ކޮލްކަތާގައި އެސިޑް ހަމަލާއިން ސަލާމަތްވި މީހުންނާ ޝާހްރުކް ޚާން ވަނީ ބައްދަލުކޮށްފި އެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ދާދި ފަހުން ކޮލްކަތާއަށް ދިޔައީ އޭނާގެ ޓީމު ކޮލްކަތާ ނައިޓް ރައިޑާސް، އަދި ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބައްދަލުކުރި އައިޕީއެލް މެޗު ބެލުމަށެވެ. އެމެޗު ބެލުމަށް ފަހު މުމްބާއީއަށް ދިޔުމުގެ ކުރިން ޝާހްރުކް ވަނީ ކޮލްކަތާ ގައި އެސިޑް ހަމަލާއިން ސަލާމަތްވި ބައެއް މީހުންނާ ބައްދަލުކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.
ޝާހްރުކް އަންނަނީ މީރު ފައުންޑޭޝަން ނަމުގައި މިފަދަ ހަމަލާތުގައި އެކި އަނިޔާވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ފައުޑޭޝަން އަކީ ޝާހްރުކްގެ ބައްޕަގެ ނަމުން ނަންދީފައިވާ ފައުންޑޭޝަނެކެވެ.
އެސިޑް ހަމަލާއިން ސަލާމަތްވި މީހުންނާއެކު ޝާހްރުކް ބޭއްވި ބައްދަލުކުރެއްވުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ. މިއާއެކު އޭނާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
އެގޮތުން
އެކްޓަރު ޝާހްރުކް އެންމެ ބޮޑު ފޭން ކްލަބުގެ ޓްވިޓާ އެކައުންޓް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޝާހްރުކް އަކީ ހުރިހާ އެންމެންގެ ހިތް އަތުލާފައިވާ މީހެއް ކަމަށެވެ.
"ޖޯ ދިލް ޖީއްޓޭ ހޭން ވޯ ކަބީ ހާރްތޭ ނާހީ" ޓްވީޓްގައި ބުނެފައިވެ އެވެ.
ޝާހްރުކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ޕަތާން" އިންނެވެ. މިފިލްމަކީ މިއަހަރު އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެ އެވެ.
ޝާހްރުކާއި ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމް ލީޑުން ފެނުނު "ޕަތާން" ފިލްމަށް މިހާތަނަށް ވަނީ 130 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
އެމެރިކާގެ ޓައިމް މެގަޒިން އިން އަހަރަކު އެއްފަހަރު ހޮވާ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓަށް ވޯޓު ދިނުމަށް ހުޅުވާލި ޕޯލުން އެންމެ ކުރީގައި ހިމެނެނީވެސް ޝާހްރުކް އެވެ.