ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ޕީޕީއެމްއަށް ކާމިޔާބު ކޮށްދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވާ ފިކުރެއްގެ ދިރުން ފެކްޝަނުން މަސައްކަތް ކުރި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ދެއްކެވި ވާހަކަ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ދޮގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ގުރައިދޫ ދާއިރަގެ ބައި- އިލެކްޝަން ޕީޕީއެމަށް ހޯދައިދިނުމަށް ފިކުރެއްގެ ދިރުމުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދިން ކަމަށެވެ. އަދި އެމްޑީޕީން އެފަދަ އެހީތެރި ކަމެއް ފޯރުކޮށްދީފައި ވާތީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ފިކުރެއްގެ ދިރުމެއްގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީވެ އެ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން،" އާދަމް ޝަރީފު ވިދާޅުވި އެވެ.
އެވާހަކަތަކާ ގުޅިގެން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވީ އެއީ ބޮޑު އޮޅުމެއް ކަމަަށެވެ.
ޕީޕީއެމްއިން މިހާތަނަށް އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނާ އެކު އިންތިހާބެއް ކާމިޔާބު ކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ހުސައިން ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވެސް ވަނީ ރައީސް ނަޝީދުގެ ފެކްޝަނުން ގުރައިދޫ ދާއިރާގެ ގޮނޑި އިދިކޮޅު ޕީޕީއެމް ޕީއެންސީ އަށް ކާމިޔާބުކޮށްދެއްވަން މަސައްކަތް ކޮށްދެއްވި ކަމަށް ވިދާޅުވެފަ އެވެ.