ބޮލީވުޑުގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ އައިޝްވާރިއާ ރާއީ އާއި އަބީޝެކް ބައްޗަންގެ ދަރިފުޅު އާރަދިއާ ބައްޗަންގެ ސިއްހަތާ ބެހޭ ގޮތުން ޔޫޓިއުބް ޗެނަލްތަކެއްގައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރުން ދިއްލީ ހައިކޯޓުން ހުއްޓުވައިފި އެވެ.
ދިއްލީގެ ހައިކޯޓުން މިފަދަ އަމުރެއް ނެރުނީ ބައްޗަން އާއިލާއިން މިފަދަ މައްސަލައްއް ކޯޓަށް ހުށަހެޅުމުންނެވެ.
ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ ކުޑަކުއްޖެއްގެ ސިއްހަތާ ބެހޭ ގޮތުން ހަދަހަދައިގެން ދޮގު ވާހަކަތަކެއް ތަކުރާރުކޮށް ޔޫޓިއުބްގެ ޗެނަލްތަކެއްގައި ފަތުރަމުންދާ ކަމަށެވެ. އަދި މީގެ ސަބަބުން އާރަދިއާގެ އާއިލާއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރަމުންދާތީ އެ ޗެނެލްތައް ބްލޮކްކޮށް ދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
މި މައްސަލަ ދިއްލީ ހައިކޯޓުން ބެލުމަށްފަހު އެކޯޓުން ވަނީ ޔޫޓިއުބު ޗެނަލުތަކުން އެފަދަ ވީޑިއޯތައް ނުފެތުރުމަށް އެދިފަ އެވެ. ދިއްލީ ހައިކޯޓުން ވަނީ ގަވާއިދާ ހިލާފު ވީޑިއޯތަކާއި ޕްރައިވެސީއާ ހިލާފު އަދި އާރަދިޔާ ބައްޗަންއާ ބެހޭ ގޮތުން ދޮގު ހަބަރު ދޭ އެފަދަ އެއްވެސް ކޮންޓެންޓެއް އަޕްލޯޑް ނުކުރުމަށް އަމުރުކޮށްފަ އެވެ. އަދި ގަވާއިދާ ހިލާފުވި ފަރާތްތަކުގެ ކޮންޓެކްޓް ނަމްބަރު، އީމެއިލް އައިޑީ ފަދަ ތަފްސީލުތައް ދިނުމަށް ވެސް ކޯޓުން ވަނީ ގޫގުލް އާއި ޔޫޓިއުބްގެ މައްޗަށް އަމުރުކޮށްފަ އެވެ.
އާރަދިއާ އަކީ އައިޝްވާރިއާ އާއި އަބީޝެކް ބައްޗަންގެ ހަމައެކަނި ދަރިފުޅެވެ.
އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ބަޗަން އަދި އާރަދިއާ ވަނީ މި އަހަރު ރާއްޖޭގައި ޗުއްޓީ ހޭދަ ވެސް ކޮށްފަ އެވެ.