"ފުވައްމުލަކަކީ ގޮނޑު ދޮށެއް އޮންނަ ރަށެއް ނޫން. އޮންނަނީ އާނުގަނޑެއް. ބޮޑެތި ރާޅުތައް ޖަހައިފައި އާނުގަނޑު ދަށުން ވެލި ދަމައިގަތީމަ އާނުގަނޑު ދަނީ ބިންދައިގެން" މިއީ 2000ގެ ކުރީކޮޅުގައި ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރެއްވި ރަށުން ބޭރުގެ ބޭފުޅަކު އެ ރަށަށް ދިމާވެފައި އޮތް ތިމާވެށީގެ މައްސަލަތައް އާންމު ޖަލްސާއެއްގައި ހިއްސާކުރެއްވި ގޮތެވެ.
އެއީ އެދުވަހު ފުވައްމުލަކުގެ އަތިރި މައްޗަށް ނުކުމެ ކުޑަކޮށް ހިނގައިލުމުން ފެންނަން އޮންނާނެ މަންޒަރު ކަމަށް ވިޔަސް ރަށުގެ މާޒީގެ މައުލޫމާތު އެއްކޮށްލި ނަމަވެސް ނުވަތަ އެވަރުގެ ބިޔަ ރާޅުއަރާ ރަށެއްގެ ގޮނޑުދޮށް ގުދުރަތީ ގޮތުން އުފެދިފައި އޮވެދާނެ ގޮތަކާމެދު ކުޑަކޮށް ވިސްނަވާލެއްވި ނަމަވެސް އަތޮޅުވެރިޔާ އެ ދުވަހު އެ ދެއްކެވި ވާހަކަ އެހެންގޮތަކަށް ދައްކަވަން ޖެހިވަޑައިގެންނެވީސް ކަން ޔަގީނެވެ.
އަތޮޅުވެރިޔާގެ އެވާހަކައަށް އެތައް އަހަރެއްވީ ފަހުން މިއަދު ފެންނަނީ ފުވައްމުލަކުގައި ރަށް ހިމާޔަތް ކުރުމަށް ބޮޑު ހިލައިގެ ތޮށްޓެއް ލަމުންދާ މަންޒަރެވެ. ތޮށިލުމުގެ މަސައްކަތް ހިނގަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއެކު ގިނަ ބަޔަކުކުރަމުން ގެންދާ ސުވާލަކީ ފުވައްމުލައް ފަދަ ރަށެއް މިގޮތަށް ގިރަން މެދުވެރިވި ސަބަބަކީ ކޮބައި ހެއްޔެވެ؟
ފުވައްމުލަކަކީ ގުދުރަތީ އަތޮޅެއް ނޫނެވެ. ހަމަ އެފަދައިން ވަކި އަތޮޅެއްގެ ރަށެއްވެސް ނޫނެވެ. އައްޑޫ ކަނޑުގެ މެދުގައި އެކަނި ވަކިން ރަށް އޮންނައިރު މާކަނޑުން އަންނަ ރާޅުތައް އެއްވެސް ހުރަހެއް ނެތި ހޮޅިކޮށްލަނީ ރަށުގެ ގޮނޑު ދޮށަށެވެ. ބިޔަ ރާޅުތައް ރަށާ ދިމާލަށް އަންނައިރު އިރުވަޔާއި ހުޅަނގު މޫސުމުގައި ރާޅު މަޑުވެ ގަދަވުން ރަށުގެ ދެ ފަރާތަށް ބެހިފައި އޮވެ އެވެ. އެހެންކަމުން ރަށުގެ ކޮންމެ ފަރާތަކީ ވެސް ހަގީގަތުގައި ފުށްޓަރެވެ.
