުރުވާނެ އެވެ. އޭގެ ބަދަލުގައި އާވިން ކައްކާނަމަ ކާތަކެތީގައި ހިމެނޭ ފައިދާހުރި ބައިތައް ރައްކާކުރެވޭނެ އެވެ. ދެން އިތުރަށް ރަހަ މީރުކުރަން ބޭނުންނަމަ އެކަމަށް ހުންނަ ހަވާދުތައް ބޭނުން ކުރާށެވެ.
އެއްގަމުމަސް މާގިނައިރު ފިހުން
ބާބަކިއު ގްރިލްގައި ފިހެލާފައިވާ ބީފް ސްޓޭކެއްގެ ރަހަ ވަރަށް މީރުވާނެ އެވެ. ނަމަވެސް ގިނައިރު މިހެން ފިހެފައިވާ ސްޓޭކެއްގައި މެނޮޕޯސަލް ބްރެސްޓް ކެންސަރު ޖެހުމަށް މަގުފަހިވާ މައްދާ 47 އިންސައްތައަށް އިތުރެވެ. ދެލި އަންދައިގެން ފިހެމުގެ ބަދަލުގައި ކުޑަ ތެޔޮފޮދެއް ޖަހައިގެން ފިހެލާށެވެ. ނޫނީ މީރު ސީޒަނިންގ އެއްކުރުމަށް ފަހު އާވިން ކައްކާލާށެވެ.
ލޮނާއި އެހެން ރަހަތަކަށް މާބޮޑަށް ބަރޯސާވުން
ދިވެހިންގެ ތެރޭގައި ވެސް ކޮންމެ އެއްޗެއް ކެއްކިއަސް ގިނައިން މިރުސް އަޅައިގެން ކައްކާއެއްޗެއްގެ ރަހަމުޅިން ބަދަލުކޮށްލަން ބޭނުން މީހުން ވަރަށް ގިނަ އެވެ. މިގޮތަށް ގިނަ ބަޔަކު ލޮނުވެސް ބޭނުން ކުރެ އެވެ. ނަމަވެސް މިއީ ފަލަވުމަށް ވަރަށް ފަސޭހައިން މަގުފަހިވާ ގޯސް އާދައެކެވެ. ލޮނަށް މިހެން އާދަވުމަކީ ބަނގުރަލާއި މަސްތުވާތަކެއްޗަށް ދެވި ހިފުން ފަދަ ކަމެކެވެ. ކައްކާ އެއްވެސް އެއްޗެއްގެ ރަހަ ގެއްލޭވަރަށް އެހެން ރަހަތައް އިތުރުކޮށްގެން ނުވާނެ އެވެ.
ތަރުކާރީ މާގިނައިރު ކެއްކުން
ތަރުކާރީއަކީ ކޮންމެ ކޮންމެ ގޮތަކަށް ތައްޔާރުކޮށްގެން އެއިން މާބޮޑު ފައިދާއެއް ކުރާނެ އެއްޗެއް ނޫނެވެ. ތަރުކާރީ ކައްކާގޮތުން އެ ރޮލާ ހުންނަ އިރަށްވުރެ އޭގައި ހިމެނޭ ފައިދާ އެތައް ގުނައަކަށް މަދުވެދާނެ އެވެ. ތަރުކާރީގައި ހިމެނޭ ވިޓަމިންއަކީ ގިނަ އިރު ކެއްކުމުން އޭގެ ފައިދާ މަދުވާ އެއްޗެކެވެ. މިސާލަކަށް ބްރޮކޮލީ ފެނުކެއްކުމުގެ ބަދަލުގައި މައިކްރޯ ވޭވުން ރޯފިލުވާލާށެވެ.
ނުރައްކާތެރި ކެމިކަލް ކާތަކެއްޗާ އެއްކުރުން
މައިކްރޯވޭވް ކުރުމުގައި ޕްލާސްޓިކް ތަށި ބޭނުން ކުރާނަމަ އޭގެ ޒަރީއާއިން ވަރަށް ނުރައްކާތެރި ކެމިކަލް ކާތަކެއްޗާ އެކުވާނެ އެވެ. ތަށީގެ ބޭރުގައި "މައިކްރޯ ވޭވްގައި ބޭނުން ކުރެވޭނެ" ކަމަށް ލިޔެފައިވަނީ ވިރިގެން ނުދާނެކަން ބަޔާން ކުރުމަށެވެ. ނަމަވެސް ގިނަ ޕްލަސްޓިކްގެ ބާވަތްތަކުގައި ބީ.ޕީ.އޭ ފަދަ ނުރައްކާތެރި ކެމިކަލް ހިމެނޭނެ އެވެ. ކޮންމެ ތައްޓެއްގެ ބޭރުގައިވާ މައުލޫމާތުވެސް ކިޔާ އެއީ ރައްކާތެރި ތަކެތިން އުފެއްދިފައިވާ ތައްޓެއްކަން ޔަގީން ކުރަންވާނެ އެވެ.