އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާފައިވާ އިދިކޮޅު ކޯލިޝަންގެ ރިޔަށީ ކެންޑީޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ދާގޮތާ މެދު ހުރި ކަންބޮޑުވުންތަކާ އެކު އިދިކޮޅު ކޯލިޝަނުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ މިއަދު ބައްދަލުކޮށްފި އެވެ.
މިވަގުތު އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޖޭއެސްސީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ޔާމީންގެ ޝަރީއަތަށް އެކޮމިޝަނުން ނުފޫޒު ފޯރުވާތޯއާއި އަދި ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކުގައި ޖޭއެސްސީގެ ނުފޫޒު އޮތީ ކިހާ ވަރަކަށްތޯ އެކޮމިޝަނާ ސުވާލުކުރި ކަމަށެވެ. އަދި ޔާމީނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ބޭނުންކޮށްފައި ވަނިކޮށް، އެއަށް ބެލުމެއް ނެތި އެ މަނިކުފާނުގެ މައްސަލަތައް އަވަސް އަރުވާލައިގެން ކުރިއަށްގެންދާ ސަބަބާ ގުޅޭގޮތުން ވެސް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދެެއްކި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށް އެކޮމިޝަނަށް ހެކި ދައްކާފައިވާނެ ކަމަށެވެ.
އެހެން ނަމަވެސް އެބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖޭއެސްސީން ފުރިހަމަ ޖަވާބެއް ނުދެއްވި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް އަބްދުﷲ ވިދަޅުވީ އަވަސް އަރުވާލައިގެން ރައީސް ޔާމީންގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމުން އެތައް ހައްގަގުން އެމަނިކުފާނު މަހުރޫމުވެގެންދާ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.