ވަށައިގެން ބިޔަ ރާޅު ނަގާ ރަށަކަށްވުމުން ގުދުރަތީގޮތުން ރަށް އޮތީ ހޭޅިފަށް އުސްކޮށް ރާޅުތަކުން ހިމާޔަތް ލިބިގެންވާ ގޮތަކަށެވެ. ރަށުގެ ދެކުނު ކޮޅު ފަރުން އުފެދޭ އަކިރިޔާއި ގަލާއި ދޮންވެލި އަބަދު ރަށަށް ލައްގަމުން ދިއުމުގެ ސަބަބުން ރަށުގެ ގޮނޑު ދޮށަކީ އާދަޔާ ޚިލާފު މުއްސަނދި ގޮނޑު ދޮށެކެވެ. ރަށުގެ ރައްޔިތުން ގެދޮރު އިމާރާތް ކުރުމާއި ރޯދައަށް ގޭގެއަށާއި ގޯތިތެރެއަށްލުމަށް ބޭނުންވާ ވެއްޔާއި ގާ ރަށުގެ ގޮނޑު ދޮށުން ނަގަމުން އަ އެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގައި މީހުން އުޅޭ ރަށްރަށުގެ ގޮޑުދޮށުން ވެލި ނެގުން މަނާވެފައި އޮތަސް ފުވައްމުލަކުގައި އެ އުސޫލެއް ނުހިނގަ އެވެ. ވެލި ނަގާނެ އެހެން ރަށެއް ނުވެސް ނެތުމުންނެވެ.
ފުވައްމުލަކު ކަތީބުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މުނީރު ހަސަން ވިދާޅުވި ގޮތުގައި ފުވައްމުލަކު ގޮނޑު ދޮށް ގިރާކަން އެންމެ ފުރަތަމަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައީ 1985 ހާ ހިސާބުގަ އެވެ. އެ ދުވަސްވަރު ރަށުގެ ގޮނޑުދޮށުން ވެއްޔާއި ގަލާއި އަކިރި ނެގުން ކޮންމެ ވެސް ވަރަކަށް ކޮންޓްރޯލްކުރުމާ މެދު ވާހަކަ ދެކެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ ރާއްޖޭގެ ޓުއަރިޒަމް ކުރިއަރައިގެން އައި ދުވަސްވަރެވެ. އެ ސިނާއަތުގެ ފައިދާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުރަން ފެށުމާއެކު ގެދޮރު އިމާރާތްކުރުމުގެ ކަންތައް ބާރަށް ކުރިޔަށް އަރައިގެން ދިޔުމުގެ އަސަރު އެންމެ ގަދައަށް ކުރީ ރަށުގެ ގޮނޑު ދޮށަށެވެ. ރަށުގައި ގެދޮރު ރާނައި ސިމިންތި ޖެހުމަށް ރަށުން ވެއްޔާއި އަކިރި ބޭނުންކުރި ފަދައިން އެބާވަތްތައް މާލެއަށް ބޭރުކުރަމުން ވެސް ގެންދިޔަ އެވެ. އެ ދުވަސްވަރު ބެލެވިފައި އޮތް ގޮތުން ފުވައްމުލަކުގެ އަކިރިޔަކީ ކޮންކްރީޓް ކުރުމަށް ވަރަށް މޮޅު އަކިރިއެކެވެ. އެހެންކަމު އެރަށުން އަކިރި ގެންގޮސްގެން މާލޭގައި ބުރިބުރިޔަށް އިމާރާތްތައް އަޅައިފައި ވެސް އެބަހުއްޓެވެ.
