ފެނަކަ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ އަވަހަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފި އެވެ.
މިމައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.
އާދަމް ޝަރީފް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ ފެނަކަ އިން ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށްފަހު މާލެއާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާއަށް ދަރާފައިވާކަމަށެވެ. އަދި އެ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިވެ، މުވައްޒަފުންނަށް މުސާރަ ނުދެވި އަދި ކުލި ދެއްކުންފަދަ ކަންކަން ހަމަޖައްސަން ދަތިވެ، ބައެއް ވިޔަފާރިތައް ހުއްޓި، ބައެއް ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"ފެނަކައިން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެކަމުގެ ޝަކުވާތައް ތަކުރާރުކޮށް ކުރުމުންވެސް، ފައިސާ ނުލިބުމުން، ބައެއް ފަރާތްތަކުން ފެނަކަ މައި އޮފީސް ކުރިމަތީގައި މުޒާހަރާކުރާ ހިސާބަށް ފެނަކައިގެ ހާލަތު ގޯސްވެ، ފެނަކައާއިމެދު ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކާއި ޢާންމު ރައްޔިތުންގެ އިތުބާރު ގެއްލިފައި" މައްސަލައިގައި ބުނެފައިވެ އެވެ.
ފެނަކައިން އެތައް ބަޔަކަށް ދަރައި، ކުންފުނި ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާއިރުވެސް، އެކަންކަމަށް ރިޢާޔަތް ކުރުމެއް ނެތި، ސިޔާސީ ކަންކަމަށާއި އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ފެނަކަ އިން އެތައް ހަރަދެއް ކުރަމުންދާކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދި ކުންފުނި ހިންގުމާއި ވިޔަފާރީގެ މުއާލަމާތްތައް ހިންގުމުގައި ކޮރަޕްޝަންގެ އެތައް ކަމެއް ހިނގަމުންދާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ރިޕޯޓުކޮށްފައިވާކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.
އެހެންކަމުން ފެނަކައިން ކުދިވިޔަފާރިތަކަށާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް އެ ފަރާތްތަކަށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި ފެނަކައިގެ ދަރަނި ބޮޑުވާންޖެހުނު ސަބަބުތަކާއި އެކަންކަމަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ފެނަކައިގެ މެނޭޓްމަންޓާއި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި، ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލައި ކުންފުނި ބަނގުރޫޓު ވިޔަނުދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.
ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވިއިރު ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ.
ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުލިބިގެން ފެނަކަ މައި އޮފީހުގެ ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ.