މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ތިން ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ދީފި އެވެ.
ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިނީ އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ގުރޫޕަށާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕް އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އެވެ.
އިސްލާމިކް މިނިސްޓްރީން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަދިން ކުންފުނިތަކުގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދޫކޮށްފައިވަނީ 90 ކޯޓާ އެވެ. މި އަދަދަށް ކޯޓާ ގްރޫޕްތަކަށް ހަމަޖެއްސީ ބަހުގައި ދަތުރުކުރާ މީހުންގެ ނިސްބަތުން ކޮންމެ ގްރޫޕަކަށް ވެސް ދެ ބަހުގައި މީހުން ގެންދިޔުމުގަ އާއި، އިންތިޒާމުތައް ހަމަޖެއްސުމުގައި ލުއި ފަސޭހަކޮށްދިނުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި އިތުރަށް ކޯޓާ ލިބުމުން ވެސް ކުންފުނިތަކަށް ކޯޓާ ބަހާނީ މިއުސޫލުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ކުންފުނިތަކަށް ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ އަގަށް ވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށް ވުރެ އިތުރަށް މީހުން ހައްޖަށް ގެންދިއުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކާއި އަގުތައް:
- އަލްޙަރަމައިން ޙައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - 75،250 ރުފިޔާ
- ސިސިލްފަރު ޙައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް - 75،465 ރުފިޔާ
- އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް-75،000 ރުފިޔާ
ހައްޖަށް މީހުން ގެންދިއުމަށް ހުއްދަދިން ތިން ކުންފުނީގެ އިތުރުން ހައްޖު ކޯޕަރޭޝަނުން ވެސް މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދާނެ އެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖު ކޯޕަރޭޝަނަށް 600 ކޯޓާ ދޫކޮށްފަ އެވެ. ބާކީ ކޯޓާތަކަކީ އިސްލާމިކް މިނިސްޓްރީން ރިޒާވްކޮށްފައިވާ ކޯޓާތަކެކެވެ.
ރާއްޖެއިން މިީހުން ހައްޖަށް ގެންދިއު މަށް ކޮންމެ އަހަރަކުވެސް ރަސްމީ ކޯޓާގެ ގޮތުގައި ސައުދީ ސަރުކާރުން 1،000 ކޯޓާ ދެ އެވެ. އަދި ސަޢުދީ ސަރުކާރުން ދޭ ރަސްމީ ހައްޖު ކޯޓާ، 2،500 އަށް އިތުރުކޮށްދެއްވުމަށް ދިވެހި ސަރުކާރުން ވަނީ އެދިފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަހަރު އިތުރު ކޯޓާ ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
ކޯވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ލިބުނުއިރު އެއަހަރު ލިބިފައިވަނީ 453 ކޯޓާ އެވެ. އެ އަހަރު ޙައްޖަށް މީހުން ގެންދިޔައީ ޙައްޖު ކޯޕަރޭޝަނުން އެކަންޏެވެ.