ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ ލައިވް ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ޔާމީންގެ މައްޗަށް އެ މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށެވެ.
އެ މައްސަލައިގެ ޝަރީއަތް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ފަށާފައި އެވެ. މިއަދު ބާއްވާފައި ވަނީ ޝަރީއަތް ފެށުމުގެ ކުރިން ދެފަރާތުން ހުށަހަޅާ އިފްތިތާހީ ބަޔާން ހުށަހެޅުމަށް ބޭއްވި ޝަރީއަތެވެ.
މިމައްސަލައިގެ ޝަރީއަތް ލައިވް ކުރުމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޔާމީން ގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފައި އެވެ. ޔާމީންގެ ފަރަތްޕުޅުން އެދިވަޑައިގެންފައި ވަނީ ހެކިބަސް ނެގުމުގެ މަރުހަލާ ލައިވް ކޮށްދިނުމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ހެކިބަސް ނެގުމުގެ މަރުހަލާ ލައިވްކޮށްފިނަމަ ހެކިބަސް ތައްޔާރު ކުރުމަށް ފުރުސަތު އޮވެދާނެ ކަމަށާ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށެވެ. ގާޒީ ވިދާޅުވީ އެހެންވެއްޖެ ނަމަ އިންސާފަށް ހުރަސް އެޅޭނެ ކަމަށެވެ.
އެނިންމުން ފަހުން މުރާޖައާ ކުރެވިދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންނަމަވެސް ހެކިބަސް ނެގުމުގެ މަރުހަލާއަށް ފަހު ބާއްވާ އަޑުއެހުންތައް ލައިވްކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މިމައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
މިމައްސަލާގައި ތައްޔާރުވުމަށް އެކަށީގެންވާ ފުރުސަތު ޔާމީނަށް ލިބިވަޑައިނުގަންނަވާތީ އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ވަނީ ފަސްކޮށްފަ އެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ބަންދުގައި ތިބޭ މީހުންނަށް ޖަލުގައި ވަކީލުންނާ ބައްދަލުކުރުމަށް އެކަށީގެންވާ ފުރުސަތު ލިބޭކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމަށާ ޔާމީން އަށް އެފުރުސަތު ފަހިކޮށްދެއްވުމަށް ދައުލަތަށް އަންގާ ކަަމަށެވެ.