ސަލްމާން ހާން އާއި ޖޫހީ ޗައުލާ ބޮލީވުޑްގައި ކެރިއަރު ފެށީ ގާތްގަނޑަކަށް އެއް ދުވަސްވަރެއްގަ އެވެ. ސަލްމާނާއި ޖޫހީ އެކުގައި ލީޑްރޯލުން ފިލްމެއްގައި ފެނިގެން ގޮސްފައިނުވެ އެވެ. އެހެން ނަމަވެސް 1997 ވަނަ އަހަރު ނެރުނު "ދިވާނާ މަސްތާނާ" ގައި ޖޫހީ އާއި ސަލްމާން ވަނީ ފެނިގެން ގޮސްފަ އެވެ. އެފިލްމުގައި ސަލްމާން ފެނިގެންދިޔައީ މެހެމާނެއްގެ ރޯލެވެ.
މިދިޔަ މަހު މީސްމީޑިއާގައި ވައިރަލްވެފައިވާ ކުރީގެ ވީޑިއޯގައި ސަލްމާން ވަނީ ޖޫހީއާއި ކައިވެނި ކުރަން ބޭނުންވި ކަމަށް ބުނެފަ އެވެ. މިވީޑިއޯއަކީ 90 އަހަރު ތެރޭގެ ވީޑިއޯއެކެވެ.
މިވީޑިއޯގައި ސަލްމާން ބުނެފައިވަނީ ޖޫހީއާ ކައިވެނިކުރަން ބޭނުންވެގެން އެވާހަކަ ޖޫހީ ބައްޕަ ގާތުގައި ދެއްކުމުން އެކަމާ ދެކޮޅު ހެދިކަމަށެވެ. އަދި އެކަމާއި ޖޫހީގެ ބައްޕަ ދެކޮޅު ހެދީ ކީއްވެކަން ނޭނގޭ ކަމަށް ސަލްމާން ވަނީ ބުނެފަ އެވެ.
"ޖޫހީ އަކީ ވަރަށް ރަނގަޅު އަދި އެހާމެ ލޯބި ކުއްޖެއް. އަހަރެން އޭނަ ބައްޕަ ކައިރީ އެހެން ޖޫހީ އާއި އަހަރެން ކައިވެނިކުރަން އަހައިފިއްޔާ އެއްބަސްވާނަންހޭ. ޖޫހީގެ ބައްޕަ އެއްބަހެއް ނުވި،" ސަލްމާންގެ އިންޓަވިއުގައި ބުނެފައި ވެއެވެ.
ސަލްމާންގެ މިވީޑިއޯ އާއި ގުޅިގެން ސުވާލު ކުރުމުން ޖޫހީ ބުނެފައިވަނީ އޭރު އެއީ އޭނާގެ ބޮލީވުޑް ކެރިއަރު ފެށިގެން އައި ދުވަސްވަރު ކަމަށެވެ. ބޮލީވުޑްގައި މަސައްކަތް ކުރާ އެއްވެސް ފަރާތެއް އޭރު ނޭނގޭ ކަމަށްވެސް ޖޫހީ ބުންޏެވެ. އަދި އޭރު ސަލްމާން އަކީ އެންމެން ދަންނަ ސަލްމާންހާން ނޫންކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ޖޫހީގެ ފިރިމީހާ ޖޭ މެހެތާ އާއި ކައިވެނިކޮށްފައިވަނީ 1995 ވަނަ އަހަރު އެވެ. އަދި އެމީހުންގެ ދެ ދަރިންވެސް ތިބޭއިރު ސަލްމާން ހާން އަދި ދުވަހަކުވެސް ކައިވެންޏެއްކޮށްފައެއް ނުވެ އެވެ.
ޖޫހީ އެންމެ ފަހުން ފެނިފައިވަނީ ޕްރައިމް ވީޑިއޯ ތްރިލާ ސީރީޒް ހަޝް ހަޝް (2022) އިންނެވެ.
މީގެ އިތުރުން ސަލްމާން އިންތިޒާރު ކުރަމުންދަނީ އޭނާގެ އިންތިޒާރުގައި އޮތް ފިލްމު "ކިސީ ކާ ބައި ކިސީ ކީ ޖާން" ރިލީޒް ކުރުމަށެވެ.