މިއަހަރު ބާއްވާ 68 ވަނަ ފިލްމުފެއާ އެވޯޑްސް ހޯސްޓްކުރާނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާނެވެ. މި އެވޯޑްސް ހަފްލާ އޮންނާނީ މި މަހު 27ގަ އެވެ. މި އެވޯޑްސް ހަފްލާ ކަލާޒް ޓީވީއިން ދެއްކުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ އެވެ.

މިކަމާ ބެހޭ ގޮތުން މުމްބާއީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލްމާން ވަނީ އެވޯޑްސް ހަފްލާއާ ބެހޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދީފަ އެވެ.

މީގެ އިތުރުން މިހާރު ކުރިއަރަމުން އަންނަ ޒުވާން އެކްޓަރުންނާ ބެހޭ ގޮތުން ވެސް ސަލްމާން ވަނީ ވާހަކަ ދައްކާފަ އެވެ. ޝާހްރުކް ޚާން، އާމިރު ޚާން، އަޖޭ ދޭވްގަން އަދި އަކްޝޭ ކުމާރަށް އިޝާރާތްކޮށް ސަލްމާން ބުނީ އެ އެންމެން ވެސް އެކަން އާ އެކްޓަރުންނަށް ދޫކޮށްނުލާނެ ކަމަށެވެ.

"އެ އެންމެންނަކީ ވެސް ބުރަ މަސައްކަތެއް ކުރާ ބައެއް. ހުރިހާ އެންމެން (ތިބީ) ވަރަށް ފޯކަސްކޮށްގެން. އެކަމަކު އަހަރެމެން ފަސް މީހުން އެހާ ފަސޭހައިން އެކަން ދޫކޮށްލާކަށް ނޫޅެން،" ސަލްމާން ބުންޏެވެ.

https://www.youtube.com/watch?v=FEQkq5deWsg&t=1s

އޯޓީޓީ ކޮންޓެންޓް ސެންސަރު ކުރުމަށް ތާއީދުކޮށް ވެސް ސަލްމާން ވަނީ ވާހަކަ ދައްކާފަ އެވެ. ފިލްމު އިންޑަސްޓްރީ އިތުރަށް ފުޅާކުރުމަށް އިންޑިއާގައި އިތުރު ސިނަމާތައް ހުޅުވުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވެސް އޭނާ ވަނީ ވާހަކަ ދައްކާފަ އެވެ.

އަދި ފިލްމުތައް މަސައްކަތް ނުކުރާ ކަމަށް އެއްބަސްވެ، "ތިއޭޓަރިކަލް އޮން ޑިމާންޑް" ފިލްމުތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އިންޑިއާގެ އަސްލަށް ބިނާކޮށް އުފައްދާ ފިލްމުތަކުން މިހާތަނަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ސަލްމާން މިހާރު ހުރީ އީދު ދުވަހު ރިލީޒްކުރާ އޭނާގެ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އާއްމުންނަށް ފެނުމުގެ އިންތިޒާރުގަ އެވެ. ދެން ނުކުންނާނެ އޭނާގެ ފިލްމަކީ ކެޓްރީނާ ކައިފްއާ އެކު ކުޅޭ "ޓައިގާ 3" އެވެ.