ސްކޭމް ހުއްޓުވަން ތަންފީޒީ އިދާރާތަކަށް އެ އިދާރަތަކުން އެދުމުން އޮންނަ އުސޫލުގެ ތެރެއިން މައުލޫމަތު ދެމުން އަންނަ ކަމަށް ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނިން ބުނެފި އެވެ.
ޖަލުގައި ހިންގާ ސްކޭމް ކޯލްތަކަށް ހުއްޓުވުމަށް ޖަލުގައި ބަހައްޓަފައި ހުންނަ އެންޓަނާއިން މައުލޫމާތު ނުލިބޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އިމްރާން ވިދާޅުވީ މިދިޔަ އަހަރު ޖަލުގައި އާ އެންޓެނާއެއް ބަހައްޓާފައިވާ ކަމަށެވެ.
އެ އެންޓަނާއިން އެ ސަރަހައްދުގައި ބޭނުންކުރާ ފޯނުތަކުގެ މައުލޫމާތު ޖަމާކުރި ނަމަވެސް އެ މައުލޫމާތު ޖަމާވަނީ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ސާވާތަކަށް ކަމަށްވާތީ އެ މައުލޫމާތު ހޯދަންޖެހެނީ އެ ކުންފުނިތައް މެދުވެރިކޮށް ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ގައިދީން ބޭނުންކުރާ ފޯނުތައް ދެނެގަތުމަށް ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މޯބައިލް ނަންބަރު ފަދަ މައުލޫމާތާއި އެ މައުލޫމާތަށް އަންނަ ބަދަލުތައް އުސޫލެއްގެ ތެރެއިން ފުލުހުންނާ ހިއްސާކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން ދިރާގު އަދި އުރީދޫ އިން ބުނީ ސްކޭމްކުރުން ހުއްޓުވުމަށް އަބަދުވެސް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
އުރީދޫ އިން ބުނީ ތަންފީޒީ އިދާރާތަކުން ބޭނުންވާ މައުލޫމާތު އަބަދުވެސް އެ ކުންފުނިން ދެމުންގެންދާ ކަމަށެވެ. އެގޮތަށް އެއްވެސް މައުލޫމާތެއް ނުދީ ނުހުންނާނެ ކަމަށް އުރީދޫ އިން ބުނެ އެވެ. އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ހުރިހާ މައުލޫމާތެއް ވެސް ފޯރުކޮށްދޭ ކަމަށް އުރީދޫ އިން ބުނެ އެވެ.
ދިރާގުން ވެސް ބުނީ އެ ކުންފުނިން ވެސް އޮންނަ އުސޫލުގެ ތެރެއިން އެފަދަ އިދާރާތަކަށް އެކަންކަމުގެ މައުލޫމާތު ހިއްސާ ކުރަމުން އަންނަ ކަމަށެވެ.
ސްކޭމް ކޯލްތައް ހުއްޓުވުމަށް މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެއްބާރުލުން ދެމުންދާ ކަމުގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ވެސް ވަނީ ބުނެފަ އެވެ.
އޮޅުވާލައިގެން އެކި މުވައްސަސާތަކުގެ ނަމުގައި ގުޅައި އަދި މެސެޖްކޮށްގެން ފައިސާ ހޯދާ މައްސަލަ ފަހަކަށް އައިސް ވަނީ ގިނަވެފަ އެވެ. ކުންފުނިތަކުގެ ނަމުގައި ފޮނުވާ ލިންކުތަކާއި، ކުރާ ސްކޭމް ކޯލްތަކުގައި އަމިއްލަ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އެދެމުންނެވެ.