ނަވާރަ ސަތޭކަ އަށްޑިހަ ފަހެއް ހިސާބުގައި ރަށުގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައުމުގެ ކުރިން ރަށްގިރުމާ ގުޅުން ހުރި މުހިންމު ހާދިސާއެއް ރަށުގައި ހިނގި އެވެ. އެއީ ރަށުގެ އެކި ދިމަ ދިމާއިން ނެރުތަކެއް ކެނޑުމެވެ. 80ގެ ކުރީކޮޅު ޑައިނަމައިޓް އަޅައިގެން ރަށުގެ 8 ސަރަހައްދަކުން 8 ނެރު ކެނޑިއިރު އެ ނެރުތަކުގެ ސަބަބުން ރަށުގެ ތިމާވެށްޓަށް ދިމާވެދާނެ މައްސަލަތަކާ ބެހޭ ގޮތުން މާބޮޑު ހޭލުންތެރިކަމެއް އާންމުންގެ ކިބައިގައި ހުރިކަމަކަށް ނުފެނެ އެވެ. އެ ނެރުތަކުގެ ސަބަބުން ރަށުގެ ވަށައިގެން ދައުރުވާ ވެލީގެ ދައުރުވުމަށް ބަދަލުތަކެއް އައިސް ބައެއް ހިސާބުން ގިރަމުންދާކަން ފާހަގަކުރެވުނު ކަމަށް ވިޔަސް އޭރު ވެސް ރަށުގެ ވަށައިގެން އޮތް އަކިރިޔާ ވެލީގެ ސްޓޮކް ހުސްވަމުންދިއުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އިތުރުވަމުން ދިޔަ އިމާރާތްތަކަށެވެ. ވެލި ނެގުން ހުއްޓުމެއް ނެތި ކުރިޔަށް ދިއުމުގެ ސަބަބުން 90ގެ ފަހުކޮޅަށް ދިޔައިރު ފުވައްމުލަކުގެ ނަން މަޝްހޫރު ތުނޑީގެ 60 ޕަސެންޓް އޮތީ ނެތި ގޮސްފަ އެވެ.
ގިރަމުންދިޔަ ގޮނޑުދޮށުގެ މައްސަލަ އިތުރަށް ގޯސްވީ 1999 ހިސާބުގައި ފުވައްމުލަކުގެ ރަސްގެންނު ނެރު އިތުރަށް ފުންކުރުމުންނެވެ. އެދުވަސްވަރު އެޓޮލްސް މިނިސްޓްރީގެ ފަރާތުން ފުވައްމުލަކުގެ މަގުތައް ހެދުމަށް ދިން އެކްސްކަވޭޓަރެއް ބޭނުން ކޮށްގެން ރަސްގެފަންނުގެ ނެރު ފުންކުރީ އެކަމާ ހިތްހަމަނުޖެހޭ ބަޔަކު އެކަން ނުކުރަން އަޑުއުފުލަ އުފުލާ ތިއްބަ އެވެ. އެއްވެސް ދިރާސާކުރުމެއް ނެތި ރާޅު މަޑު ދުވަސްކޮޅަކު ހައިމާކުން ނެރަށް ފައިބައި ކޮނެ ފުން ކުރުމުގެ ސަބަބުން ދެން އައި އިރުވައި މޫސުމުގެ ރާޅުތައް މަތަނުވެ ނެރު ބޭނުން ނުކުރެވި ހުއްޓުނެވެ.
ޒަމާނުއްސުރެ އަރައި ފައިބަން ބޭނުންކުރި ނެރު ފުންކުރުމުގެ ސަބަބުން އުފެދުނު މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ރަށަށް ޒިޔާރަތް ކުރެއްވި އެވެ. އޭރުގެ އެންވަޔަރުމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޑރ. މުހައްމަދު އަލީ އިސްވެ ހުންނެވި ޓީމުން ނެރުގައި ދިރާސާތަކެއް ކުރެއްވި އެވެ. އެ މަސައްކަތަށް ފަހު އޭރު ފުވައްމުލަކުގައި ނިކުތް ހަފުތާ ނޫސް "ފިޔެސް"އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ ނެރުގެ މައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭ ކަމަކީ ނެރުގެ އަޑީގައި ސިމެންތި ބަސްތާތަކެއް ޖައްސައިގެން ނެރު އިހުހުރި މިންވަރަށް ތިލަކުރުމެވެ.
މުހައްމަދު އަލީގެ ޓީމު ފުވައްމުލަކުން އެނބުރި ދިޔަތަނާ ހެން އޭރުގެ މަޝްހޫރު ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރު ފުވައްމުލަކަށް ޒިޔާރަތް ކުރެއްވި އެވެ. އެމނިކުފާނަށް ރަސްގެފަންނު ނެރު ފެނިވަޑައިގެން ވިދާޅުވީ މިތަން މިހެން ބާއްވަން ހެޔޮ ނުވާނެ ކަމަށެވެ. އަދި އެއާއެކު އެމަނިކުފާނުގެ ޓީމުން ރަސްގެފަންނުގެ ނެރުގެ ބޭރުން ތޮށްޓެއްލި އެވެ. އެންވަޔަރުންޓް މިނިސްޓްރީ އިން ހެދި ދިރާސާތަކަށް ބެލުމެއް ނެތި އެވެ. އެ ލެވުނު ތޮށިގަނޑުގެ ނަތީޖާއަކަށް ވީ ރަސްގެފަންނު ނެރާދިމާއިން ރާޅު މަޑު ޖެހި، ޖެހިގެން އޮތް ބަނޑަހަލް ފަންނުން އުތުރަށް ގޮނޑުދޮށް އެއްކޮށް ގިރައިގެން ދިއުމެވެ.
