މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފީސް ހިންގުމަށް، އަމީނީމަގުގައި ހުންނަ ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތަށް ބަދަލުކުރުމަށް ނިންމައިފި އެވެ.
ކަރެކްޝަންސްގެ އޮފީސް ބަދަލުކުރަނީ ގާޒީ ބިލްޑިން އަންނަ މަހު ތަޅާލުމަށް ޕްލޭނިން މިނިސްޓްރީން ނިންމާފައިވާތީ އެވެ.
ކަރެކްޝަނުން އޮފިޝަލަކު މިއަދު ވިދާޅުވީ ކަރެކްޝަންސްގެ އޮފީސް އަޑުގެ އިމާރާތަށް ބަދަލުކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަޑުގެ އިމާރާތުން ބައެއް ކަރެކްޝަންސް އޮފީހުން ހިންގުމަށް ކުއްޔަށް ހިފަނީ ފަސް އަހަރަށެވެ.
ދިވެހިރާއްޖޭގެ އަޑުގެ ބަޔާއި ކަރެކްޝަނަލް ސާވިސް އަށް ދޫކުރާ ބައި ވަކިކުރުމަށް ފެންސެއް ޖެހުމަށް ވަނީ ނިންމާފަ އެވެ.
ސަތޭކައަށް ވުރެ ގިނަ މުވައްޒަފުންނާ އެކު ކަރެކްޝަން އޮފީސް މިވަގުތު ހިންގަމުން އަންނަނީ ގާޒީ ބިލްޑިންގެ ދެ ފަންގިފިލާއެއްގަ އެވެ. އެއީ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގަ އެވެ.
ސަރުކާރުގެ އޮފީސްތަކެއް ހިންގަމުން އަންނަ ގާޒީ ބިލްޑިން ތަޅާލުމަށް ފަހު އެ ތަން ބަދަލުކުރަން ނިންމާފައިވަނީ ޕާކިން ޒޯން އަކަށެވެ.