"ވަގުތު އޮންލައިންގައި ޝާއިއުކުރި ރިޕޯޓާ ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދޭތީ އެކަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ކުށްވެރިކޮށްފި އެވެ.
އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޑިސެމްބަރު 31 ގައި "ވަގުތު 26" ތަހުޤީޤު: އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" މި ސުރުޚީގެ ދަށުން ވަގުތު އޮންލައިންގައި ޖެހި ރިޕޯޓަކާ ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދޭ މައްސަލަ އެ ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެއީ އެ ކައުންސިލުން ނުހަނު ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ކޮންމެ ފަރުދަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤަކަށްވީހިނދު، ގާނޫނު އަސާސީން ލިބިދީފައިވާ އިމުގެ ތެރެއިން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ނޫސްވެރިޔާގެ ޖިސްމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް، ބިރުދައްކައި އިންޒާރުދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫން،" ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. "މީގެކުރިންވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރައާ ކުރިމަތިވުމަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާތީ، މި ނާތަހުޒީބު ޢަމަލު މި ކައުންސިލުން ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ."
މީޑިއާ ކައުންސިލުން ބުނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ބަލައިގަތުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ސަރުކާރުންނާއި މީޑިއާއާއި އެހެނިހެން ފަރާތްތަކުން ކުރާކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ހައްލުކުރުމަކީ އެ ކައުންސިލަށް ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންވެ އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
"މައްސަލަ ހިނގާފައިވާގޮތެއް ބަލައި ތަހުގީގުކޮށް، ކަމުގެ ހަގީގަތް ހާމަކޮށްދެއްވައި، އަޅަންޖެހޭ ފިޔަވަޅެއް އަޅައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް މި ކައުންސިލުން އިލްތިމާސްކުރަމެވެ. އަދި މި ފުރުޞަތުގައި ރައްޔިތުންނާ ހަމައަށް ޚަބަރާއި މައުލޫމާތު ގެނެސްދެއްވުމަށް ނޫސްވެރިން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދީ ޝުކުރުދަންނަވަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.