ޖުމްހޫރީ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން މި ސަރުކާރުގައި އެބަ ތިއްބެވެ. އެއީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންނެވެ. ގާތްގަނޑަކަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ވިއްސަކަށް ޕަސެންޓް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާއިރު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ފަރާތްތަކަށް ހިނގަން އޮތީ މާފަސޭހަ މަގެއް ނޫނެވެ.
ސަރުކާރަށް ސަނާކިޔައި ސަރުކާރުގެ ސިޔާސަތު ރަނގަޅުކަމަށް ވާހަކަ ދައްކަމުން ސަރުކާރާ އިދިކޮޅަށް ކެމްޕޭނަކަށް ނުކުތުމަކީ ބުއްދީގެ ހަމައިން ބަލާއިރު ދެކޮޅު ޖެހޭ ކަމަކަށް ނުވާތީ އެވެ. އެހެންކަމުން ހާލަތު ބަދަލުކުރުމުގެ ބޭނުމުގައި އޭގެ ތެރެއިން ބަޔަކު ގެންދަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމާފައިވާތީ ކަމަށް ބުނެ، ޖުމުހޫރީ ޕާޓީއިން ވަކިވަމުންނެވެ. އަނެއް ބަޔަކު މަޑުމަޑުން ވަޒީފާގައި ތިބީ އެވެ.
ޖުމްހޫރީ ޕާޓީން ވަކިވި މީހުން ދެއްކި އުޒުރަށް ހިތްޕުޅުހަމަޖެހިވަޑައިނުގެން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ޕާޓީން ވަކިވަމުން ޕާޓީގެ މެނޭޖްމެންޓް ބަދުނާމުކޮށް ވާހަކަ ދެއްކުމުގެ ބަދަލުގައި ޕާޓީން ވަކިވާ ހަގީގީ ސަބަބު ހާމަކުރި ނަމަ މާ ރަނގަޅުވީހެވެ. އެ ސަބަބަކީ ސަރުކާރުގެ ވަޒީފާގައި ދެމި ތިބުމުގެ ބޭނުމެވެ.
ވަޒީފާގައި ދެމި ތިބުމުގެ ނިޔަތުގައި ނަމަވެސް ނުވަތަ ރައީސް ސޯލިހަށް ތާއީދުކުރައްވާތީ ކަމަށް ވިޔަސް ޖުމްހޫރީގެ މެންބަރުންގެ ހައިސިއްޔަތުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބަޔަކު އެ ޕާޓީއިން ވަކިވާނަމަ ސަރުކާރުގެ މަގާމުތަކުގައި ތިބުމުގެ ހައްގެއް އޮތް ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އެ މީހުންނަށް ލިބިފައި އޮތް މަގާމަކީ ޖުމުހޫރީ ޕާޓިގެ މެންބަރުންގެ ހައިސިއްޔަތުން ލިބިފައި ހުރި މަގާމުތަކަކަށްވުމެވެ.
ޖުމުހޫރީ ޕާޓީއަށް އެމަގާމުތައް ހަމަ ޖެހުނީ ކޯލިޝަން އެގްރީމެންޓެއްގެ ދަށުން ކަމަށް ވުމުން ޕާޓީން ވަކިވާ ހިސާބުން އެފަރާތްތަކަށް ލިބިފައި އޮތް ސިޔާސީ މަގާމު ދޫކޮށްލަން ޖެހޭނެ އެވެ. އާންމު އުސޫލެއްގެ ގޮތުން ކަންތައް ވާންޖެހޭ ރީތި ގޮތަކީ އެއީ ކަމަށް ވިޔަސް ރާއްޖޭގައި މިވަގުތު އެނބުރެމުންދާ ސިޔާސީ ރޯޅިފަށުގައި ރިވެތި އުސޫލުތަކާއި ހަމަތަކަށް މަރުހަބާ ކިޔުމެއް ނެތް ކަމުން ޖުމްހޫރީ ޕާޓީގެ އެއްބަޔަކު ޕާޓިން ވަކިވެ އަނެއްބަޔަކު ސަރުކާރުގައި ތިބެ ސަރުކާރާ އިދިކޮޅަށް ދަނީ ނިކުންނަމުންނެވެ.
ޖުމްހޫރީ ޕާޓީ މިވަގުތު ދަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ނިކުތުމަށް ތައްޔާރުވަމުންނެވެ. އިންތިޚާބަށް ނިކުންނަން އެޕާޓީގެ މައިގަނޑު ރޭވުމަކަށް އޮތީ ރައީސް ސޯލިހު މިހާތަނަށް ގެންގުޅުއްވި ފަލްސަފާ ކަމަށްވާ ބޮޑު ކޯލިޝަނެއް ހަދައިގެން ނިކުމެ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރުމެވެ. މި މަސައްކަތުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު ވާދަކުރާ ތަން ފެންނަނީ ރައީސް ސޯލިހުގެ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އެކަންޏެވެ. ކޮންމެ ބަޔަކު ވެސް މަސައްކަތްކުރަނީ ވީހާ ގިނަ ކުދި ޕާޓީތަކަކާ އެކު ކޯލިޝަން ހެދޭތޯ އެވެ. ރާއްޖޭގައި އިންތިޚާބެއް ކާމިޔާބުކުރުމަށް ފުރުސަތު އޮތީ އެގޮތަށް ކަމަށް ބަލައިގެންނެވެ.
ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބުކުރަން ކުރާ މަސައްކަތް ކާމިޔާބު ވިޔަސް ނުވަތަ ނުވިޔަސް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ލީޑާޝިޕުގެ ދަށުން ހިންގާ ޖުމްހޫރީ ޕާޓީއަށް ޔަގީން އެއްކަމެއް އޮވެ އެވެ. ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ހިނަގައްޖެ ނަމަ އެޕާޓީގެ މުހިންމުކަން އިތުރުވާނެ ކަމެވެ. އެގޮތުން ހޮވޭ ސަރުކާރެއްގައި އެ ޕާޓީގެ ބޮޑު ހިއްސާ އެއް އޮންނަން ޖެހޭނެކަމެވެ. ޖުމުހޫރީ ޕާޓީގެ ހިޔަލުގައި މަސައްކަތްކުރުމަށް ތަފާތު ޕާޓީތަކުން ދާ ސިޔާސީ މީހުންނަށް އޮންނަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެސް އެއީ އެވެ.
ފާއިތުވެ ދިޔަ ތަނަށް ބަލާއިރު ސިޔާސީ ކެރިއަރެއް ބިނާކުރުމަށް ޖުމުހޫރީ ޕާޓީ ފާލަމެއްގެ ގޮތުގައި ބޭނުންކުރި މީހުންގެ އަދަދު މަދެއް ނޫނެވެ. ޕާޓީގެ ނަމުގައި ލިބޭ މަގާމުގެ ބޭނުންކޮށް ސިޔާސީ ކުރިއެރުމާއި މަޝްހޫރުކަން ހޯދުމަށް ފަހު އެވަގުތަކު ބާރުގައި އޮންނަ ޕާޓީއެއްގެ ފަހަތަށް އެރުމަކީ ޖުމުހޫރީ ޕާޓީގެ އިސް ސަފުގައި މަސައްކަތްކުރާ މީހުންގެ ވަރަށް ބޮޑު އާދައެކެވެ.
ސިޔާސީ ކެރިއަރެއް ބިނާ ކުރުމަށްފަހު ޕާޓީން ވަކިވާ މީހުންނެކޭ އެއްފަދައިން ސިޔާސީ މަސްރަހުގައި ދިމާވާ ހުރަސްތަކުން ސަލާމަތް ވުމަށް ބޭނުންކުރެވޭ ނިވައިފަތްގަނޑަކަށް ވެސް ޖުމުހޫރީ ޕާޓީ ބޭނުން ކުރެވެ އެވެ. ވެރިކަމުން ވެއްޓޭ ޕާޓީއަށް ދިމާވާ ސިޔާސީ ފިއްތުންތަކުން އަތުވެދާނެ "ހަމަލަ"އަކުން ސަލާމަތްވުމުގެ ބޭނުމުގައި ވެސް ޕާޓީ ބަދަލުކޮށް ޖުމުހޫރީ ޕާޓީއާ ގުޅޭތަން ފެންނަމުންދެ އެވެ. މިފަދަ ފަރާތްތަކަށް އޮންނަ ޔަގީން ކަމަކީ ކޮންމެ ބަޔަކު ވެރިކަމަށް އައި ކަމަށް ވިޔަސް ޖުމްހޫރީ ޕާޓީގެ ބޮޑު ހިއްސާއެއް ސަރުކާރުގައި އޮންނާނެ ކަމެވެ. އެ ހާލަތުގައި އެ ޕާޓީގެ ސިޔާސީ އެކްޓިވިސްޓުން ހާސިލްކުރަން ބޭނުންވާ ކަމެއް ސަރުކާރުގެ ތެރެއިން ލިބޭނެ ކަމެވެ. އެއީ ވަޒީފާ ކަމަށް ވިޔަސް ސިޔާސީ ރައަކާތެރިކަން ކަމަށް ވިޔަސް އެކަމެއް ހާސިލްކުރުމަށްޓަކައި ގުޅެން ޖުމްހޫރީ ޕާޓި ވަރުގެ ޕާޓީ އެއްނެތެވެ. އެހެންކަމުން އެފަދަ ވިސްނުމެއް އޮތްނަމަ ޖުމްހޫރީ ޕާޓީއަށް ނުވަންނަވީ ސަބަބެއް އޮތް ކަމަކަށް ނުފެނެ އެވެ.