ރަށް ގިރުމުގެ ސިލްސިލާއަށް ބޮޅަކަށްފަހު ބޮޅެއް އިތުރުވަމުން ދަނިކޮށް ރަށުގެ ދެކުނުކޮޅުގައި ބަނދަރެއް ހެދުމުގެ މަސައްކަތް ފެށި އެވެ. 20003 ވަނަ އަހަރު ބަދަރު ހުޅުވުމާއެކު ޒަމާންތަކެއް ވަންދެން ބަންދުވެފައި އޮތް ފުވައްމުލައް ރާއްޖެއަށް ހުޅުވިގެން ދިޔަ އެވެ.
ހޮޅިލާ ނަގާ ބިޔަ ރާޅު ދަށުވެ ގެނބިދާނެކަމުގެ ބިރުން އެ ރަށަށް ދާން ނުކެރިފަ ތިބި އެތައް ބަޔަކަށް ޒިޔާރަތްކުރާނ ފުރުސަތު ފަހިވެގެން ދިއުމާއެކު އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރަށަށް ބޮޑެތި ބަދަލުތަކެއް އައިސް ތަރައްގީގެ ދުވެލި ހަލުވިވި އެވެ.
ހަލުއި ވެގެންދިޔަ ތަރައްގީގެ ދުވެއްޔާއެކު ރަށުގެ ގޮނޑުދޮށް ގިރުމަށް ވެސް ބަނދަރުގެ ދައުރު ދިޔައީ އިތުރުވަމުންނެވެ. އެ ރަށުގެ ފަރުން ލައްގައިގެން ވަށައި ދައުރުވާ ވެލިގަނޑުގެ ދައުރުވުމަށް ބަނަދަރުގެ ސަބަބުން ބަދަލުއަ އެވެ. ނަތީޖާއެއްގެ ގޮތުން ދެކުނުކޮޅުން ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވި އެވެ.
ލަފާ ފުރުމަށް ކޮންމެހެން ބޭނުންވާތީ ހެދި ބަނދަރާއި ހަމަ އެ ބޭނުމަށް ކެނޑި ނެރުތަކާއި ގެދޮރު އިމާރާތްކުރުމުގެ ބޭނުމަށް ވެލި ނެގުމުގެ އަގަކަށް ފުވައްމުލަކުގެ މުއްސަނދި ގޮނޑުދޮށް ގުރުބާންވެ ދިއުމަށްފަހު، ރަށް ހިމާޔަތްކުރުމުގެ ބޭނުމުގައި މިއަދު އެ ވަނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ހަރަދުކޮށްގެން ރަށުގެ ދެކުނު ކޮޅުގައި ބޮޑު ހިލަ ބޭނުން ކޮށްގެން ތޮށިގަނޑެއްލުމުގެ މަސައްކަތް ފަށައިފަ އެވެ. މިއީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ރަށެއްގައި ގިރާ ސަރަހައްދެއް ހިމާޔަތްކުރަން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.
އެ ތޮށިގަނޑުގެ ސަބަބުން ރަށް ވަށާ ދައުރުވާ ވެލިގަނޑަށް ބަދަލުތަކެއް އަންނާނެ އެވެ. ގިރައިގެން ދާނީ ކޮންތަނެއްކަން އެނގޭނީ ދުވަސްގަނޑެއް ފަހުންނެވެ. ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައި ވިޔަސް ތޮށިލުމަކީ މިވަގުތަށް އިންތިހާއަށް ބޭނުންވެފައިވާ ކަމެކެވެ.